އެޓޯލް ފުޓްބޯޅަ ކުލަބް: އަލީ ވަހީދުގެ އަމާޒުތައް އަސްދަނޑިން ބޭރުގައި!

އަލީ ވަހީދު ރޭ އެޓޯލް ފުޓްބޯލް ކްލަބް ލޯންޗް ކުރަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަލީ ވަހީދު ރޭ އެޓޯލް ފުޓްބޯލް ކްލަބް ލޯންޗް ކުރަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި އެޓޯލް ފުޓްބޯޅަ ކުލަބާ އެކު ދިވެހި ފުޓްބޯޅަ އަށް އިންގިލާބީ ބަދަލެއް ގެންނަވާނެކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު، އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި ފުޓްބޯޅަ ކޯޗިންގެ ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު އަލީ ވަހީދު އެނބުރި މާލެ ވަޑައިގަތީ ޖުލައި 11 ވަނަ ދުވަހު އެވެ. އެ ދުވަހު މާލެ ވަޑައިގެން އަލީ ވަހީދު ވަނީ އޭނާގެ އެންމެ ބޮޑު ފޯކަސް އޮތީ ފުޓްބޯޅަ އަށް ކަމަށާއި ވިސްނުމަކީ ކްލަބަކާ ގުޅިގެން ފުޓްބޯޅަ އަށް ހިދުމަތްކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.

ފުޓްބޯޅައަށް ހިދުމަތްކުރައްވާނެ ގޮތުގެ މާސްޓާ ޕްލޭން ހިއްސާކުރުމަށް ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އަލީ ވަހީދު ވަނީ އޭނާގެ އާ ކުލަބު ތައާރަފްކުރައްވާފަ އެވެ. "އެޓޯލް ފުޓްބޯޅަ ކުލަބު"ގެ ނަމުގައި އާ ކުލަބެއް އުފައްދަވައި އެ ކުލަބާއިއެކު ފުޓްބޯޅައިގެ ކަންކަން ކުރިއަށްގެންދަން ރާވާފައިވާ ގޮތް އޭނާ ހިއްސާކުރެއްވި އެވެ.

މިގޮތުން އެޓޯލް ފުޓްބޯޅަ ކުލަބަށް އެނަން ދެވުނު ސަބަބާއި، ކުލަބުގެ ލޯގޯ އާއި ކުލަބުގެ ކުލަތައްވެސް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ.

ކުލަބުގެ މާސްޓާ ޕްލޭނުގައި އަލީ ވަހީދު ފާހަގަކުރައްވާފައިވަނީ މައިގަނޑު ފަސްކަމެކެވެ. އެއީ މިއަދުން ފެށިގެން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ފަސްކަންތަކެވެ.

އަލީ ވަހީދު (މ) ގެ ޗެއާމަންކަމުގައި ނިއު ރޭޑިއަންޓަށް ކާމިޔާބު ހޯދައިދިން ދެ ތަރިން ކަމަށްވާ ދަގަނޑޭ (ކ) އާއި .އުމެއިރު (ވ).-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެޓޯލް ފުޓްބޯޅަ ކުލަބުން ހާސިލްކުރަން ބޭނުންވާ އަމާޒުތައް

1. ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ކުލަބު ނެޓްވޯކެއް ބިނާކުރުން.

2. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ކުލަބުގެ ވިއުގައެއް ގާއިމް ކުރުން.

3. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދުން.

4. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދުން.

5. ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި ގައުމީ ޓީމަށް އާ ޖީލެއް ބިނާކުރުން.

6. ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ވޯލްޑް ކަޕަށް ދިވެހިރާއްޖެ ކޮލިފައިވުން.

ކުލަބުގެ އަމާޒުތައް ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކުލަބުގެ ބިންގާ ރަނގަޅުކުރުމަށް ކަމަށާއި، މިގޮތުން ފުރަތަމަ ތިން އަހަރުގައި ބައިނަލްއަގްވާމީ ނެޓްވޯކެއްގެ ތެރެއިން ދިވެހި ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފުޓްބޯޅައިގައި ކުރިއަށްދިޔުމަށް ބޭނުންވާ މަގު ތަނަވަސްކޮށްދިނުންކަމަށެވެ.

"އިންގްލެންޑް، ސްޕެއިން، މިޑްލްއީސްޓް، ދިވެހިރާއްޖެ ހިމެނޭހެން އަޅުގަނޑުމެން ނެޓްވޯކެއް ގާއިމްކުރާނަން. ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުލަބެއް އިންޓަނޭޝަނަލް ނެޓްވޯކެއްގެ ތެރެއަށް ވަންނާނެ."

"ދިވެހިރާއްޖޭގެ ޓެލެންޓްސް ހޯދައި އެ ކުޅުންތެރިންނަށް ކުލަބުން ފުރުސަތު ދޭނަން. އަދި އެ ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށްވެސް ބޭނުންވާ ކަންކަން ކުރާނަން"

އަލީ ވަހީދު ރޭ އެޓޯލް ފުޓްބޯލް ކްލަބް ލޯންޗް ކުރަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ކުލަބުތަކަށް ބުނެލަން ބޭނުންވަނީ ރޭހަށް އަޅުގަނޑުމެން މިރެއިން ފަށައިގެން ނިކުތީއޭ. ތިބޭފުޅުންވެސް ގަދަކުރޭ، އަޅުގަނޑުމެންވެސް ގަދަ ކުރާނާން. ފައިދާކުރާނީ ހަމަ ދިވެހި ފުޓްބޯޅައަށް."

ކުލަބުން ކުޅުންތެރިން ތަރައްގީކުރުމުގައި މައިގަނޑު ހަތަރުކަމަކަށް އިސްކަންދޭނެކަން ފާހަގަކުރަމުން އަލީ ވަހީދު ވިދާޅުވީ މިހާރުގެ ފުޓްބޯޅައިގައި މި ހަތަރުކަންތަކަކީވެސް ކާމިޔާބަށްދާން ބަލާއިރު މުހިންމު ކަންތައްތައް ކަމަށެވެ. މިގޮތުން ކުޅުންތެރިޔާގެ ޓެކްނިކަލް ހުނަރު ތަރައްގީކުރުމާއި، ފިޒިކަލީ ރަނގަޅުކުރުމާއި، ސައިކޮލޮޖިކަލީ ވަރުގަދަކުރުމުގެ އިތުރުން ސޯޝަލީ މީހުންނާ ގުޅޭ ބަލައިގަންނަ ކުޅުންތެރިއަކަށް ހަދަން އެކުލަބުގެ އެކަޑީއިން މުހިންމު އިސްކަމެއް ދެއްވާނެކަމަށެވެ.

އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގައި ކޯޗިންގެ ކަންކަން ދަަސްކޮށް އުނގެނެމުންދިޔައިރު އެންމެ ބޮޑަށް ފާހަގަވިކަމަކީ އެކަޑެމީތަކުގައި މި ހަތަރުކަމަށް ފޯކަސް ކުރެވިގެން ގިނަ މަސައްކަތްތަކެއް ކުރުން ކަމަށާއި، ރާއްޖޭގެ ބެލެނިވެރިންނާއި އެކަޑެމީތަކުގެ ކޯޗުން ގުޅިގެން މި ހަަތަރުކަންތަކަށް ފޯކަސްކޮށްގެން މަސައްކަތްކޮށްފި ނަމަ ހުނަރުހުރި ވަރުގަދަ ތަރިންތަކެއް އުފެއްދޭނެކަމަށެވެ.

މިވަރުގެ ބޮޑު މާސްޓާ ޕްލޭނެއް ތަންފީޒުކޮށް ކުރިއަށްގެންދިޔުމަށް ބޭނުންވާ ފައިސާ ހޯދާނީ ކިހިނެއްތޯ ނޫސްވެެރިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ސްރީލަންކާގެ ބައެއް ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކުންވެސް ސްޕޮންސާޝިޕް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ދިވެހި ފުޓްބޯޅަ ހިންގުމަށް ފައިސާ ލިބޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

މިސާލެއްގެ ގޮތުގައި އަލީ ވަހީދު ސިފަކުރެއްވީ 2012ގައި ނިއުރޭޑިއަންޓާ ހަވާލުވެ އެކުލަބު ހިންގެވިއިރު ވެސް ކުލަބަށް އޭނާ އަމާޒުކުރެއްވި އަދަދަށް ފައިސާ ހޯއްދެވިކަމާއި، އެކުލަބަށް ބޭނުންވާ ކާމިޔާބީ ލިބި ރަނގަޅު މިސްރާބަކަށް ކުލަބު ގެންދެވުނު ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެޓޯލް ފުޓްބޯޅަ ކުލަބުގެ ޗެއާމަން އަކީ އޭނާ ނޫންކަމަށާއި، އޭނާ އަކީ ކުލަބުގެ ޑިރެކްޓަ އޮފް ފުޓްބޯލް އަދި ކުލަބުގެ ހެޑް ކޯޗު ކަމަށެވެ. އެހެންކަމުުން، ނަތީޖާ ނުުނެރެވޭ ހިސާބުން ޒިންމާ ނަގާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަތޮޅުތަކުގެ ކުލަބުތަކާ، ޖަމިއްޔާތަކާ ގުޅިގެން މުޅި ރާއްޖެ ހިމެނޭ ވިއުގައެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox