އަނިޔާގެ ސަބަބުން އުއްމީދީ ދުވުންތެރިޔާ އިބާދުﷲ އާދަމް ނުހިމަނައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ އެތުލެޓިކްސް ގައުމީ ޓީމު އެކުލަވާލައިފި އެވެ.
އަންނަ މަހުގެ 25 އިން ސެޕްޓެމްބަރު ތިނަކަށް މަޑަގަސްކަރައިގައި އޮންނަ އައިއޯއައިޖީއަކީ ގައުމީ އެތުލެޓިކްސް ޓީމުން އެންމެ ދުރާލާ ތައްޔާރުވާ އެއް މުބާރާތެވެ. މިދިޔަ ދެ ގޭމްސްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި އެތުލެޓިކްސް ޓިމުގެ އަމާޒަކީ މިއަހަރު އިތުރު މެޑަލްތަކެއް ހޯދުމެވެ.
މިފަހަރު އެކުލަވާލި ގައުމީ ޓީމުން ބާކީވި ފާހަގަކޮށްލެވޭ ދުވުންތެރިއަކީ އިބާދުﷲ އާދަމް އެވެ. އޭނާ އަށް ޓީމުން ޖާގަ ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. މިދިޔަ އަހަރުން ފެށިގެން ޖެމެއިކާގައި އިބާދުﷲ ތަމްރީން ހަދަމުން އައީވެސް އައިއޯއައިޖީއަށް އަމާޒުކޮށްގެންނެވެ. ނަމަވެސް ފަހު ވަގުތު އަނިޔާވެ އޭނާއަށް މިއަހަރު ބާކީ ހުރި މުބާރާތްތަކުގައި ވާދަނުކުރެވޭނެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މިފަހަރު އެތުލެޓިކްސް އިން ވާދަކުރަނީ ބޮޑު ސްކޮޑެކެވެ. މިގޮތުން 10 ފިރިހެން ދުވުންތެރިންނާއި 10 އަންހެން ދުވުންތެރިން މިފަހަރުގެ ޓީމްގައި ހިމެނެ އެވެ.
އައިއޯއައިޖީގައި ވާދަކުރާ ޓީމަށް ނެގި 10 ފިރިހެން ދުވުންތެރިންނަކީ ހަސަން ސާއިދު، ހުސެއިން ރިޒާ، ޔޫސުފް އިބްރާހީމް، ހުސެއިން ފަޒީލް ހާރޫން، މުހައްމަދު މިންހާލް ޝާމިން، އިބްރާހީމް ނާހިލް ނިޒާރު، އަބްދުއްރަޝީދު އިސްމާއީލް، އާދަމް ރިފްއަތު، ހުސެއިން ޒީކް ސައުދު އަދި އަހުމަދު ނަޖުދާން ޢަބްދުﷲ އެވެ.
މި ދުވުންތެރިންގެ ތެރެއިން ގިނައީ ފުރަތަމަ ފަހަރަށް އައިއޯއައިޖީގައި ވާދަކުރާ ދުވުންތެރިންނެވެ. ޓީމްގައި ހިމެނޭ އެންމެ ސީނިއާ ދުވުންތެރިޔާ ސާއިދު ވަނީ މީގެ ކުރިން އޮތް ދެ ގޭމްސްގައިވެސް މެޑަލް ހޯދާފަ އެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 2015ގެ ގޭމްސްގައި އޭނާ ހޯދި ރަން މެޑަައްޔެވެ. އެ ފަހަރުގެ ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ހޯދި ރަން މެޑައްޔަކީ ރާއްޖޭގެ ތާރީހުގައި މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖޭގެ އެތުލީޓަކު ހޯދި ފުރަތަމަ ރަން މެޑައްޔެވެ.
އައިއޯއައިޖީއަށް ނެގި އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ހިމްނާ ޙަސަން، މަރިޔަމް ރޫޔާ އަލީ، މަރިޔަމް އަލްހާ ޙުސެއިން، އަހްނާ ނިޒާރު، ހައްވާ މުޒްނާ ފާއިޒް، ޒިވާ މޫޝާ ޝަފީއު، އައިމިނަތު ލަޔާނާ މުޙައްމަދު، ފަސޫހާ އަޙުމަދު، ޝަމްހާ އަޙުމަދު އަދި އައިޝަތު ޝަބާ ސަލީމް އެވެ.
މިދިޔަ ގޭމްސްއާ ހިލާފަށް މިފަހަރުގެ ގޭމްސްގައި އަންހެން ރިލޭ މެޑަލްއަކަށް އެސޯސިއޭޝަނުން ވަރަށް ބޮޑަށް އުއްމީދުކުރެ އެވެ. މިގޮތުން ރިލޭ ޓީމް އެކުގައި ގިނަ ދުވަސްތަކެއްވަންދެން ތަމްރީންކުރިކަންވެސް ފާހަގަކޮށްލެވެ އެވެ.
ގޭމްސް އަށް ތައްޔާރުވުމަށް ހިމްނާ، މިންހާލް އަދި ރޫޔާ ތަމްރީން ހަދަމުންދިޔައީ ޖެމެއިކާގަ އެވެ. ދެން ޓީމްގައި ހިމެނޭ ހުރިހާ ދުވުންތެރިން ކަހަލަ ގޮތަކަށް ތަމްރީން ހަދަމުންދިޔައީ އިންޑިއާގެ ބެންގަލޫރުގަ އެވެ.
މިފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ޕެރަ ދެ އެތުލީޓަކުވެސް ވާދަކުރާނެ އެވެ. ޕެރަ ޓީމްގައި ހިމެނޭ ފިރިހެން ދުވުންތެރިއަކީ އަބްދުއްރައްޒާގު އަބްދުއްސަމަދު އެވެ. އޭނާގެ ގައިޑަކީ އާތިފް އިބްރާހިމް އެވެ. އަންހެން ދުވުންތެރިއަކީ ފާތިމަތު އިބްރާހިމް އެވެ. އޭނާގެ ގައިޑްގެ ގޮތުގައި ބައިވެރިވާނީ ފާތިމަތު ޝަމްހާ އެވެ.












