2007 ގެ އެޕަލް އައިފޯނެއް އެމެރިކާގައި ބޭއްވި ނީލަމެއްގައި 190،372.80 ޑޮލަރަށް ވިއްކާލައިފި އެވެ.
ދުވަހުން ދުވަހަކަށް އަގު ވެއްޓެމުންދާ އެހެން އައިފޯނުތަކެކޭ ހިލާފަށް، އަދި އޮން ވެސް ކޮށްފައިނުވާ 4 ޖީބީގެ މި ފުރަތަމަ އެޑިޝަން ފޯނަށް ވަނީ އައިފޯން ކަލެކްޓަރުންގެ ޝައުގުވެރިކަން ލިބިފަ އެވެ. އެލްސީޖީ އޮކްޝަންސް އިން އިންތިޒާމްކުރި ނީލަމުގައި މަދުން ނޫނީ ނުފެންނަ މި އައިފޯނަށް ޖުމްލަ 28 ބިޑް ހުށަހަޅާފައިވާއިރު، ވިކިފައިވާ އަގަކީ އޭގެ އަސްލު އަގުގެ ގާތްގަނޑަކަށް 400 ގުނަ އެވެ.
ފައިނަލް އަގުގައި. ގަންނަ ފަރާތުން ދައްކާ އަދަދުގެ އިތުރުން، "ބަޔާސް ޕްރީމިއަމް" ކިޔާ އިދާރީ ފީއެއް ވެސް ހިމެނެ އެވެ. އަދި މި ފީ އަކީ ވިއްކާ ފަރާތުގެ ބަދަލުގެ އޯކްޝަން ބާއްވާ ފަރާތަށް ލިބޭ ފީ އެކެވެ.
އެލްސީޖީ އޮކްޝަންސް އިން މި އައިފޯން ސިފަކޮށްފައިވަނީ "މަޝްހޫރު ހައި އެންޑް" އަދި "ރެޑް-ހޮޓް ކަލެކްޓިބަލް" އެއްގެ ގޮތުގަ އެވެ. އަދި މީގެ އިތުރުން ވެސް ފެކްޓްރީގައި ބަންދުކޮށްފައިވާ ފުރަތަމަ އެޑިޝަންގެ ދެ އައިފޯނެއް، ދާދި ފަހުން ރެކޯޑް އަދަދަކަށް ވިއްކާފައިވާކަން އެފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.
ވިއްކާލާފައިވާ މަދުން ނޫނީ ނުފެންނަ މޮޑެލް އަކީ ފެކްޓްރީގައި ބަންދުކުރިގޮތަށް، ފޯނުގެ ހުރިހާ ފަރާތެއްގެ އޮމާންކަން ފުރިހަމައަށްވާ، އަދި ޕެކޭޖިންއަށް ވެސް އެއްވެސް އުނިކަމެއް ލިބިފައި ނުވާ ފޯނެކެވެ. ފެކްޓްރީގެ ސީލް އެއްވެސް ގެއްލުމެއް ނުލިބި ހުރިއިރު، އައުކަމުގެ ތަފްސީލުތައް ހާމަވެ އެވެ.
އެޕަލްގެ ސީއީއޯ ސްޓީވް ޖޮބްސްގެ ލީޑަޝިޕްގައި 2007 ގައި ފުރަތަމަ ނެރުނު، 4ޖީބީގެ މި އައިފޯން މޮޑެލް އަށް އޭރު ލިބުނީ ފިނި ތަރުހީބެކެވެ. ނަތީޖާއެއްގެ ގޮތުން ތައާރަފްކުރިތާ އެންމެ ދެ މަސް ފަހުން މި މޮޑެލް ވިއްކުން ހުއްޓާލަން އެޕަލް އިން ނިންމި އެވެ. ގިނަ ކަސްޓަމަރުން ހިޔާރުކުރީ 100 ޑޮލަރު އިތުރަށް ލިބޭ 8 ޖީބީގެ މޮޑެލް އެވެ.
ވިކިފައިވާ ފޯނުގެ އަސްލު އަގަކީ 599 ޑޮލަރެވެ. އަދި ނީލަމުގައި 50،000 އާއި 100،000 ޑޮލަރާއި ދެމެދު އަގެއްގައި ވިކޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރި އެވެ.
މަދުން ނޫނީ ނުފެންނަ އެޕަލްގެ ހަނދާނީ ތަކެތި ނުވަތަ ސްޓީވް ޖޮބްސްގެ ދިރިއުޅުމާއި ކެރިއަރާއި ގުޅުން ހުރި ތަކެތި ދޭތެރެދޭތެރެއިން ނީލަމުގައި އަގުބޮޑުކޮށް ވިކެ އެވެ. މީގެ ތެރޭގައި ސްޓީވް ޖޮބްސް ސްކޫލްގެ އަހަރީ ފޮތެއްގައި ލިޔުނު ޅެމަކުން ފެށިގެން ކޮލެޖް ފޮޓޯތަކާއި 1978 ވަނަ އަހަރުގެ ބިޒްނަސް ކާޑެއް ވެސް ހިމެނެ އެވެ.








