ޒުވާން ދިވެހި ނަރުހުން އުފެއްދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ ސްކޯލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖާ ގުޅިގެން ކުރިއަށް ގެންދާ "ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިން ސްކޮލާޝިޕް"ގެ މަގުސަދަކީ ތައުލީމާއި ތަމްރީނުގެ ރޮގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ހިދުމަތް ފުޅާކުރުމެވެ.
މި ޕްރޮގްރާމުން ފުރުސަތު ދެނީ ސެޕްޓެމްބަރު އިންޓޭކަށެވެ. އެއީބީއެސްސީ (އޮނާސް) ނާސިން (އިންޓަރނޭޝަނަލް) ޓޮޕް-އަޕްއިން ކޯހުން ދެ ޖާގަ އަދި ޑިޕްލޮމާ އިން ނާސިންއިން ކޯހުން ފަސް ޖާގަ އެވެ.
ހުންނަންޖެހޭ ޝަރުތުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރެއްވުމަށް ފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- އަލަށް ކޯހަށް ވަންނަ ނުވަތަ މިހާރު ކިޔަވަމުންދާ ދަރިވަރަކަށް ވުން.
- ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ނުވުން.
މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ސުންގަޑިއަކީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުގެ ހަވީރު 17:00 ގެ ކުރިންނެވެ.
މި ސްކޮލަޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގު ފަހިވެގެންދާނެ ފުރުސަތެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ގަބޫލުކުރެ އެވެ.











