މިދިޔަ މަހު 21 އިން މި މަހު ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕަށް މެދުކެނޑާލި އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ޝެޑިއުލާ އެއްގޮތަށް މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަައިގައި އޮފީހަށް ނުނިކުންނާތީ މާދަމާ ލީގު އަލުން ނުފެށިދާނެ ކަމަށް ބެލެވުނު ނަމަވެސް އެފްއޭއެމުން ވަނީ ލީގު ފަށަން ނިންމައި، މިއަދު މެޗުތަކުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ތާވަލުކޮށްފަ އެވެ.
ލީގުގެ މެޗުތައް އެންމެ ފަހުން ކުޅެފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. ލީގުގެ ކުޅުން 56 ދުވަސް ފަހުން، މާދަމާ ފަށާއިރު، މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އަދި މާދަމާރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޓީސީ ސްޕޯޓްސް ކްލަބާ ކުޅޭ މެޗު އޮންނާނެ އެވެ.
ލީގު އަލުން ފަށާއިރު، ދެ ޓީމެއްގެ ކޯޗުން މި ވަނީ ބަދަލުވެފަ އެވެ. ބަލި ހާލަތު ހުރި ގޮތުން، ކްލަބް އީގަލްސްގެ ކޯޗަކަށް ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ބަދަލުގައި އެ ޓީމަށް އިރުޝާދުދޭނީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މޯހަން އަލުން އީގަލްސްއާ މި ހަވާލުވި ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ވެސް ވަނީ ޖެހިޖެހިގެން ތިން ވަނަ ސީޒަނެއް ފަށައިގެން މާގިނަ ދުވަހެއް ނުވެ ކޯޗު ބަދަލުކޮށްފަ އެވެ. އެ ގޮތުން މާޒިޔާ އަށް އިރުޝާދު ދެމުން އައި ބަލްގޭރިއާގެ ކޯޗު އިވާން ކޮލޭވް މަގާމުން ދުރުވުމާ އެކު އެ ޓީމުން ވަނީ ބޮސްނިއާ އަށް އުފަން ކޯޗެއް ކަމަށްވާ މިލޮމީރް ސެސްލިޖާ (މިލޯ) ހަމަޖައްސައިފަ އެވެ.
މި ވަގުތު އޮތް ތާވަލަށް ބަލާއިރު، ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސަސް އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބުރު ސްޕޯޓްސް ކްލަބަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްގެ ތިން ޕޮއިންޓް އޮތްއިރު، ހަތް ވަަނައިގައި އޮތް ވެލެންސިއާ އާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.












