ރިޕޯޓުރިޔާސީ ކެންޑިޑޭޓުގެ "ކުށުގެ ރެކޯޑު" ސާފުވުމުގެ މަސްލަހަތު

ރިޔާސީ ކެންޑިޑޭޓުގެ "ކުށުގެ ރެކޯޑު" ސާފުވުމުގެ މަސްލަހަތު

"އިސްތިއުނާފަކީ އަސާސީ ހައްގެއް، އިސްތިއުނާފު ކުރުމުން އޭނާއަކީ މައުސޫމެއް ގޮތުގައި ދެކެން ޖެހޭނީ، އެ ގާނޫނީ ބަހުސް އެބަ އޮތް، ހައި ކޯޓު ލަސްވާ ހާލަތެއްގައި ވެސް ސުޕްރީމް ކޯޓަށް ދާނަން، އެ މީހާގެ ކެންޑިޑެސީ މައްސަލަ ވެސް އެބަ ލެވޭ،" ޖަމީލު ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓުގެ "ކުށުގެ ރެކޯޑު" ސާފުކުރަން ޝަރުއީ މަރުހަލާތައް ކަޑައްތުނުވެ އޮތުމާއި ކެންޑިޑެސީ ބަލައިގަތުމުގެ ބަހުސް ރަމްޒުކޮށްދޭ ކުރެހުމެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓުގެ "ކުށުގެ ރެކޯޑު" ސާފުކުރަން ޝަރުއީ މަރުހަލާތައް ކަޑައްތުނުވެ އޮތުމާއި ކެންޑިޑެސީ ބަލައިގަތުމުގެ ބަހުސް ރަމްޒުކޮށްދޭ ކުރެހުމެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

އެންމެ ފުރަތަމަ މި ކަމެއް ތިލަވެގެން އައީ ފ. ނިލަންދޫގައި ބޭންކު މެނޭޖަރަކަށް ހުރި ގާސިމް އަބްދުލްކަރީމް ބޭންކް ސްޓޭޓްމަންޓެއް ލީކުކޮށްލި ހިސާބުންނެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކޮށް ފައިސާ ދައުރުކުރި ގޮތް އެއިން ސާފުކޮށް ފެނެ އެވެ.

އެ ފަހުން މުޅި މަންޒަރު ތިލަކޮށްދެއްވީ އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް އޮކްޓޯބަރު 29، 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. އެއީ "އެމްއެމްޕީއާރުސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިއަން ރުފިޔާ އާއި އެމްޓީޑީސީގެ އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް" އެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެހުނު އެންމެ ބޮޑު ލަތްގަނޑެވެ.

ރިޔާސީ އިންތިހާބުގައި ޔާމީން ބަލިކުރުމަށް ވާދަވެރިން އެންމެ ބޮޑަށް ބޭނުންކުރި ހަތިޔާރަކީ ވެސް އެ ހިޔާނާތެވެ. އެ ހިޔާނާތުގެ މުގުލުގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އޭރު ވެސް ޖަލު ހުކުމް އިއްވާފައި އޮތް ނަމަވެސް އެ ހިޔާނާތުގައި ޖެހުނު އެންމެން އިންސާފުގެ ކުރިމައްޗަށް ނުގެންދެވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅަކަށްވީ އެ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. އަދި ދައުލަތަށް ލިބެން ޖެހޭ 1.1 ބިލިއަން ރުފިޔާ ގެއްލިގެން ދިޔަ މައްސަލާގައި، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެން ގާތްވިއިރު ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުގެ މައްސަލަތައް ވެސް އަދި ނުނިމެ އެވެ.

ޔާމީނަކީ އަނެއްކާ ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. ކުރިން 2018 ވަނަ އަހަރުގައި އެއީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެވެ. މި ފަހަރު އެއީ އޭރު ހިނގި އެންމެ ބޮޑު ހިޔާނާތުގެ ބައިވެރިޔެއްގެ ތުހުމަތު އެޅުވި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ކޮންމެ އަކަސް ގާނޫނު އަސާސީން ލިބިދޭ އިސްތިއުނާފުގެ ތިން މަރުހަލާގެ ހައްގު އެމަނިކުފާނަށް ވެސް ލިބިދޭން ޖެހެ އެވެ.

"އިންޓަވިއު ކުރި ގިނަ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރު ރައީސް ޔާމީންގެ ޝަރީއަތްތަކާއި އިސްތިއުނާފުގެ މަރުހަލާތައް ވީހާވެސް އަވަހަށް ނިންމުމަކީ އެ ކަމުގައި އާންމު މަސްލަހަތު އޮތް ކަމެއް،" ދައުލަތުގެ މުއައްސަސާތަކާއި، މަދަނީ އަދި އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކުގެ މާހިރުންގެ އިންޓަވިއުތައް ހިމަނައިގެން ޓްރާންސްޕޭރެންސީން ނެރެފައިވާ ދިރާސާ ކަރުދާހުގައި ބުނެފައިވެ އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތަކުން ވެސް އެނގޭ ގޮތުން އެއީ މީގެ އަށް އަހަރު ކުރިން ހިނގައިދިޔަ މުއާމަލާތްތަކެކެވެ. އަދި ސަރުކާރު ބަދަލުވެ ދިޔައީ މީގެ ފަސް އަހަރު ކުރިންނެވެ. އެހެންކަމުން ޔާމީން ބައިވެރިވި ކަމަށް ތުހުމަތުކުރާ ހިޔާނާތުގެ މުއާމަލާތްތަކުގެ މައްސަލައިގެ ދައުވާތައް އޭރުން ފެށިގެން އުފުލި ޝަރީއަތްތައް ހިންގައި ނިންމޭނެ މުއްދަތު ލިބިގެން ގޮސްފި އެވެ.

ރ. ފުއްގިރި އަދި ވ. އާރަށުގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތް ފެށުނީ ވެސް ގއ. ވޮޑަމުލާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ ތިން މަރުހަލާ ނިމި، ސުޕްރީމް ކޯޓުން އެ ހުކުމް 2021 ވަނަ އަހަރުގެ ތެރޭގައި ބާތިލްކުރި ފަހުންނެވެ. އެއިން ވެސް ވ. އާރަށުގެ މައްސަލަ ފެށި ފަހުން ފުއްގިރި މައްސަލައިގެ ޝަރީއަތް އެއްކޮށް މަޑުޖެހުނެވެ. އަދި 2022 ވަނަ އަހަރު އާރަށުގެ މައްސަލައިގެ ހުކުމް ދަށު ކޯޓުން އިއްވުމާއެކު ފުއްގިރި ޝަރީއަތް އަވަހަށް ބާއްވައި، ކައިރިކައިރީ ގިނަ އަޑުއެހުންތަކެއް މިހާރު ދަނީ ބާއްވަމުންނެވެ.

ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމަށް ލިޔުނީ "ކުށުގެ ރެކޯޑު" ސާފު މީހަކަށް ވެރިކަން ދިނުމަށެވެ.

ޔާމީންގެ މައްޗަށް ދައުވާތައް އުފުލާފައިވާ ޓައިމްލައިނާއި ޝަރީއަތްތައް ހިނގި ޓައިމްލައިންތައް މިހާރު އޮތް ގޮތުން ދައުވާތަކުގެ ތިން މަރުހަލާ ނުނިމޭނެ އެވެ. "ކުށުގެ ރެކޯޑު" ސާފުވެގެން ދިޔުމަށް އިސްތިއުނާފުގެ ތިން މަރުހަލާ ނިމުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ. އެކަމަކު އެއިން އެއް ދައުވާ އަދި ދަށު ކޯޓުގައި އޮތުމުން އެއީ ދެން ވާން އޮތް ކަމެއް ނޫން ކަން ސާފެވެ. ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބޭއްވުމުގެ ކުރިން ޔާމީންގެ މައްސަލަތުގައި މައުލޫއީ ހުކުމެއް ނުކުރެވޭނެކަން ސާފެވެ.

ޝަރުއީ ނިޒާމުގެ ދުވެލީގެ ގޮންޖެހުން

ކޯޓުތަކުގެ އިދާރީ ކަންކަން ހިންގުމުގައި ހުރި ގޮންޖެހުންތަކާއި އޭގެ ސަބަބުން ޝަރުއީ ނިޒާމުގެ ދުވެލި ބުރަކި ޖެހިފައި އޮތުމަކީ މިހާރު ގިނަ ދިވެހިންނަށް ފަރިތަ ވާހަކަތަކެކެވެ. ކޯޓުތަކުގައި އެކަށީގެންވާ ވަރަށް ވަސީލަތެއް ނެތެވެ. ފަނޑިޔާރުން ވަކި މާ ގިނައެއް ވެސް ނޫނެވެ. ކްރިމިނަލް ކޯޓުގެ ބެކްލޮގް ބޮޑެވެ. ފުނިޖެހިފައިވާ މައްސަލަތާއެކު، ކޮންމެ ފަނޑިޔާރަކު ވެސް އުޅެނީ އެތައް މައްސަލައަކާ ހަވާލުވެގެންނެވެ.

ޝަރުއީ މައްސަލަތައް ހިންގުމުގައި ކޯޓުތަކުގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ކަރެކްޝަންސްގެ ދައުރު ވެސް އެބަ އޮތެވެ. ހެކިން ހާޒިރުކުރުމަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތަކުގެ ސަބަބުން ވެސް ގިނަ މައްސަލަތައް ކުރިއަށް ނުގޮސް އެބަ ހުއްޓެވެ. ތުހުމަތުކުރެވޭ މީހަކީ ބަންދުގައި ހުންނަ މީހެއް ނަމަ އެ މީހަކު ގެންނާނީ މާފުށިން ނޫނީ ދޫނިދޫންނެވެ. ޖަލުތަކުގައި ވަސީލަތްތައް މަދުކަމުން، އޮންލައިން ޝަރީއަތްތައް ގެންދިޔުމުގައި ވެސް އެކި ގޮންޖެހުންތައް ފެނެ އެވެ.

"ކްރިމިނަލް ކޯޓުގައި މަރުގެ މައްސަލަތައް، ޓެރަރިޒަމްގެ މައްސަލަތައް، މިހާ ބޮޑު ޖިނާއީ މައްސަލަތައް ވެސް ހިންގައި ހުކުމް ކުރެވޭއިރު ފަސް އަހަރު، ހަ އަހަރު، ނަގާފައި އެބަ ހުރި، އަދި އަނެއް ދެ މަރުހަލާއަށް ކިރިޔާ ގޮސް ހުރި މައްސަލަތައް އެބަ އުޅޭ މީގެ އެތައް އަހަރު ކުރީގެ، މުޅި ޝަރުއީ ނިޒާމުގައި އެ ހުރި، ގޮންޖެހުންތަކާއި، ބާގަނޑުތަކާ، މި ކަންކަން، ސިޔާސީ މީހަކާ ޖެހުނީމަ ވެސް އަންނާނެ،" ސިޔާސީ އިސް މީހެއްގެ މައްސަލައަކަށްވާތީ، ނަން ނުޖެހުމަށް ޝަރުތުކޮށް ގާނޫނީ ވަކީލަކު ބުންޏެވެ.

މި ހާލަތުގައި ރެކޯޑު ސާފުވުމުގެ ދޮރެއް ނުފެނޭ

ޔާމީންގެ މައްޗަށް ފުރަތަމަ ހިޔާނާތުގެ ދައުވާއެއް އުފުލީ ފެބްރުއަރީ 13، 2019 ގަ އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގައި ފައިސާ ލޯންޑަކުރެއްވުމުގެ އެ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު 28، 2019 ގަ އެވެ. ސުޕްރީމް ކޯޓުން ބާތިލްކުރީ ނޮވެމްބަރު 30، 2021 ގަ އެވެ.

އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވަނީ ނޮވެމްބަރު 24، 2021 ގަ އެވެ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްފައިވަނީ ޖޫން 28، 2020 ގަ އެވެ. ނަމަވެސް މި ދެ މައްސަލައިގެ ޝަރީއަތް ރަނގަޅަށް ފެށިގެން ދިޔައީ ޔާމީނަށް ކުރިން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި ފަހުންނެވެ. އަދި އާރަށު މައްސަލައިގެ ޝަރީއަތް ފެށުމަށް ފަހު ފުއްގިރި މައްސަލައިގެ ޝަރީއަތް މުޅިންހެން އޭރު މަޑުޖެހިގެން ދިޔަ އެވެ.

އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑިސެމްބަރު 25، 2022 ގަ އެވެ. މިހާރު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވީ ނަމަވެސް މި ވަގުތަށް އިސްތިއުނާފުގެ މައްސަލައަށް އޮތީ ބުރައްކެއް ޖެހިފަ އެވެ. މައްސަލައާ ހަވާލުވި ބެންޗުގައި އިންނަވާ އެއް ފަނޑިޔާރަކު މި ވަގުތު ޗުއްޓީގަ އެވެ. އަނެއް ފަނޑިޔާރު ހޮނިހިރު ދުވަހުން ފެށިގެން ޗުއްޓީއަށް ދާނެ އެވެ.

ޖުލައި 23، ގައި ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ އެވެ. އަދި އޮގަސްޓް 9، ގައި ފޯމުލާންޖެހޭ މުއްދަތު ހަމަވާނެ އެވެ. އެހެންކަމުން އެ ކުށަށް ޝަރީއަތުގެ ތިން މަރުހަލާ ނިމިގެން ނިހާއީ ހުކުމެއް ސާފެއް ނުވާނެކަން ޔަގީނެވެ.

ވާދަކުރަން ދެން ވަކި ކުރެވޭނީ ކޮން ކަމެއް؟

ޔާމީންގެ އިސް ވަކީލު، އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ގަބޫލުކުރައްވާ ގޮތުގައި "ކުށުގެ ރެކޯޑު" ސާފުވުމަކީ ނިހާއީ ހުކުމެއް އޭގައި އޮތުމެވެ. އިސްތިއުނާފުގެ މަރުހަލާ ނުނިމި އޮތް ނަމަ، ޔާމީނަށް ވާދަކުރެވެން ޖެހޭނެ އެވެ. އެ ވާހަކަ ކިތަންމެ ޕޯޑިއަމެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.

"އިސްތިއުނާފަކީ އަސާސީ ހައްގެއް، އިސްތިއުނާފު ކުރުމުން އޭނާއަކީ މައުސޫމެއް ގޮތުގައި ދެކެން ޖެހޭނީ، އެ ގާނޫނީ ބަހުސް އެބަ އޮތް، ހައި ކޯޓު ލަސްވާ ހާލަތެއްގައި ވެސް ސުޕްރީމް ކޯޓަށް ދާނަން، އެ މީހާގެ ކެންޑިޑެސީ މައްސަލަ ވެސް އެބަ ލެވޭ،" ޖަމީލު ވިދާޅުވި އެވެ.

މިދިޔަ މަހު "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ޖަމީލު ކިޔައިދެއްވި ގޮތުގައި އަދި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންގެ ވާހަކަ ވެސް ހުންނެވި ގޮތުން ވިސްނުމަކީ ފުރަތަމަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކެންޑިޑެސީ ފޯމު ހުށަހެޅުމެވެ. ކެންޑިޑެސީ ބަލައިނުގަނެފިނަމަ ސުޕްރީމް ކޯޓަށް ދިޔުމެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވި ގޮތުގައި މިހާރުން ފެށިގެން ސުޕްރީމް ކޯޓަށް ދާން އެބަ ޖެހެ އެވެ. އަދި ހުށަހަޅަންވީ ވެސް ދުސްތޫރީ މައްސަލައެކެވެ. އެއީ ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތު މާނަކުރުމުގެ މައްސަލައެކެވެ. އެ މައްސަލަ ހުށަހެޅުން މިހާރު ވެސް ލަސްވެއްޖެ އެވެ.

"އިލެކްޝަންސް ކޮމިޝަނުން އިސްވެ މިހާރު ބުނެފި، ކެންޑިޑެސީ ބަލައިނުގަންނާނަމޭ، ރައީސް ޔާމީންގެ ލީގަލް ޓީމުން މި ކަމުގައި މިހާރު ވެސް ލަސްވެއްޖެއޭ، ސުޕްރީމް ކޯޓަށް މިހާރު ވެސް އެބަ ޖެހޭ ދާން، ގާނޫނު އަސާސީގައި އެ ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތުގައި މާނަކޮށްދޭން އެދި،" ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް އަދި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ވެސް ހުންނެވި އެ ވަކީލު ވިދާޅުވި އެވެ.

އެ މައްސަލާގައި އެންމެންގެ މަސްއޫލިއްޔަތުތައް ވެސް އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރަން ޖެހެ އެވެ. އިސްތިއުނާފު މަރުހަލާ އަވަހަށް ނިންމުމަށް ޖުޑިޝަރީއަށް އޮތް މަސްއޫލިއްޔަތު އަދާނުކުރާ ކަން ފެންނައިރު، ޔާމީންގެ ދިފާއީ ވަކީލުންނާއި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ މަސްއޫލިއްޔަތުތަކެއް ވެސް އެބަ ހުއްޓެވެ.

"ކުށުގެ ރެކޯޑު" ސާފުވުމުގެ މަސްލަހަތު ޔަގީންކުރަން، ގާނޫނު އަސާސީގައި ބަޔާންކުރަނީ ނިހާއީ ހުކުމެއް ކަން ކަނޑައަޅަން ސުޕްރީމް ކޯޓަށް އަވަހަށް ހުށަހެޅުމަކީ ދިފައީ ވަކީލުންގެ މަސްއޫލިއްޔަތަކެވެ. މިހާރު މި އޮތް ހާލަތުން "ކުށުގެ ރެކޯޑު" ސާފުނުވާކަން ސަޕޯޓަރުންނަށް ބުނެދީ މައްސަލައިގެ ހަގީގަތް އޮތް ގޮތަށް ހާމަކޮށްދިނުމަކީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ މަސްއޫލިއްޔަތެކެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox