ގައުމީ ޓީމުގެ ކަމެއްގައި މެސީ އާއި ރޮނާލްޑޯ އަށް ވުރެ ވެސް ފަހަތަށް ނުޖެހޭނަން: ޗެތުރީ

Jul 11, 2023, 12:50 PM
އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ޗެތުރީ: ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވަނީ ގިނަ ވާހަކަތަކެއް ދައްކާފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ޗެތުރީ: ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ވަނީ ގިނަ ވާހަކަތަކެއް ދައްކާފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބެންގަލޫރު، އިންޑިއާ (ޖުލައި 11) - ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ ލެވަލްގައި އާދަޔާހިލާފު އަދި އެ ދެ ކުޅުންތެރިއަކާ އަޅާވެސް ނުކިޔޭނެ ދެ ކުޅުންތެރިން ކަމަށާއި އެކަމަކު، ގައުމީ ޓީމަށް ކާމިޔާބު ހޯދަން ކުރަން ޖެހޭ ކަމެއްގައި އެ ދެ ކުޅުންތެރިންނަށް ވުރެ ފަހަތަށް ނުޖެހޭނެ ކަމަށް އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

ޗެތުރީ، 38، ވަނީ ދާދި ފަހުން އިންޑިއާގައި ކުރިއަށްދިޔަ އިންޓަ ކޮންޓިނެންޓަލް ކަޕާއި ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގެ ކޮންމެ މެޗެއްގައި ކުޅެ ތަފާތު ދައްކައިފަ އެވެ. ސާފްގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދިފާއުކުރި، ޗެތުރީ އެ މުބާރާތުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ދުވަސް ގާތްވަމުން އަންނަ ކަމުގެ އިޝާރާތެއް ދީފަ އެވެ.

އެކަމަކު، ދާދި ފަހުން، ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޗެތުރީ ދެއްކި ވާހަކަ އަށް ބަލާއިރު، އޭނާގެ ވިސްނުން ހުރީ އަދިވެސް ގައުމީ ޓީމާ އެކު މެޗުތަކެއް ކުޅުމަށެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓް.

އިންޑިއާ ގައުމީ ޓީމަށް 142 މެޗުން 92 ގޯލު ޖަހާފައިވާ ޗެތުރީ އަކީ މި ވަގުތު ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު، ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

"ތި ބުނާ ލިސްޓުގައި ދެން އޮތް ނުވަ ކުޅުންތެރިންނާ ވެސް އަހަރެން ވާދައެއް ކުރަން ނެތިން. އަހަންނަކީ މެސީ އާއި ރޮނާލްޑޯގެ ސަޕޯޓަރެއް ތި ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންނެކޭ އެއްގޮތަށް. އަޅާކިޔުމެއް ނެތް، އަހަރެން ތީގެއިން އެއްވެސް ލިސްޓެއް ނުބަލަން. ތިއީ އަހަންނަށް ސީރިއަސް ކަމެއް ވެސް ނޫން." 10 އަހަރަށް ވުރެ ގިނަ ދުވަހު އިންޑިއާގެ ކެޕްޓަނެއްގެ ގޮތުގައި އެ ޓީމު ލީޑުކުރަމުން އަންނަ ޗެތުރީ ބުންޏެވެ.

"އެކަމަކު، ތި ބުނާ ލިސްޓެއް ނޫނީ ތި ކުޅުންތެރިން (މެސީ އާއި ރޮނާލްޑޯ) އަށް ވުރެ ބޮޑަށް އަހަރެން ގައުމީ ޓީމަށް ހިދުމަތްކޮށްދެން،"

ގައުމީ ޓީމާއި ކްލަބް ކެރިއަރަށް އެއްކޮށް ބަލާނަމަ، ޗެތުރީ ވަނީ ޖުމްލަ އެކު، 485 މެޗުން 244 ގޯލު ޖަހައިފަ އެވެ. ޗެތުރީގެ ކެރިއަރުގައި ޖެހި ގޯލުގެ ބޮޑު އިންސައްތަ އެއް ހިއްސާވަނީ ގައުމީ ޓީމަށް ޖެހި ލަނޑުތަކަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ފަހު ޗެތުރީ ސަޕޯޓަރުންނަށް ޝުކުރުއަދާކުރަނީ: ޗެތުރީ ވަނީ ހަތަރު ފަހަރު ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި: ސާފްގެ މުބާރާތްތަކުގައި ޗެތުރީ 23 ގޯލު ޖަހާފައިވާއިރު، މިއީ ރާއްޖޭގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)އާއި ޗެތުރީ އަތުގައި އޮތް ރެކޯޑެއް.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޗެތުރީ ބުނީ އަމިއްލަ ފަސް ގަނޑުގައި ފުލުފުލުގައި ބައިނަލްއަގުވާމީ ދެ މުބާރާތް ކާމިޔާބު ކުރެވުމަކީ، އިންޑިއާގައި ފުޓްބޯޅަ ކުރިއަރައިގެންދާ ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ. އަދި މިއީ އިންޑިއާގައި ފުޓްބޯޅަ އަށް އޮތް މަގުބޫލުކަން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި ޗެތުރީ ވަނީ ބުނެފަ އެވެ.

ފާއިތުވި އަހަރުތަކުގައި ކުރެވުނު ރަނގަޅު މަސައްކަތުން އިންޑިއާ ވަނީ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގެ 99 ވަނަ އަށް އަރައިފަ އެވެ. ޗެތުރީ ވަނީ މިހާރު ފެންނަމުން އަންނަ ކުރިއެރުމަށް ބަލާއިރު، އެންމެ ބޮޑު ޓާގެޓަކީ އަންނަ އަހަރު އޮތް އޭޝިއަން ކަޕްގައި ރަނގަޅު ހިސާބަކަށް ދިއުން ކަމަށެވެ.

އަދި ބައިނަލްއަގަވާމީ ފުޓްބޯޅައިގައި މިހާރު ފެންނަމުން އަންނަ ކަންކަމަށް ބަލާއިރު، ރަނގަޅަށް މަސައްކަތް ކުރާނަމަ ކޮންމެ ގައުމަކަށް ވެސް ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެ، ކުރިއެރުން ހޯދިދާނެ ކަމަށް ޗެތުރީ ގަބޫލުކުރެ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ސަރަަހައްދުން ބޭރުގެ ދެ ޓީމަށް ދައުވަތު ދީގެން ބޭއްވި ފުރަތަަމަ މުބާރާތެވެ. އިންޑިއާ އިން މުބާރާތް ކާމިޔާބުކުރީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ލެބަނަން ބަލިކޮށް، ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކުވެއިތުގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭ ދާދި ފަހުން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އިން ބޭނުންވީ ސަރަހައްދުން ބޭރުގެ އެއް ޓީމަށް ދައުވަތުދޭން ކަމަށާއި އެކަމަކު، އިންޑިއާ އިން ނިންމީ ދެ ޓީމަށް ދީފިނަމަ މުބާރާތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި ކަންތައްތައް ދިމާވީ އެންމެ ރަނގަޅަށް ކަމަށް ޗޯބޭ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox