އެތައް ދުވަހެއް ވަންދެން އަރައިރުން ވުމަށް ފަހު އެކަން ގޮތަކަށް ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ އެކުލެވުން ފާސްކުރީ މެޖޯރިޓީ ޕާޓީ އެމްޑީޕީން ސީދާ ބޭނުންވި ގޮތަށެވެ. އިދިކޮޅު މެމްބަރުން ސިފަކުރެއްވި ގޮތުގައި ގާނޫނުއަސާސީގެ ރޫހާއި ބައިނަލް އަގުވާމީ ރަނގަޅު އުސޫލާ ވެސް އެކަން ހިލާފެވެ.
ބައިނަލް އަގުވާމީ އުސޫލުތަކާ އެކަން ހިލާފު ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެއްވީ ކޮމިޓީތަކުގެ އެކުލެވުމާ މެދު ތައްޔާރުކުރި ރިޕޯޓަށް 10 ވަރަކަށް އިސްލާހު ހުުށަހެޅުއްވި އިދިކޮޅު މެމްބަރުންނެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ކޮމިޓީތައް މެޖޯރިޓީ ޕާޓީއަށް ދިނުމަކީ ސަރުކާރު ޒިންމާދާރުކު ކުރުމުގައި ހުރަހަކަށް ވާނެ އެވެ. އަދި އެއީ ބައިނަލްއަގުވާމީ ބެސްޓްޕްރެކްޓިސް އާ ހިލާފު އުސޫލެކެވެ.
"ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަކީ ސަރުކާރު ޒިންމާދާރުކުރުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކޮމިޓީއަށް ވާއިރު މިކޮމިޓީ އެކުލެވިގެން ވާން ވާނީ އެ މަަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވޭނެ ގޮތެއްގެ މަތިން. އެގޮތުން މަޖިލީހުގެ ގަވައިދުގެ 113 ވަނަ މާއްދާގައި ތަރުތީބުކުރެވިފައިވާ އެންމެހާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވޭނީ މަޖިލީހުގައި ހިމެނޭ އެންމެހާ ޕާޓީތަކަށާއި އަދި އަމިއްލަ މެމްބަރުންނަށް ވެސް ހަމަ ހަމަ ފުރުސަތު ދެވިގެން،" ކޮމިޓީތަކުގެ އެކުލެވުމާ ބެހޭ ރިޕޯޓަށް އިސްލާހު ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އިއްޔެ ވިދާޅުވި އެވެ.
އިއްޔެ ޖަލްސާގައި އެ ރިޕޯޓަށް އިސްލާހު ހުށަހަޅުއްވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ހަމަ އެމޭރުމުން ވާހަކަ ދެއްކެވި އެވެ. އެހެން ނަމަވެސް އެއިން އެެއްވެސް އިސްލާހަކަށް ރިއާޔަތްކުރުމެއް ނެތި އުސޫލު ފާސްކުރީ އެމްޑީޕީން ހުށަހެޅި ގޮތަށެވެ.
ޔޫއެންޑީޕީގެ ކަރުދާހެއް
ޔުކްރޭންގެ ޕާލަމެންޓްގައި ކޮމިޓީތައް އުފައްދާނެ އަދަދަކާއި ކޮމިޓީތަކުގެ އެކުލެވުން އޮންނަންވީ ގޮތެއް ކަނޑައަޅަން އެގައުމުން އެދިގެން ޔޫއެންޑީޕީން 2018 ވަނަ އަހަރު އެކަމާ ބެހޭ ކަރުދާހެއް އެކުލަވައިލި އެވެ. އެ ކަރުދާހުގައި ބުނެފައިވާ ގޮތުގައި ތާރީހީ ގޮތުން ބަލާއިރު ޕާލަމެންޓްތަކުގެ ކޮމިޓީތަކަކީ އެ ޕާލަމެންޓެއްގައި ސިޔާސީ ގޮތުން ޕާޓީތައް ތަމްސީލުކުރާ ގޮތާ އެއްވެސް ގުޅުމެއް އޮންނަ ކަމެއް ނޫނެވެ. އެހެން ނަމަވެސް ބަހުސްތައް ދިގުލައި މަސައްކަތްތައް ލަސްވާތީ 1900 ގެ އަހަރުތަކުގެ ކުރީކޮޅުގައި ގައުމުތަކުން އެ ގޮތް ދޫކުރަން ފެށި އެވެ.
"ޕާޓީތަކާއި ގްރޫޕްތަކުގެ އަދަދާ ގުޅޭ ގޮތަށް ކޮމިޓީތައް އެކުލަވައިލުމަކީ މިހާރު ހުރިހާ ގައުމެއްގައި އާއްމު އުސޫލެކެވެ. ކޮމިޓީތައް ވާން ޖެހޭނީ މުޅި ޕާލަމެންޓްގެ ތަސްވީރަކަށް،" ޔޫއެންޑީޕީގެ ކަރުދާހުގައި ވެ އެވެ.
އެހެންވީމާ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރާނެ އަދަދުތަކުގެ ގޮތުން ރާއްޖޭގައި އަމަލުކުރި ގޮތުގައި މާބޮޑު މައްސަލައެއް ނެތޭ ބުނެވިދާނެ އެވެ. އެހެން ނަމަވެސް ކޮމިޓީތަކުގެ ރިޔާސަތު ބެލެހެއްޓުން ނުވަތަ މުގައްރިރުން ކަނޑައެޅުމުގައި ރާއްޖޭގައި އަމަލުކުރާ ގޮތް ޔޫއެެންގެ ރައުޔާ ހިލާފެވެ.
"އާއްމުކޮށް ގިނަ ކޮމިޓީތަކުގެ ރިޔާސަތު މެޖޯރިޓީ ޕާޓީއަށް ނުވަތަ ވެރިކަން ކުރާ ޕާޓީތަކަށް ދިން ކަމުގައި ވިޔަސް އެކަމުގައި އިސްތިސްނާތައް އެބަހުރި،" ޔޫއެންގެ ކަރުދާހުގައި ވެ އެވެ.
ބައެއް މުހިންމު ކޮމިޓީތަކުގެ ރިޔާސަތު އިދިކޮޅު ފަރާތްތަކަށް ދޭން އެ ކަރުދާހުގައި ބާރު އަޅައި، އޭގެ މިސާލެއްގެ ގޮތުގައި ގެނެސްފައި އޮތީ ފްރާންސްގެ ވާހަކަ އެވެ. ފްރާންސްގައި 2008 ވަނަ އަހަރުން ފެށިގެން ފައިނޭންސް ކޮމިޓީ ( ރާއްޖޭގައި ނަމަ މާލިއްޔަތު ކޮމިޓީ]ގެ ރިޔާސަތު ބަލަހައްޓަނީ އިދިކޮޅު މެމްބަރުންނެވެ.
"މިސާލަކަށް 2008 ވަނަ އަހަރު ފްރާންސްގެ ރައީސް ހުށަހެޅުއްވީ ފައިނޭންސް ކޮމިޓީގެ ރިޔާސަތު އިދިކޮޅަށް ދިނުމަށެވެ. އޭރުން ފެށިގެން އެގައުމުގައި އެކަން އޮތީ އެމަަގަށެވެ. ޔޫކޭގައި ޕަބްލިކް އެކައުންޓްސް ކޮމިޓީގެ ރިޔާސަތު އިދިކޮޅަށް ދޭ ބީދައިން،" ޔޫއެންގެ ކަރުދާހުގައިވެ އެވެ.
ރާއްޖޭގައި އެކަހަލަ އެއްވެސް ކަމެއް ނެތް
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް އޮތް މެޖޯރިޓީގެ ބޭނުންކޮށްގެން ކޮމިޓީތަކުގެ މުގައްރިރުން ކަނޑައެޅި އިރު އެޕާޓީ ނޫން އެހެން ޕާޓީ އެއްގެ މުގައްރިރުކަން ދީފައި ވަނީ އެންމެ ކޮމިޓީއެއްގަ އެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތް ބެލުމުގެ އެއްވެސް މެންޑޭޓެއް ނެތް، ގަވާއިދު ކޮމިޓީ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރަކީ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހެވެ.
މިނިވަން މުއައްސަސާތަކުގެ ގެ މުގައްރިރަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. އެކަން އެހެން އޮތް އިރު ރޮޒައިނާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން މެނޭޖަރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ އަނބިކަނބަލުންނެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރަކީ ޚުދު ނާޝިޒެވެ.
އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ މިކަންތައްތަކާ މެދުގަ އެވެ. ކޮމިޓީތައް އަލުން އެކުލަވައިލާ އިރު މުގައްރިރުން ބަދަލުވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އެމްޑީޕީން މިކަމުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު މި ނޫން ގޮތެއް ވެދާނެ ކަމަކަށް އަދި ނުބެލެވެ އެވެ.
މެޖޯރިޓީގެ ބަސް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލުކުރާނެ މިންވަރާ މެދު އެޕާޓީގެ ހުށަހެޅުން އެކުލަަވައިލާފައި ވަނީ އިދިކޮޅަށް ދެވެން އޮތް ދޫ ދީގެންނެވެ. އެއަށް ވުރެ ބޮޑަށް ދޫ ނުދޭނެކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ވެސް ނުކުރަން، އެގޮތަކަށް އެއްބަހެއް ވެސް ނުވާނަން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ވެސް ދޫދެވެން ހުރި ދިމަދިމާއިން ދޫ ދީފިން،" ކޮމިޓީތަކުގެ އެކުލެވުމާ މެދު އެހެން ޕާޓީތަކާ އެކު އޭރު ކުރި މަޝްވަރާތަކަށް އިޝާރާތްކުރައްވައި، "އަދަދު"ގެ "އެތެރެފުށް" ޕްރޮގްރާމްގައި އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުން އެ މައްސަލަ އިއްޔެ ނިންމީ އޭނާ އެ ވިދާޅުވި ގޮތަށެވެ.
ރައްޔިތުންގެ މަޖިލީސް ބަރާބަރަށް ހިނގާނެ ގޮތަކަށް އެ މަޖިލީހުގެ ކޮމެޓީތައް ބަހާލެވިފައި އޮތުން އިންތިހާއަށް މުހިންމެވެ. އެކަމަކު ކޮމެޓީތަކުގެ ބޭނުން ކެނޑޭނެ ގޮތަކަށް އެ ކޮމެޓީތައް އެކުލަވާލުން ވެސް ރަނގަޅެއް ނޫނެވެ. ސަރުކާރު ޒިންމާދާރު ކުރުވާ ކޮމެޓީއެއްގައި އިދިކޮޅަށް ކޮންމެވެސް ވަރެއްގެ ދުލެއް ދިނުން އެއީ ގޯސް ގޮތެއް ނޫނެވެ.












