ޗައިނާގެ ހިއްސާގެ ބާޒާރުގައި ހިއްސާގެ އަގުތައް ދަށަށް ގޮސް ވިޔަފާރިތަކަށް ގެއްލުންވަމުންދާއިރު ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ނުދާތީ ކަންބޮޑުވުންތައް ގިނަވެ އެ ގައުމުގެ ސަރުކާރަށް އޮތް ޕްރެޝަރު އިތުރުވެއްޖެ އެވެ.
ޗައިނާގެ ހިއްސާގެ ބާޒާރު ދަށަށް ދާތާ މިއީ ޖެހިޖެހިގެން ތިންވަނަ ހަފްތާ އެވެ. އަދި, އެ ގައުމުގެ ފައިސާ ކަމަށްވާ ޔުއާންގެ އަގު ވެސް މިހާރު ހުރީ ފާއިތުވެދިޔަ އަށް ހަފްތާ ތެރޭ ނުދާ މިންވަރަށް ދަށަށް ގޮސްފަ އެވެ.
ޗައިނާގެ ޕްރިމިއާ ލީ ޗިއާންގް ވަނީ ވިޔަފާރިތަކަށް އެހީވުމަށް ސްޓިމިއުލަސް ޕެކޭޖުތައް ދޫކުރާނެކަން ހާމަކުރައްވާފަ އެވެ. އެހެން ނަމަވެސް, އެކަމުގެ އެއްވެސް ތަފްސީލެއް އޭނާ ހާމަކުރައްވާފައި ނުވެ އެވެ.
އިގްތިސާދީ މާހިރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އިގްތިސާދީ ކުރިއެރުން ހިފެހެއްޓުމަށާއި ވަޒީފާތައް ދެމެހެއްޓުމަށް އަމާޒުކޮށް ޕެކޭޖުތަކެއް ތައާރަފް ކުރާނެކަން ހާމަކުރައްވާފަ އެވެ.
ޗައިނާގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމުން އަންނަ މި ދަނޑިވަޅުގައި ސަރުކާރުން މިފަދަ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ އުންމީދުގައި ގިނަ ބަޔަކު އެބަތިއްބެވެ. އެގޮތުން, އެ ގައުމުގެ ރެއަލް ސްޓޭޓް މާކެޓު ވެސް ދަށަށް ގޮސްފައިވާއިރު މިއީ އެގައުމުގެ އިގްތިސާދަށް ހައްސާސް ވަގުތުކޮޅެއް ކަމަށް ވެސް ޕްރިމިއާ ފާހަގަކުރެއްވި އެވެ.
ފޮރިން އިންވެސްޓުމަންޓުތައް އިތުރު ކުރުމަށް އަމާޒުކޮށް ޗައިނާގެ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް އެ ގައުމުގައި އިންވެސްޓު ކުރުމަށް ކުންފުނިތަކުން ދަނީ ފަސްޖެހެމުންނެވެ.







