މި ވެއެތުވެދިޔަ ފަސް އަހަރު ގައުމަަށް ތަރައްގީ ގެނައީ މެދުނުކެނޑި ބަޔަކު ސަރުކާރަށް ދަތިކުރަމުން ދަނިކޮށް އެކަންކަން ކަޑައްތު ކުރުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނުގައި ށ. ކޮމަންޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ބަޔަކު މެދުނުކެނޑި "ދައްޗާއި އުނދަގޫ" ކުރިމަތި ކުރުވި ކަމަށެވެ.
"މި ކާމިޔާބީތަކަށް އަޅުގަނޑުމެންނަށް ވާސިލު ވެވުނީ އެއްވެސް ހާލެއްގައި ދަތި ހުރަސްތައް ނެތިއެއް ނޫން. މެދުނުކެނޑި، މެދުނުކެނޑި، ސަރުކާރަށް ދައްޗާއި އުނދަގޫ ކުރަމުންދިޔަ ބަޔަކު ތިބި. ބޭނުމަކީ އެބައެއްގެ، އެމީހެއްގެ އަމިއްލަ މަސްލަހަތު އިސްކުރުން. އެހެން ނަމަވެސް އެއަކަށް އަޅުގަނޑުމެން ޖާގައެއް ނުދެން، އިސްކުރީ ރައްޔިތުން، ގައުމު، ތިބޭފުޅުންގެ ދިރިއުޅުން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަފުޅުގައި ސިޔާސީ އެއްވެސް މީހެއްގެ ނަން ނުގެންނެވި ނަމަވެސް ބެލެވޭ ގޮތުގައި އެމަނިކުފާނުގެ ބަހުގެ ހަމަލާ އަމާޒު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.
ވާދަވެރިންނަށް ފާޑުވިދާޅުވުމުގެ އިތުރުން، ކޮމަންޑޫ ޖަލްސާ ގައި ރައީސް ވިދާޅުވީ ވޯޓުލާ މީހުންގެ ކުރިމަތީގައި އޮތީ ދެ ގޮތް ކަމަށާއި އެމަނިކުފާނާއެކު އަމާން ރާއްޖެއަކަށް ދެވެން އޮއްވައި، "އަނިޔާވެރިކަމާއި ބިރުވެރިކަން" ރައްޔިތުން ހިޔާރު ނުކުރާނެ ކަމަށެވެ.

"ތިބޭފުޅުންގެ ކުރިމައްޗަށް ވަޑައިގަންނަވާނެ ވަރަށް ގިނަ ބޭފުޅުން. ގިނަ ވައުދުތައްވާނެ. ވިސްނަވަންވީ، މި ވެއެތުވެދިޔަ ފަސް އަހަރު ކަން ހިނގައިދިޔަ ގޮތް. އަދި އޭގެ ކުރީ ފަސް އަހަރު ވެސް ބަލަންވީ،" "ބޭނުންފުޅުވެވަޑައިގަންނަވަނީ މި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށްދާނީތޯ،" ރައީސް ވިދާޅުވި އެވެ.
އަނިޔާވެރިކަމަށް އިޝާރާތް ކުރައްވައި ރައީސް ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ވާހަކަ ކަމަށް ބެލެވެ އެވެ.
އަންނަ ސެޕްޓެމްބަރު 9، ގައި ރިޔާސީ އިންތިހާބު ބާއްވާއިރު ރައީސް ސޯލިހުގެ އިތުރުން އެމަނިކުފާނުގެ ކޯލިޝަން ޕާޓީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެ އިންތިހާބުގައި ވާދަ ކުރައްވަ އެވެ. އޭގެ އިތުރުން މިވަގުތު ޕާޓީއަކާ ގުޅިވަޑައިނުގަންނަަވާ ނަޝީދު ވެސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. އިދިކޮޅު ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ލީޑަރު ޔާމީން ކަމަށެވެ.












