ލަންޑަން (ޖުލައި 9) - ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ހޯދަން ބަޔާން މިއުނިކުން ދެ ވަނަ ފަހަރަށް ބިޑު ކުރަން ތައްޔާރުވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ފޯވާޑަކީ މި ޓްރާންސްފާގައި ބޮޑެތި ކުލަބުތަކުން ބޭނުންވާ ކުޅުންތެރިއެކެވެ. އެ ގޮތުން ބަޔާން، މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑުން ވެސް ހެރި ކޭން ހޯދުމަށް ވަނީ ޝައުގުވެރިކަން ފާާޅުކޮށްފަ އެވެ.
ބަޔާނުން ވަނީ ކޭން ހޯދުމަށް މީގެ ކުރިން 56 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފަ އެވެ. މި ބިޑަށް ޓޮޓެންހަމުން ނޫނެކޭ ބުނުމާ އެކު ބަޔާނުން އަންނަނީ ދެ ވަނަ ބިޑެއް ތައްޔާރު ކުރަމުންނެވެ. ދެ ވަނަ ބިޑުގެ އަގު 70 މިލިއަން ޕައުންޑަށް އަރާނެކަމަށް ބެލެވެ އެވެ.
ޓޮޓެހަމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް ހެރީ ކޭން އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވަނީ 2024 ގަ އެވެ. އެހެންކަމުން، އެ ކުލަބުން ތިބީ މި ޓްރާންސްފާގައި ކޭން ވިއްކާލަން ތައްޔާރުވެގެނެންވެ. ޓޮޓެންހަމުން ބުނަނީ ކޭން ވިއްކާލާނީ މަދުވެގެން 100 މިލިއަން ޕައުންޑަށް ކަމަށެވެ.
މީގެ ކުރިއަށް ބަލާއިރު، 2021 ގައި ވެސް ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށްލުމާ ގާތަށް ކޭން ޖެހިލި އެވެ. އެ ފަހަރު އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ އަށް ވެސް ކޭންއަށް ބަދަލުނުވެވުނީ ސިޓީން ހުށަހެޅި އަގު ކުޑަވުމުންނެވެ.
ކޭން، 29، ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ މައިގަނޑު ސަބަބަކީ ތައްޓެއް ކާމިޔާބު ކުރުމެވެ. ޕްރިމިއާ ލީގުގެ ރަން ބޫޓު ވެސް ހޯދާފައިވާ ކޭން އަށް ޓޮޓެންހަމާ އެކު މިހާތަނަށް ތައްޓެއް ނުހޯދެ އެވެ.
ޓޮޓެންހަމްގެ އިތުރުން ކޭން އަކީ އިނގިރޭސި ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އިންގްލެންޑް ގައުމީ ޓީމަށް ވެސް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ކޭން އަކީ މިހާރު ޓީމުގެ ކެޕްޓަނެވެ. އޭނާ ވަަނީ ގައުމީ ޓީމަށް ކުޅުނު 84 މެޗުގައި 58 ގޯލު ޖަަހައިފަ އެވެ.












