ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސްއަހަރަކީ ސިޔާސީ ގޮތުން ދިވެހިރާއްޖެ ދުށް އެންމެ އާދަޔާ ހިލާފު އެއް ދައުރެވެ. ތަރައްގީގެ ބޮޑެތި، ބިޔަ ޕްރޮޖެކްޓުތައް ގިނަ އެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެތެރެ އާއި ބޭރުން އެމަނިކުފާނަށް އިންތިހާއަށް ފިއްތުންތައް ކުރިމަތިވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ބައެއް ގާނޫނުތައް ހިންގުން ސަސްޕެންޑު ކުރުމަށްފަހު މި ގައުމު 45 ދުވަސް ވަންދެން ހިންގެވި އެވެ.
އެމަނިކުފާނުގެ ދަށުން ތަފާތު ތިން ނައިބު ރައީސަކު މަސައްކަތްކުރެއްވި އެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު އެމަނިކުފާނުގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމަށް ޔާމީން ގަބޫލު ކުރައްވަ އެވެ. އަދި، އެއް ބޭފުޅަކު ވެރިކަން ހޯދަން އުޅުނީ އެމަނިކުފާނާއި އާއިލާ ކަނޑުމަތިން އަވަހާރަކޮށްލައިގެން ކަމަށް ޔާމީން ގަބޫލު ކުރައްވަ އެވެ. އެމަނިކުފާނު ދެ ޑިފެންސް މިނިސްޓަރާއެކު ޖުމްލަ ހަތަރު ވަޒީރުން މަގާމުން ވަކި ކުރެއްވި އެވެ.
އޭގެ އިތުރުން، ދައުރުގެ ފަހު އަހަރު، އުއްމަތަ ފަނޑިޔާރާއި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ އިތުރު ފަނޑިޔާރަކު ޝަރުއީ ބަގާވާތެއް ގެނެސް ވެރިކަން ވައްޓާލަން އުޅުއްވި ކަމަށް ވެސް ޔާމީން ތުހުމަތު ކުރައްވަ އެވެ.
ސެޕްޓެމްބަރު 22، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުން ޔާމީން ނާކާމިޔާބުވެވަޑައިގަތުމަށްފަހު، ވެރިކަމުގެ ހުރިހާ ތަޖުރިބާތަކާއެކު، އެމަނިކުފާނު ދެ ފަހަރެއްގެ މަތިން ގައުމާ މުހާތަބު ކުރައްވައި، އާދަޔާ ހިލާފަށް، ސާފު ސީދާކޮށް ވާހަކަ ދެއްކެވި އެވެ. އެ ވާހަކަފުޅު ތަކުގައި، އެމަނިކުފާނަށް ކުރިމަތިވި ގޮންޖެހުންތަކާއި އެކަންކަމާ ކުރިމަތިލެއްވި ގޮތް ކިޔައިދެއްވި އެވެ. އަދި އެމަނިކުފާނަށް ދެ ވަނަ ދައުރެއް ނުލިބު ކަމަށް ގަބޫލު ކުރެއްވޭ ސަބަބުތައް ވެސް ހާމަކޮށްދެއްވި އެވެ.
"އާދެ، އަޅުގަނޑު އަބަދުވެސް ރައްޔިތުންނަށް ދަންނަވަމުން މި އަންނަނީ، އަޅުގަނޑުގެ މި ފަސް އަހަރަކީ ވަރަށްދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވި ފަސް އަހަރޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، އެއްވެސް ރައީސަކަށް މިހާ ދަތި ޒައާމަތެއް މެދުވެރިއެއްނުވޭ،" ޔާމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2018 އިން ބަލިވުމާއި ވެރިކަމުން ރަސްމީ ގޮތުން ފައިބައިވަޑައިގަތުމާދެމެދު ޔާމީން ދެ ފަހަރެއްގެ މަތިން ގައުމާ މުހާތަބު ކުރެއްވި އެވެ. އެންމެ ފުރަތަމަ ސެޕްޓެމްބަރު 23، ގައި ގައުމާ މުހާތަބު ކުރެއްވުމަށްފަހު ދެ ވަނަ ފަހަރަށް އެމަނިކުފާނު ހިތާބެއް ދެއްވީ އޭގެ 23 ދުވަސް ފަހުން އޮކްޓޯބަރު 17، 2018 ގަ އެވެ. އެ ދެ ހިތާބުގައި ވެސް ދިވެހިންނަށް މުހިންމު އަދި ވެރިކަމުގައި ދިމާވި މުހިންމު ހާދިސާތަކުގެ ވާހަކަ ދެއްކެވި އެވެ. އެ ވާހަކަތައް އެ މަނިކުފާނު ދެއްކެވީ،
"ދިވެހި ރައްޔިތުން، އަޅުގަނޑުގެ ހިދުމަތާ ދޭތެރޭގައި ގޮތެއް ނިންމަވައިފި"
(އިންތިހާބަށްފަހު 24 ގަޑިއިރު ހަމަނުވޭ)
ތަން: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކޮޓަރި: ދަރުމަވަންތަ މާލަމް
ތާރީހު: ސެޕްޓެމްބަރު 24، 2018
ވަގުތު: 1:16 (މެންދުރުފަސް)
ވާހަކައިގެ ދިގު މިން: 11 މިނެޓު 57 ސިކުންތު
ބަލި ގަބޫލު ކުރެއްވުން
އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް، އަޅުގަނޑާ ހެދި، އަޅުގަނޑު ކަންކުރާގޮތުން، އެހެން ދިވެހި ރައްޔިތުންނަށް ތަކުލީފަކަށްވާކަށް. ރައްޔިތުން، ރައްޔިތުންގެ ބަސް، އިއްޔެ ވިދާޅުވެއްޖެ. އެއަށް އަޅުގަނޑު އިހްތިރާމު ކުރަން.
ރައީސް ޔާމީން އެންމެ ފުރަތަމަ ގައުމާ މުހާތަބު ކުރެއްވީ ރިޔާސީ އިންތިހާބު ބާއްވާ ނިމުނުތާ 24 ގަޑިއިރު ހަމަވުމުގެ ކުރިންނެވެ. ޔާމީންގެ ވާހަކައިގައި އެމަނިކުފާނު ވަރަށް މުހިންމު ދެ ޒިންމާއެއް އަދާ ކުރެއްވި އެވެ. އެއީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވިކަން ގަބޫލު ކުރެއްވުމާއި ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާއެކު ގެންދެވުމަށް ގޮވާލެއްވުމެވެ.
އެންމެ ދަތި ފަސް އަހަރު
އާދެ، އަޅުގަނޑު އަބަދުވެސް ރައްޔިތުންނަށް ދަންނަވަމުން މި އަންނަނީ، އަޅުގަނޑުގެ މި ފަސް އަހަރަކީ ވަރަށްދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވި ފަސް އަހަރޭ. އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، އެއްވެސް ރައީސަކަށް މިހާ ދަތި ޒަޢާމަތެއް މެދުވެރިއެއްނުވޭ. އެހެންނަމަވެސް، މިއިން ކޮންމެ ފަހަރަކުވެސް އަޅުގަނޑު މަސައްކަތްކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި. އެއިން އެއްވެސް ކަމަކަށް އަޅުގަނޑު ދޫކޮށްލިނަމަ، ސަކަމްބް ކުރި ނަމަ، ދިވެހި ރައްޔިތުންގެ މަޞްލަޙަތު ގެއްލިގެންދާނެ ކަންތައްތައް، ކޮންމެފަހަރަކުވެސް އަޅުގަނޑާ ކުރިމަތިވެފައި އޮތީ.
ޔާމީންގެ ވާހަކަ ފެއްޓެވުމާއެކު އެމަނިކުފާނު ސީދާ ވަޑައިގެންނެވީ ވާހަކައިގެ އެންމެ މުހިންމު ނުކުތާއަށެވެ. އެމަނިކުފާނުގެ ދައުރުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވުމާއެކު ދެން ވިދާޅުވީ އެ އުނދަގޫތަކަށް ދީލާލި ނަމަ ރައްޔިތުންގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ.
ރައީސް ޔާމީން ވެރިކަން ކުރެއްވި ފަސް އަހަރު ވަރަށް ބޮޑެތި ބައިވަރު ކަންކަން ރާއްޖޭގައި ހިނގާފައިވާތީ އެމަނިކުފާނު ސީދާ އެ އިޝާރާތް ކުރައްވާ ކަންކަމެއް ނޭނގެ އެވެ. ނަމަވެސް ބޭރު ދުނިޔެއިން، ހާއްސަކޮށް ޔޫރަޕާއި ކޮމަންވެލްތު އަދި އިންޑިއާއިން ޔާމީންގެ ސަރުކާރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރި އެވެ.
އެންމެ ބޮޑަށް ޕްރެޝަރު ކުރިމަތިވީ ސިޔާސީ ލީޑަރުން ޖަލަށްލައިގެން ވެރިކަން ކުރަމުންދިޔުމާއެކު ޔޫރަޕް އަދި އިންޑިއާގެ ވާދަވެރި ޗައިނާ އަދި ސައޫދީ އަރަބިއްޔާއާ ގުޅުން ބަދަހި ކުރާތީ އެވެ.
ނަމަވެސް ރާއްޖޭގެ ފޮރިން ޕޮލިސީ އަލުންބަލުން ބައްޓަން ކޮށްގެން ނަމަވެސް އެ ޕްރެޝަރުތަކަށް ޔާމީން ވިދާޅުވި ގޮތަށް އެމަނިކުފާނު "ސަކަމްބް" ކުރައްވާފައެއް ނުވެ އެވެ. އެމަނިކުފާނުގެ ތަގުރީރުގައި އެ އިޝާރާތް ކުރެއްވި ދަތިއުނދަގޫތަކަކީ ބޭރުގެ ޕްރެޝަރުތަކަށްވުން އެކަށީގެންވެ އެވެ.
ބޭރު ދުނިޔެއަށް ކުރެއްވި ތުހުމަތުތައް
އިސްތިއުމާރީ ފަރާތްތަކުން މިކަންކަމަށް [ގާނޫނު ނެގެހެއްޓުމަށް އަދި އިސްލާމް ދީން ނޫން ދީނަކަށް ޖާގަނުދިނުމަށް ކުރާ މަސައްކަތަށް] ނުފޫޒު ފޯރުވަން ދިވެހިރާއްޖެއަށް މިކުރާ ހުރިހާ މަސައްކަތަކަށް އަޅުގަނޑުގެ ސަރުކާރުން މިހާތަނަށްވާނީ ހަމަ ވަރަށް ކެރިގެން ނޫނެކޭ ބުނެފައި. އަދި އެކަންކަމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ފޯރިޔަނުދިނުމަށްޓަކައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައި. އެކަންކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތްހަމަޖެހުން އެބައޮތް.
ބޭރުން ކުރިމަތިވި ޕްރެޝަރުތައް ޔާމީން ގުޅުވީ ދީނާ އެވެ. އެއީ ކުރިން އެމަނިކުފާނުގެ އެއްބަފާ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވާން އައި ދުވަސްވަރު ވެސް އިދިކޮޅަށް އެންމެ ވަރުގަދައަށް އަމާޒު ކުރި ތުހުމަތެވެ.
އެކަމަކު އެ ނުފޫޒުތައް ފޯރުވާ ގައުމުތައް ޔާމީން ސިފަ ކުރެއްވީ "އިސްތިއުމާރީ ފަރާތްތަކެއް" ގޮތުގަ އެވެ. އެހެންކަމުން ޔާމީން ތުހުމަތު ކުރެއްވީ އެމަނިކުފާނަށް ޕްރެޝަރު ކުރި ފަރާތްތަކުން އުޅުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުފޫޒު ފޯރުވަން ކަމަށެވެ. ގައުމެއްގައި ފަސް އަހަރު ވެރިކަން ކުރި މީހެއްގެ ފަރާތުން އަންނަން އެއީ ކުޑަ ނުވަތަ ސީރިއަސް ނޫން ތުހުމަތެއް ނޫނެވެ.
ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތްތައް
އަޅުގަނޑު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލަމުން، އަޅުގަނޑު ދެންނެވިން ރައްޔިތުންގެ އަރިހުގައި، ދިވެހިރާއްޖޭގައި މައްސަލަތައް ބައިވަރޭ. ބޮޑެތި ކަންތައްތައް ވަރަށް ގިނައޭ. ރައްޔިތުން ބޭނުންވާ އެތައް ކަމެއް މިހިރީ ނުފުދިއޭ. އެ ވަކި ދާއިރާއެއް ކިޔާނެ ކަމެއް ނެތް. ކޮންމެ ދިމާއަކުން ކޮންމެ ކަމަކަށް ބަލައިލި ނަމަވެސް، ދިވެހިރާއްޖެ އޮތީ ވަރަށް ނާމާންކަމުގެ ތެރޭގައި. ވަރަށް ނާއުއްމީދުގެ ތެރޭގައި.
ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބިކަވެފައި އޮތް ގައުމެއްގެ ހާލަތުގައި ކަމަށް އެމަނިކުފާނު ސިފަ ކުރެއްވި އެވެ. އެހެންވެ އެންމެ އިސްކަމެއް ދެއްވީ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށް ފޯރުދެއްވުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގެންނެވި ނުވަ ކަމެއް ޔާމީން ފާހަގަ ކުރެއްވި އެވެ. އެއީ:
- ނަރުދަމާ ނެތް ރަށްރަށުގައި ނަރުދަމާ އެޅުން
- ސާފު ބޯފެން ފޯރުކޮށްދިނުން
- ބަނދަރު އަޅައިދިނުން
- މަދަރުސާ ބިނާކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުން
- އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުން
- އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުން
- ޒުވާނުން ގެދޮރުވެރިކުރުވުން
ރިޝްވަތު ބެހި ކަމަށް ކުރެއްވި ތުހުމަތު
އަޅުގަނޑުގެ އިހްލާސްތެރި ހިދުމަތް ބަލައިގަންނަ އެތައްހާސް ރައްޔިތުންނެއް އިއްޔެ އަޅުގަނޑަށް ވޯޓު ދެއްވި. މިއަދު އަޅުގަނޑު މި ފިޔަވަޅުމަތީގައި މިހުރީ، އެހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހުރިހާ ސަޕޯޓަރުންނަށް ތިޔަ ކޮށްދެއްވި މަސައްކަތްޕުޅު ވަރަށް އިހްލާސްތެރިކަމާއެކީ އަޅުގަނޑު ބަލައިގަންނަ ވާހަކަ ދަންނަވަމުން އަދި ހުށަހަޅުއްވަމުންދިޔަ ހުރިހާ ހަދިޔާތަކަކާ، އެއަށްވެސް ނޫނެކޭ ވިދާޅުވެފައި، ގައުމުގެ ހައްގުގައި، ގައުމަށް ރަނގަޅީ ކޮން ގޮތެއްކަން ތިޔަބޭފުޅުން ނިންމަވައި ދެއްވައިފި."
ރައީސް ޔާމީނަށް ވޯޓު ދިން މީހުންނަށް ޝުކުރު އަދާ ކުރެއްވުމާއެކު އެމަނިކުފާނު ވިދާޅުވީ ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި އެ ރިޝްވަތުގައި އެ މަނިކުފާނުގެ ސަޕޯޓަރުން ނުޖެހުމުން އެކަމަށް ވެސް ޝުކުރު އަދާކުރެއްވި އެވެ. އެކަމަކު ހަދިޔާތަކަށް ނޫނެކޭ ބުނެފައި ގައުމަށް ރަނގަޅަކީ ކޮން ގޮތެއްކަން ތިޔަބޭފުޅުން ނިންމަވައިދެއްވައިފި ކަމަށް ވިދާޅުވުމުން، ހަދިޔާގައި ސަޕޯޓަރުން ނުހިފާ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާކަން ބަލައިގަންނަން ދައްޗެވެ.
އަނބިކަނބަލުންގެ މަސައްކަތް ފާހަގަ ކުރެއްވުން
އަޅުގަނޑަށް އެންމެ ބޮޑަށް ސިޔާސީ ގޮތުން އެހީތެރިވެވަޑައިގެންނެވީ އަޅުގަނޑުގެ އަންހެނުން. އޭނާ އާއި އޭނާގެ ޓީމު ވަރަށް ވަރުގަދަ މަސައްކަތް، ކެނޑިނޭޅި ކުރައްވާތާ ތިން، ހަތަރު އަހަރުވެގެން މިދިޔައީ. އެހެންވީމާ، މެޑަމް ފާތިމަތަށާއި އޭނާގެ ޓީމަށް ވަރަށް އިހްލާސްތެރިކަމާއެކީ ޝުކުރު ދަންނަވަން."
ޔާމީނަށް އެންމެ ބޮޑަށް އެހީތެރިވެވަޑައިގަތީ އަނބިކަނބަކުން ފާތިމަތު އިބްރާހިމް ކަމަށް ޔާމީން ވިދާޅުވި އެވެ. އަނބިކަނބަލުންނަށް ޝުކުރު އަދާކުރެއްވުމާއެކު ޔާމީން ފާހަގަ ކުރެއްވީ އެކަމަނާ އެމަނިކުފާނުގެ ކެމްޕެއިން ހިންގާވާތާ ހަތަރު އަހަރުވީ ކަމެވެ. ޔާމީންއަކީ އެމަނިކުފާނު ކުރައްވާ ކޮންމެ މަސައްކަތެއް ވެސް ބަރާބަރަށް ތަންފީޒު ކުރައްވަން ބޭނުންފުޅުވި ވެރިއެކެވެ. ޔާމީންގެ ވާހަކަފުޅު ބައްޓަން ކުރެއްވި ގޮތުން އަލިއެޅެނީ ހަތަރު އަހަރުގެ ކެމްޕެއިނެއްކޮށްގެން ވެސް ނާކާމިޔާބުވި ކަމާއި ކެމްޕެއިނުގައި އިސްކޮށް އަނބިކަނބަލުން އުޅުއްވި ކަމެވެ.
ޝުކުރާއެކު ވެސް ޝަކުވާ
ޝުކުރު ދަންނަވަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެހެންނަމަވެސް، ދިވެހި ރައްޔިތުން ވިސްނާވަޑައިގަންނަވާށޭ! ދިވެހި ރައްޔިތުން އެދިވަޑައިގަންނަވަނީ ކޮންކަމެއްތޯ، އަޅުގަނޑު މި ސުވާލުކުރަނީ، ގިންތިއެއް ތަފާތުކުރުމެއްނެތި، ރަށެއް ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، މި ފަސް އަހަރަށްވުރެ ފާގަތިކޮށް، ފަހިކޮށް ރާއްޖެއަށް ޢާއްމުވި ދުވަސްވަރެއް، އަޅުގަނޑުމެންގެ ތަފާސް ހިސާބަކުން ނުދައްކާ. ޒުވާނުންނަށް ކަންތައްތައް ފުރިހަމަވެގެންދިޔަ ދުވަސްވަރެއް، އަޅުގަނޑުމެންގެ ތަފާސް ހިސާބަކުން ނުދައްކާ. ދޮށީ ރައްޔިތުންނަށް ކަންކަން ފަހިވެގެންދިޔަ އެއްވެސް ޒަމާނެއް، އަޅުގަނޑުމެންގެ ތަފާސް ހިސާބަކުން ނުދައްކާ. އެހެންވީމާ، ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ މިއޮތީ އިގްތިސާދީ ގޮތުންވެސް، އިޖުތިމާއީ ގޮތުން ވެސް، ހުރިހާ ދާއިރާއަކުން މި ފަސް އަހަރުގެ ތެރޭގައި ވަރަށް ކުރިއަށް ޖެހިލާފައި. އަޅުގަނޑު އެދެނީ ދެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ އިބްރާހީމް މުހައްމަދު ސޯލިޙާއި، އޭނާގެ ޓީމުގެ ފަރާތުންވެސް، އަޅުގަނޑުމެން މިކުރި މަސައްކަތް، ރައްޔިތުންގެ ހައްގުގައި ބާރުމިނުގައި ކޮށްދެއްވުން. އަޅުގަނޑު ނެތިން އެއްގޮތަކަށްވެސް، އަޅުގަނޑާހެދި، އަޅުގަނޑު ކަންކުރާގޮތުން، އެހެން ދިވެހި ރައްޔިތުންނަށް ތަކުލީފަކަށްވާކަށް. ރައްޔިތުން، ރައްޔިތުންގެ ބަސް، އިއްޔެ ވިދާޅުވެއްޖެ. އެއަށް އަޅުގަނޑު އިހްތިރާމު ކުރަން."
އެމަނިކުފާނަށް ވޯޓު ދިން މީހުންނަށް ޝުކުރު އަދާކުރެއްވުމަށްފަހު ވެސް ވޯޓުގައި ބައިވެރިވި ޖުމްލަ ރައްޔިތުންނާމެދު އެމަނިކުފާނު ކޮންމެވެސް ވަރަކަށް ޝަކުވާ ކުރެއްވި އެވެ. އެމަނިކުފާނު ގެންނެވި ތަރައްގީ އާއި ތަރައްގީ ގެންނެވި ގޮތް ރައްޔިތުންނަށް ކަމުނުދަނީތޯ ޔާމީން އެއްސެވި އެވެ. އެހެންނަމަވެސް އެމަނިކުފާނު ކުރައްވާ ކަމަކުން ރައްޔިތުންނަށް ތަކުލީފެއް ދެން ބޭނުންވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"މީހުންގެ ފިކުރާއި ވިސްނުމަށް އަންނަ ބަދަލު އަންނަ ސަބަބު ދަހެއް ނުވި"
(ފުރަތަމަ ތަގުރީރަށްފަހު 23 ދުވަސް ފަހުން)
ތަން: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކޮޓަރި: ދަރުމަވަންތަ މާލަމް
ތާރީހު: އޮކްޓޯބަރު 17، 2018
ވަގުތު: 1:54 (މެންދުރުފަސް)
ވާހަކައިގެ ދިގު މިން: 17 މިނެޓު 55 ސިކުންތު
ހާރިޖީ ސިޔާސަތާއި ކޮމަންވެލްތުން ރާއްޖެ ވަކިވުން
އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތުތައް މިގޮތަށް ބައްޓަން ކުރުމުގެ ތެރޭގައި، ކުރީގައިވެސް ދަންނަވާލިގޮތަށް އަޅުގަނޑަށް ނިންމަން އުނދަގޫވި އެންމެބޮޑު އެއް މައްސަލައަކީ، ކޮމަންވެލްތުން ދިވެހިރާއްޖެ ނުކުންނަން ނިންމި ނިންމުން. އަޅުގަނޑުމެންގެ ދާހިލީ ކަންކަމާ ކޮމަންވެލްތުގެ ފަރާތުން ބެހެމުންދާ މިންވަރު ބޮޑުކަމުން، އެއީ ހަމަ އެއްގޮތަކަށް ވެސް ދައުލަތަކަށް ތަޙައްމަލު ނުކުރެވޭ މިންވަރަށް އެކަންކަން ދިޔައިމާ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ހޯދައިގެން، ލަފާ ލިބިގެން ކޮމަންވެލްތުން އަޅުގަނޑުމެން ނުކުތީމު.
ޔާމީންގެ ދައުރުގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބަދަލުކޮށްލި މިންވަރުން ބޭރުގެ ދުނިޔޭގައި އެމަނިކުފާނުގެ ބައިވަރު ދުޝްމަނުން އުފެދުނެވެ. އިންޑިއާ އާއި އިނގިރޭސި ވިލާތާއެކު ރާއްޖެއިން ބާއްވަމުން އައި ގުޅުން ހީނަރުވެ، ޗައިނާ އާއި ސައުދީ އަރަބިއްޔާއާ ގާތްވި އެވެ.
އިނގިރޭސި ވިލާތުން މައިގަނޑު ގޮތެއްގައި ރާއްޖެއަށް ޕްރެޝަރު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ވެރިން މިނިވަން ކުރުމަށެވެ. އިންޑިއާއިން ޕްރެޝަރު ކުރީ އެ ގައުމަ ދުރުވެ، ޗައިނާއާ ގުޅުން ބަދަހިކުރާތީ އެވެ.
އިންޑިއާ އާއި އިނގިރޭސިވިލާތުގެ ޕްރެޝަރާ ޔާމީން ކުރިމަތިލީ ވަރަށް ވަރުގަދަޔަށެވެ. ކޮމަންވެލްތުން ރާއްޖެ ނިކުތުމަކީ އޭގެ ތެރެއިން އެއް ކަމެވެ.
މީހުންގެ ވިސްނުމާއި ފިކުރު ދަސްނުވި ކަމަށް ވިދާޅުވުން
މިހުރިހާ ކަމެއް ވެގެންދާއިރުވެސް އަޅުގަނޑަށް ހަމަ ގަބޫލުކުރަން އެންމެ އުނދަގޫ ކަމަކީ، ނޫނީ އެންމެ ދަތިވެގެންދިޔަ ކަމަކީ، ނޫނީވިއްޔާ އަޅުގަނޑުގެ ނުކުޅެދުންތެރިކަން ހުރި ކަމަކީ، އަޅުގަނޑަށް ނުވިސްނުނު ކަމަކީ، މީހުން ދަސްނުވުން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް މި ފަސް އަހަރު ވެގެންދިޔައިރު ވެސް ދަހެއްނުވި، މީހުންގެ ފިކުރަށާއި މީހުންގެ ވިސްނުމަށް އަންނަ ބަދަލު މި އަންނަނީ ކީއްވެގެން ކަމެއް. އަދި ކޮންކަހަލަ ނުފޫޒުން ކަމެއް، މި ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުންމިދާ އަވަސްމިނުގައި ވިސްނުންތައް ބަދަލުވެގެން މިދަނީ ކޮންކަހަލަ ނުފޫޒެއްގައިކަން އަޅުގަނޑަކަށް ދަހެއްނުވި. އަދި އެކަންކަން ދަސްނުވީމާ، އެކަންކަމާ ދޭތެރޭގައި އަޅާނެ ފިޔަވަޅު އެޅުމަށް އަޅުގަނޑު ވަނީ ނުކުޅެދިފައި."
އެއީ އެމަނިކުފާނުގެ މުޅި ތަގުރީރުގައި ވެސް އެންމެ ޑައިރެކްޓުކޮށް ވިދާޅުވި އެއް ވާހަކައެކެވެ. ރައްޔިތުންގެ އިހުސާސްތައް ދަސްނުވި ކަމަށް ވެރިޔަކު ވިދާޅުވުމަކީ ކުޑަ ކަމަކަށް އެއްބަސްވެވަޑައިގަތުމެއް ނޫނެވެ. ވެރިޔަކު މަސައްކަތް ކުރަންޖެހެނީ ރައްޔިތުންގެ އިހުސާސާ އެއްގޮތަށެވެ. ތަރައްގީ އާއި ތަމައްދުން ގެންނަންޖެހެނީ އާންމުން ބޭނުންވާ ގޮތަށެވެ.
އަމިއްލަ މަސްލަހަތު އިސް ކުރިކަމުގެ ތުހުމަތު ރައްޔިތުންނަށް
އެއްވެސްއިރެއްގައި ގައުމުގެ މަސްލަހަތަށްވުރެ އިސްކަން ދެވިފައި މި އޮންނަނީ އަބަދުވެސް، ހުރިހާއިރެއްގައިވެސް ދެވިފައި މި އޮންނަނީ ވަކި ފަރާތްތަކެއްގެ އަމިއްލަ މަސްލަޙަތަށް. އަމިއްލަ މަސްލަހަތުގެ ކުރިއަކަށް ދައުލަތުގެ މަސްލަހަތާއި މުޅި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެވުނު ތަނެއް އަޅުގަނޑަކަށް، މި ފަސް އަހަރުގެ ތެރޭގައި ފެނިގެނެއްނުދޭ. އަދި އޭގެކުރިންވެސް، އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކަށް ފެނިގެނެއްނުދިޔައޭ. އަޅުގަނޑުމެން ހުރިހާ އެންމެން މި މަސައްކަތް ކުރަނީ ގައުމުގެ ހައްގުގައި. ދިވެހި ރައްޔިތުންގެ މައުސޫމް ބޮޑު ރައްޔިތެއްގެ ހައްގުގައި. މިކަންކަމުން ހުރިހާ ސިޔާސީ ލީޑަރުންވެސް ޖާގަ އެބަ ދެއްވަންޖެހޭ.
އެކަމަކު މިކަންކަން ތަންފީޒުވެގެންދާ މިންވަރާ ދޭތެރޭގައި އަޅުގަނޑުމެން މިއަދުވެސް އޮޑިޓެއް ކޮށްލަންޖެހޭ، ވިސްނާލަންޖެހޭ. އަޅުގަނޑުމެންނަކަށް މިކަން ތަންފީޒު ވެގެންދާތަނެއް ނުފެނޭ. އަޅުގަނޑުމެންނަށް ހުރިހާ ދިމާއަކުންވެސް ފެނިގެން މިދަނީ، ގައުމީ މަސްލަހަތު ހަވާސާގައި ބާއްވާފައި، އަމިއްލަވަންތަ ސިފަތަކަށް، އަމިއްލަ ހިޔާލުތަކަށް އިސްކަން ދެވިގެން، ގައުމާ ދޭތެރޭގައި ކޮންމެގޮތެއްވުން ހެޔޮކަމަށް ދޫކޮށްލެވިގެންދާތަން.
ޔާމީންގެ އެންމެ ފަހު ވަދާއީ ތަގުރީރުގައި، އެމަނިކުފާނު ވަރަށް ކެރިވަޑައިގެން ވިދާޅުވީ ގައުމަށްވުރެ އިސް ކުރެވިފައި އޮތީ އަމިއްލަ މަސްލަހަތު ކަމަށެވެ. ނަމަވެސް އެ ބަސް ރައްދު ކުރެއްވި ބަޔަކު ނުވަތަ މީހަކު ކަނޑައެޅިގެން ނޭނގެ އެވެ. އަމިއްލަ މަސްލަހަތު އިސް ކުރެއްވީ އެމަނިކުފާނުގެ ދަށުން މަސައްކަތް ކުރެއްވި ކެބިނެޓުތޯ އެވެ؟ ނުވަތަ ސިޔާސީ ލީޑަރުންތޯ އެވެ؟ ނޫނީ އަމިއްލަ މަސްލަހަތު އިސް ކުރީ ރައްޔިތުންތޯ އެވެ؟
ވޯޓު ނުދިން ރައްޔިތުން އިތުރަށް ގައުމަށް އިހުމާލުނުވުމަށް އިލްތިމާސެއް
އަޅުގަނޑަށް ވޯޓު ނުދެއްވާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އެކަމަކު އެބޭފުޅުންނަށް އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވާ ކަމަކީ، އަޅުގަނޑަށް ވޯޓު ނުލެއްވުނު ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެބޭފުޅުން އިހުމާލުވެވަޑައިނުގެންނެވޭނެ ކަމަކީ، ދިވެހިރާއްޖޭގެ މަސްލަހަތު. ދިވެހި ދައުލަތުގެ މަސްލަޙަތު. ގައުމުގެ މަސްލަހަތު. ގައުމުގެ މިނިވަންކަން. ގައުމުގެ އަމިއްލަވަންތަކަން. ގައުމުގެ ކަންކަމާ ބޭރުގެ ފަރާތްތަކަށް ބެހެން ޖާގަ ދިނުމަކީ، ކިހާ ނުރައްކާތެރި ކަމެއްކަން، އެބޭފުޅުންގެ ހިޔާލުފުޅަށް ގެންނަވަންޖެހޭނެ. މިކަންކަން ކުރެއްވުމުގައި އެބޭފުޅުން ދެމިތިއްބަވައިފި ކަމަށްވަންޏާ، އަޅުގަނޑަށް ވޯޓު ނުދެއްވި ނަމަވެސް، އަޅުގަނޑުގެ ހިތުގެ ޝުކުރު އެބޭފުޅުންނަށް އަބަދުވެސް އޮންނާނެ.
"އަޅުގަނޑަށް ވޯޓު ނުލެއްވުނު ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެބޭފުޅުން [ރައްޔިތުން] އިހުމާލުވެވަޑައިނުގެންނެވޭނެ" ކަމަށް ޔާމީން ވިދާޅުވުމުން ވިސްނެނީ، އެމަނިކުފާނަށް ވޯޓު ނުދިނުމަކީ އިހުމާލެއް ކަމަށް ވިދާޅުވި ކަމަށެވެ.
އެއްވެސް ނުފޫޒެއް ނެތި ބޭނުން ގޮތަކަށް ވޯޓު ދިނުމުގެ އިހުތިޔާރަކީ ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފަ ކަމަށްވާއިރު މިވެނި ގޮތަކަށް ވޯޓުނުލުމަކީ ގައުމަށް އިހުމާލުވުން ކަމަށް ވެރިޔާ ވިދާޅުވުމަކީ، ޑިމޮކްރަސީއާ ދުރު ބަސްފުޅެއް ކަމަށް ބުނުމުގެ ޖާގަ އެބަ އޮތެވެ.
ޔާމީން ލެގަސީ
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މުއްދަތު ހަމަވެގެން ވަކިވެގެންދާއިރު، ކޮންމެ ރައީސުލްޖުމްހޫރިއްޔާއަކު ވެސް ރާއްޖޭގެ ރައްޔިތުންނަށް ދޫކުރާނެ ލެގަސީއެއް. އަޅުގަނޑުގެ ހިތުން، އެކި ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ތިއްބެވި ބޭފުޅުންނާ ދޭތެރޭގައި ކޮންމެވެސްވަރަކަށް ވިސްނައި، ކޮބައިތޯ އެބޭފުޅުންގެ ހިދުމަތަކީ ފާހަގަކުރާނެ. އަދި ކޮބައިތޯ އެބޭފުޅުންގެ ވީކްނަސަސްއަކީ ނޫނީ ބަލިކަށިކަމަކީ ވެސް ރައްޔިތުން އެސެސް ކުރާނެ. ނޫނީ ރައްޔިތުން ވިސްނާނެ. އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑާ ދޭތެރޭގައި ކަންކަން ނިންމަވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ދެތިން ކަމަކަށް ވިސްނާވަޑައިގެންދެއްވާށޭ! ރާއްޖޭގައި އޮތް ހާލަތު، އެ ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރެވިއްޖެތޯ. ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވިއްޖެތޯ. ރައްޔިތުންނަށް ކުރިއެރުން ބޭނުންވާ ދާއިރާތައް، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، އިޖުތިމާއީ ދާއިރާތައް، އިގްތިސާދީ ދާއިރާ، މިކަންކަމުގައި ރައްޔިތުންނަށް ކުރިއެރުން ލިބިއްޖެތޯ. ނޫނީވިއްޔާ ހާލަތު ދިޔައީ އިތުރަށް ގޯސްވެގެންތޯ.
ޔާމީންގެ ވާހަކަފުޅުގައި އެންމެ ފަހަގު ނުކުތާއަކަށް އެދިވަޑައިގަތް ކަމަކީ ތާރީހުގައި އެމަނިކުފާނުގެ ވެރިކަމުގައި ސިފަ ކުރާއިރު ރާއްޖެއަށް އެމަނިކުފާނު ގެންނެވި ތަރައްގީއަށް ވިސްނުމަށެވެ. އެމަނިކުފާނިުގެ ވެރިކަމުގައި ކުރިއެރުން ލިބިއްޖެތޯ ނުވަތަ ނޫންތޯ ރައްޔިތުން ވިސްނަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. ހާލަތު ރަނގަޅުވެއްޖެތޯ ނުވަތަ ނޫންތޯ އަމިއްލައަށް ވަޒަންކުރަން ވެސް އެދިވަޑައިގެންނެވި އެވެ.
ރައީސް ޔާމީން ދެއްވި ވަދާއީ ދެ ތަގުރީރަކީ ވެރިއެއްގެ ދުލުން މަދުން ނޫނީ ވިދާޅުނުވާނެ ފަދަ ވާހަކަތަކެއް ދެއްކެވި ދެ ތަގުރީރެވެ. އެ ދެ ތަގުރީރުން ލިބޭ އިބުރަތްތަކާއި ފިލާވަޅުތައް ބައިވަރެވެ. އެ ދެ ވާހަކަފުޅުން ރައީސް ޔާމީންއަކީ ކޮން ކަހަލަ ބޭފުޅެއްކަން -ވިސްނާ މީހަކަށް ވަޒަންކުރެވޭނެ އެވެ.











