ރާއްޖޭގެ ފުޓްބޯޅައިގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރިފޯމްކުރަން ފެށި "ސޭވް އެފްއޭއެމް"، ހަރަކާތް ރޭ ރަސްމީކޮށް ފަށައިިފި އެވެ.
ޝީ ބިލްޑިންގެ ސެމީނާ ރޫމްގައި ރޭ ބޭއްވި "ސޭވް އެފްއޭއެމް" ހަރަކާތުގެ ޖަލްސާ ފައްޓަވައިދެއްވީ އެ ކެމްޕެއިނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގައުމީ ޓީމުގެ ކުރީހެ މެނޭޖަރު، އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ.
"ސޭވް އެފްއޭއެމް" ކެމްޕެއިން ވުޖޫދުވީ ދާދި ފަހުން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައި، އެފްއޭއެމްގެ ހިންގުން ގޯސް ފައްތަރެއްގައި އޮވެ، ދިވެހި ފުޓްބޯޅަ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެެހިފައިވާ މަންޒަރު ފެންނަމުންދާތީ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެ ނާކާމިޔާބީއާ އެކު، ދިވެހި ފުޓްބޯޅަ ވެއްޓެމުންދާ އަޑިގަނޑުން ސަލާމަތްކުރަން ޖެހޭ ކަމަށް ބުނެ، "ސޭވް އެފްއޭއެމް"ގެ ނަމުގައި ކެމްޕެއިނެއް ފެށިގެން ރޭ މި ވަނީ ފުރަތަމަ އިވެންޓް ބާއްވައިފަ އެވެ.
ރޭ ބޭއްވި އިވެންޓްގައި "ސޭވް އެފްއޭއެމް" ގެ ލޯގޯ ޖެހި ޓީޝާޓް ލައިގެން ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި ފުޓްބޯޅަ ކްލަބްތަކުގެ ހިންގުންތެރިންގެ އިތުރުން މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ. ރޭގެ އިވެންޓްގައި ވާހަކަ ދެއްކެވި ފަރާތްތަކަށް ބަލާއިރު، ދިވެހި ފުޓްބޯޅައިގައި ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ހާމިދު އަބްދުލް ގަފޫރު އާއި ނިއު ރޭޑިއަންޓްގެ މެނޭޖްމަންޓުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ކުރީގެ ކުޅުންތެރިޔާ، އަންވަރު އަލީ ވެސް ހިމެނެ އެވެ.
"ސޭވް އެފްއޭއެމް" އިވެންޓްގައި އިސްކޮށް ހަރަކާތްތެރިވާ އާމިރު، ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ބުނީ އޭނާ އަކީ "ވިކޭނެ" މީހެއް ނޫން ކަމަށާއި އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.
ރޭގެ އިވެންޓްގައި، ވަނީ "ސޭވް އެފްއޭއެމް"ގެ ރިފޯމް ކޮމިޓީއެއް އެކުލަވާލައިފަ އެވެ.







