"ހަނިމާދޫ ބަނދަރުގައި އޮތް އިންޑިއާގެ ބޯޓަކުން މިރަށަށް އެބަ ހަތިޔާރު ބާލާ. ދިވެހި ސިފައިންނަށް އަންގާވެސް ނުލާ،" މިއީ އެއް ދުވަހެއްގެ ހެނދުނު މީހަކު ގުޅާފައި ބުނި ވާހަކަ އެކެވެ. ހީވީ އޭނާ ހުރީ ސީދާ އެބުނާ ބޯޓެއްގެ ކައިރީގައި ހެންނެވެ. އެ ވާހަކައަކީ އެހެން މީހަކު ބުނި ވާހަކައަކަށްވީ "ހަތިޔާރު ބޯޓު"ގެ ފޮޓޯއެއް ފޮނުވަން ބުނި ހިސާބުންނެވެ. އެ ދުވަހު އެ ވާހަކަ ޔޯލަ ވާހަކައަށް ވެ ނިމުނީ އެވެ.
މިވާހަކަ މިތާ މި ގެނެސްދިނީ އަވަށްޓެރި އިންޑިއާގެ އަސްކަރީ ނުފޫޒު ރާއްޖެއަށް އޮތް މިންވަރާ މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުން ގަބޫލުކުރާ ގަބޫލުކުރުމުގެ ވަރުގަދަކަން ކިޔައިދިނުމުގެ ބޭނުމުގަ އެވެ.
"އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ހަރަކާތަކީ އޮތް ކަމަށް އެމީހުން ގަބޫލުކުރާ އެ ނުފޫޒާ ދެކޮޅަށް ހިންގާ ހަރަކާތެކެވެ. އެހާ ބޮޑަށް އާންމު މެމްބަރުންގެ ގަބޫލުކުރުންތަކާ ގުޅިފައިވާ އެ ހަރަކާތް ހުއްޓައިލަން ބުނުމަކީ އެމީހުންނަށް ކުޑަ ކަމަކަށް ނުވާނެ އެވެ.
އިންޑިއާ އައުޓް ހަރަކާތާއި ޕީޕީއެމުން ކުރާ އެހެނިހެން މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅުއްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ ވާހަކަ އެކެވެ.
"އިންޑިއާ އައުޓް ހަރަކާތްތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ގެއްލި ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތްކަމެށް ކަމަށް ޕީޕީއެމްއަށް ގަބޫލުކުރެވޭތީ ކުރިއައްގެންދާ ހަރަކާތެއް. ޕީޕީއެމްއާއެކު މަޝްވަރާގެ މޭޒަށް އަރާއިރު ސާފުކޮށް ފެންނާންހުރި ކަންކަން އިންޑިއާ އައުޓް ހަރަކާތަކީ" އެ ހަރަކާތް ހުއްޓައިލަން އެދޭކަމަށް ދަ ޑިމޮކްރެޓްސްގެ މުއައްސިސު ހަސަން ލަތީފު ވިދާޅުވުމުން، އެ ވާހަކައަކަށް ރައްދު ދެއްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
ޕީޕީއެމްގެ އެހެން ގިނަ ހަރަކާތްތެރީންގެ ބަހަކީ ވެސް މި އެވެ. އިންޑިއާ އައުޓް ހަރަކާތް ހުއްޓައިލުމަކީ އެއްވެސް މަޝްވަރާއެއްގެ ޝަރުތެއްގެ ގޮތުގައި އެމީހުން ބަލައެއް ނުގަންނާނެ އެވެ.
އެކަން އެހެން އޮތް އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި "ފިކުރެއްގެ ދިރުން" ހަރަކާތުގެ ތެރެއިން އުފަންވި އާ ޕާޓީ 'ދި ޑިމޮކްރެޓްސް' އާ އެކު ޕީޕީއެމް/ޕީއެންސީން މިހާރު ފަށައިގެން އުޅެނީ ސީރިއަސް މަޝްވަރާތަކެކެވެ. ނަޝީދަކީ އެހެން ނަމަވެސް އަވައްޓެރި އިންޑިއާއާ ގާތް ގުޅުމެއް އޮތް ބޭފުޅަކަށް ވާތީ އެ މަނިކުފާނަށް އިންޑިއާ އައުޓް ހަރަކާތަކީ އަބަދުވެސް މައްސަލަ އެކެވެ. ޕީޕީއެމްއާ އެކު ކުރިއަށް ދެވިދާނެ ކަމަށް އެމަނިކުފާނު އެންމެ ފުރަތަމަ އާންމުންގެ ތެރޭގައި ވިދާޅުވިއިރު ވެސް ނަޝީދު އެދިވަޑައިގެންނެވީ އިންޑިއާއާ ދެކޮޅު ހަރަކާތް ހުއްޓައިލުމަށެެވެ.
ދޫދޭން ޑިމޮކްރެޓުން ފުރަތަމަ އެެއްބަސްވި
އިންޑިއާ އައުޓް ހަރަކާތާއި ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމުން ކުރާ ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދިޔަޔަސް، އެ ޕާޓީއާއެކު މަސައްކަތް ކުރަން ޑިމޮކްރެޓުން ފުރަތަމަ އެއްބަސްވި އެވެ. ލިޔެކިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތަސް، އެޕާޓީން އެކަން ހާމަކުރީ ޕީޕީއެމްގެ ލީޑަޝިޕް ބޭފުޅުންނާ އެއް މޭޒެެއްގައި ތިއްބަވައިގެންނެވެ.
"ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ ހަމަ އެކުއެކީގައި. އެހެންވީމާ ކޮންމެ ކަމެއް ވެސް އެއީ ހަމަ ޕޮސިބަލް ކަންކަން އިނގޭތޯ،" ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވި އެވެ.
ޑިމޮކްރެޓުން ތިބީ އެގޮތަށްކަން އޭގެ ފަހުން ވަރަށް ސާފުކޮށް ފެނުނެވެ. ބޮޑު އީދާ ގުޅުވައި ޕީޕީއެމުން ކުރިއަށް ގެންދިޔަ "މޯދީގެ މާލި" ނެރުމުގެ ހަރަކާތަށް އެތައް ބަޔަކު ފާޑުކީއިރު ޑިމޮކްރެޓުންގެ ބޮޑުން އޭގެ ތެެރެއަކު ނުހިމެނެ އެވެ.
ރާގު ބަދަލުވީ ނަޝީދު ވަޑައިގަންނަވާތީ؟
އިންޑިއާ އައުޓް ހަރަކާތަށް ދޫ ދޭނެކަމަށް ޑިމޮކްރެޓުންގެ މަންދޫބު އާޒިމް ވިދާޅުފައި ވަނިކޮށް އެޕާޓީގެ މުއައްސިސު، ހަސަން ލަތީފު ވިދާޅުވީ އެ ހަރަކާތް ހުއްޓައިލަން އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އުނދަގޫ ވާނެ އެ ސިޔާސީ ޕާޓީއަކާއެކު މަސައްކަތް ކުރަން ވެސް، ތި ފާހަގަ ކުރާ ފަދައިން ޕީޕީއެމުން ހިންގާ ހަރަކާތެއް އިންޑިއާ އައުޓަކީ، އަޅުގަނޑުމެން ބޭނުން ޕީޕީއެމާއެކު ވެސް މަސައްކަތް ކުރަން، އެހެންވެ އަޅުގަނޑުމެން އެދެން އެކަން ހުއްޓާލަން،" ހަސަން ވިދާޅުވި އެވެ.
ހަސަން މިމޭރުމުން ވާހަކަ ދެއްކެވީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން އެކަން އިއުލާނުކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އާ ޕާޓީއާ ނަޝީދު ގުޅިވަޑައިގަންނަވާނެކަން ނުސީދާކޮށް އިއުލާނު ކުރެއްވީ ވެސް އިއްތިފާގުން ހަމަ އެ ދުވަހު އެވެ. އެއީ ހަމަ ހަގީގަތުގައި ވެސް އިއްތިފާގަކަށް ވެދާނެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ، އިންޑިއާ އައުޓް ހަރަކާތް ހިންގުމާ އެމަނިކުފާނު ކަނޑައެޅިގެން ދެކޮޅުކަމެވެ.
ރިޔާސީ އިންތިހާބަށް ދެން އޮތީ ދެ މަސް ދުވަހެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ސަޕޯޓު ހޯދަން ވިއްކާނެ އެއް ވާހަކަ އަކަށް ވާނީ، އަދި ހަރަކާތަކަށް ވާނީ އިންޑިއާ އައުޓު ކެމްޕޭނު ކަމަށް ބެލެވެ އެވެ. ނަމަވެސް ނަޝީދުގެ ސިޔާސީ މުސްގުބަލަށް އެ ހަރަކާތުން ދިރުމެއް ނުލިބޭނެ އެވެ. ޕީޕީއެމާއި ޑިމޮކްރެޓުންގެ ފިކުރު މި މައްސަލާގައި މިހާ ބޮޑަށް ތަފާތުކޮށް އޮތުމުން، އެ ދެ ޕާޓީން ކިތަންމެ މަޝްވަރާއެއް ކުރިއަސް، ފިކުރެއްގެ މި އަރައިރުމަށް ނިމުމެއް ނެތެވެ. އަދި އެހެން މަޝްވަރާތަކަށް ވެސް އެކަމުގެ ނުރަނގަޅު އަސަރު އައިސް، ދެ ފިކުރުގެ ސަޕޯޓަރުންގެ އަރައިރުން ވެސް ބޮޑުވާނެ އެވެ.











