އެމެރިކާގައި ދަރިވަރުންގެ ލޯނުގެ ގޮތުގައި އޮތް 430 ބިލިއަން ޑޮލަރު މައާފު ކުރަން ރައީސް ޖޯ ބައިޑެން ނިންމެވި ނިންމެވުމަށް ސުޕްރީމް ކޯޓުން ހުރަސް އަޅައިފި އެވެ.
ދަރިވަރުންގެ ލޯނު މައާފު ކުރުމަކީ ބައިޑެންގެ ސަރުކާރުގެ ވައުދެކެވެ. އެއީ އެމެރިކާގެ 43 މިލިއަން މީހުންނަށް ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި އޮތީ ފާހަގަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުން އެ ސިޔާސަތާ ދެކޮޅު އިރު، އެ ސިޔާސަތު ރަނގަޅު ކަމަށް ނިންމީ ތިން ފަނޑިޔާރުންނެވެ.

ލޯން މައާފުކޮށްދޭނެ ކަމަށް އޯގަސްޓް 2022 ގައި އިއުލާން ކުރުމާ އެކު، އެކަމުގައި ބައިވެރިވުމަށް 26 މިލިއަން މީހުން ފޯމް ހުށަހެޅި އެވެ.
އެ ސިޔާސަތު އިއުލާން ކުރުމުން، އެންމެ ފުރަތަމަ އެކަމާ ދެކޮޅަށް ގޮތް ނިންމީ ދަށު ކޯޓުންނެވެ. ރިޕަބްލިކަން ޕާޓީއިން ބުނީ އެއީ ބައިޑެންއަށް ލިބިދޭ ބާރުގެ ބޭރުން އިއުލާން ކުރި ސިޔާސަތެއް ކަމަށެވެ.
ލޯން ނަގާފައިވާ އެހެން މީހުންނަށް އެއްވެސް ލުޔެއް ނުލިބޭ އިރު، ތައުލީމާ ގުޅޭ ލޯނު ނެގި މީހުންނަށް އެކަނި ލުއި ދިނުމަކީ ބޮޑު ތަފާތު ކުރުމެއް ކަމަށް އެ މީހުން ބުންޏެވެ.










