ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023، އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކެޓީ، މުބާރާތުގައި ކުޅުނު ފަހު ދެ މެޗުން ބަލިވެ، އަމިއްލަ ބާރު ގެއްލިފައިވަނިކޮށް، ބޫޓާނަށް ބަރޯސާވެގެން ތިއްބައި އެ ޓީމު ވެސް ބަލިވެގެންނެވެ.
ރާއްޖޭން ސާފް ޗެމްޕިއަންޝިޕްގައި ކުޅޭތާ މިވީ ހަތާވީހަކަށް އަހަރު ތެރޭ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ފުރަތަމަ ފަހަރަށް ކެޓިއިރު، އެކަން ވިޔަނުދޭން ރާއްޖެ ބަރޯސާވާން ޖެހުނީ އަބަދުމެ، ރާއްޖެ އަތުން ބަލިވާ، އަދި މި ފަހަރު ވެސް ރާއްޖެ އަތުން ބަލިވި ބޫޓާނަށެވެ.
ގްރޫޕް ފަހު މެޗުގައި ބަންގްލަދޭޝް އަތުން ބޫޓާން ބަލިވެ، އެ ޓީމާ އެކު ރާއްޖެ ވެސް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކެޓީ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މި ބޮޑު ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކަށް ފުރަތަމަ އޮތީ އެފްއޭއެމް އާއި ކްލަބްތަކެވެ. އެ އަށް ދެބަސްވެވޭނެ އެއްވެސް ސަބަބެއް ނުދެއްކޭނެ އެވެ. އެންމެ ކްލަބެއް މުސާރަ ދީގެން ރަނގަޅަށް ހިނގައިގެން ފުޓްބޯޅަ ކުރިއަަށް ނުދާނެ އެވެ.
ދެން، ޒިންމާވާންޖެހޭ އަނެއް ފަރާތަކަށް އޮތީ، މިހާލަތަށް ފުޓްބޯޅަ ވެއްޓުނުއިރު، ސިޔާސީ މަންފާ ނެގެން އޮތް ދަނޑިވަޅެއްގައި އެފްއޭއެމާ ކައިރިވާ ގޮތަށް އަމަލުކޮށްފައިވާތީ، ޔޫތު މިނިސްޓްރީ އެވެ. މި ފަހުން، މިނިސްޓްރީ އަށް ގިނަ ފަހަރު، ރާއްޖޭގެ ފުޓްބޯޅަ ފެނުނީ ރަށެއްގައި އަޅާ ޓާފް ދަނޑެއް ޕްރޮމޯޓްކުރާ މެޗެއް ކުޅެން ބޭނުންވީމަ އެވެ.
ސާފް ޗެމްޕިއަންޝިޕް، 2021 ވަނަ އަހަރު ބޭއްވިއިރު، ރާއްޖޭގައި އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން ޔޫތު މިނިސްޓަރު މަހުލޫފް އިއުލާނުކުރެއްވިއިރު، އެ މުބާރާތަށް ވީ ނުވީއެއް ނޭނގުނެވެ.
ބޮޑު ސުވާލަކީ މި ހުރިހާ ކަމުގެ ޒިންމާނަގަަން ޖެހޭ ފަރާތްތަކުން އެކަން ކުރުމަށް ދެން އަޅާނެ ފިޔަވަޅަކީ ކޮބައިތޯ އެވެ. ކަންކަން ރަނގަޅު މަގުން ގެންދާނެ ކެރުންތެރިކަން އެ ޒިންމާ އޮތް ފަރާތްތަކުގެ ކިބައިގައި އެބައޮތްތޯ އެވެ. ނޫނީ އިހުލާސްތެރިކަމާ އެކު އެކަން ކޮށްފާނެ ކަމަށް އާންމުންގެ އިތުބާރު އެބައޮތްތޯ އެވެ.

މިއީ ސަރަަހައްދުގެ މައި ފުޓްބޯޅަ މުބާރާތް: ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ އެންމެ ނަތީޖާ ދަށް ފަހަރު.
ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވޭތާ އެތަށް ދުވަހެއް
ދިވެހިން އެ ކުޅިވަރަކަށް މަރުދޭ، ފުޓްބޯޅަ މިއަދު މި އޮތް ހާލަތަށް ވެއްޓޭނެ ކަމުގެ ނުރައްކަލުގެ ރަނގަބީލުގެ އަޑުތައް އިވޭތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. އެންމެ ފުރަަތަމަ ގެއްލުނީ ރާއްޖޭގެ ފުޓްބޯޅަ ފޯރި އެވެ. ދަނޑުފަޅުވާން ފެށީ އެވެ. ދެން މަޑުމަޑުން ކްލަބްތައް ބިކަވެ، އޭގެ ނޭދެވޭ އަސަރު ފުޓްބޯޅަ އަށް ފެތުރެން ފެށީ އެވެ.
ދުވަހެއް ދުވަހަކަށް އެކި ގޮތްގޮތުން، ސިޔާސީ ވަމުން އަަންނަ ރާއްޖޭގައި "ސްޕޯޓްސް ޕޮލިޓިކްސް" ތެރެއިން އަމިއްލަ މަންފާ އަށް ގިނަ ކަންކަން ކުރާ ތަނެއްގެ ގޮތުގައި އެފްއޭއެމްގެ ކަންކަން ވެސް ބަދަލުވާން ފެށީ އެވެ. ދެކޮޅު ނުޖެހޭ ނިންމުންތަކުގެ ސަަބަބުން ދަރަނިތައް ބޮޑުވެ، އޭގެ ވާހަކަތައް ނޫސްތަކުގެ ފަލަސުރުހީތަކަށް އަރައި، ފުޓްބޯޅަ ދެކެ މީހުން ފޫހިވާ ހިސާބަށް ދިޔައީ އެވެ. އެންމެ ފަހުން ފުޓްބޯޅައާ މެދު ދިވެހިންގެ މެދުގައި އޮތް ލޯތްބާއި ހުރިހާ ކަމެއް ނަފުރަތަށް ބަދަލުވާން ފެށިތަން ވެސް ފެންނަން ފަށައިފި އެވެ.
މިހާރު ފެންނަ، ހިތާމަވެރި މަންޒަރަކީ އެ ފޫހިކަން ގައުމީ ޓީމާ ހަމައަށް ފޯރުމެވެ. ގައުމީ ޓީމަށް ކުޅެން ދާހިތްނުވާ ކުޅުންތެރިން ގިނަވެ، އެކަން "ޓްރެންޑް" އަކަށް ވާން ފެށީ އެވެ. ކުޅުންތެރިންނާއި ކްލަބްތަކަށް ކޮށްދޭން ޖެހޭ ކަންކަން އެފްއޭއެމަށް ނުކޮށްދެވޭތީ މި ކަން ވެސް ހުއްޓުވޭނެ ގޮތެއް ނެތީ އެވެ.
އަބަދުވެސް ޒިންމާ ކޯޗު "ބޮލަށް": އެއީ ހައްލެއް ނޫން!
ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ހަމަޖައްސާ ގިނަ ކޯޗުންގެ ނިންމުންތައް ހުންނަނީ ހާލަތާ ނުބައްދަލު ގޮތަށެވެ. ލީގުގައި ކިތަންމެ މޮޅަށް ކުޅުނަސް ޓީމަށް ނާރާ ކުޅުންތެރިންގެ ނިސްބަތް އަންނަނީ ގިނަވަމުންނެވެ. އަނެއްކޮޅުން، ސްކޮޑު ފައިނަލް ކުރުމުގެ ކުރިން، ނަގާ ޕްރިމިލިނަރީ ސްކޮޑަށް ނަގާ ކުޅުންތެރިން ގެންދަނީ "ނަމެއްގައި ހަމައެކަނި ދައްކާލުމުގެ" ވިސްނުމުގައި ކަހަލަ ގޮތަކަށް ކަންތައް ހުންނާތީ ކުޅުންތެރިން ޓީމުގެ ސްކޮޑުގައި ޖެހިޔަސް ޕްރެކްޓިހަށް ދާން ވެސް ބޭނުމެއް ނުވެ އެވެ.
މި ކަންކަމަކީ، އޭރަކު ހުންނަ ކޯޗަކު ކުރާކަމެއް ކަމަށް އެފްއޭއެމް އިން ބުނާއިރު، ހަގީގަތަކީ ފަހަކަށް އައިސް ގައުމީ ޓީމުގެ ކޯޗުކަމަކީ އެ އަންނަ ކޯޗަކު މަގާމުގައި ހަމައެކަނި ހުރެލަން އޮންނަ ކަމަކަށް ވެފައި އޮންނަ ގޮތަށް އަމަލުތައް ހުރުމެވެ. ފުޓްބޯޅައިގެ ހާލަތާ މެދު ކަންބޮޑުވެެގެން އެ ވާހަކަ ދައްކައި، ކަންކަން ރަނގަޅުކުރަން ވާހަކަ ދައްކަން އެ ހުންނަ ކޯޗަކު ބޭނުންނުވެ އެވެ.

ގައުމީ ކޯޗު މޮރިއޭރޯ: ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެފްއޭއެމާ ގުޅޭގޮތުން ދައްކާ ވާހަކަތަކާއި ސުވާލުތަކަށް ސީދާ ޖަވާބުދޭން ބޭނުމެއްނުވޭ.--
ކުރިން ގައުމީ ޓީމެއްގެ ސްކޮޑެއް ނެގުމަށް ފަހު، އެ ކަމާ ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދޭން ޕްރެސް ކޮންފަރެންސް އެއް ބާއްވަ އެވެ. މިހާރު ގައުމީ ސްކޮޑަށް އެރި ކުޅުންތެރިން ހޯދަން ޓީމު ފުރާއިރު، ބަސް ޓާމިނަލަށް ގޮސް، ކުޅުންތެރިން ފާހަގަކޮށް ގުނަން ޖެހޭ ފަހަރު ވެސް އާދެ އެވެ. މީޑިއާ އަށް މައުލޫމާތު ދިނުމުގައި އެފްއޭއެމް ބީރަށްޓެހި ވުމާއި ފުޓްބޯޅަ ޕްރޮމޯޓްކުރުމުގައި ކަންކަން ކުރުމުގައި ކަންކަން ހުރި ހިސާބަކީ މި އެވެ.
މޮރިއޭރޯގެ "މެންޓަލިޓީ": ދައްކާ ވާހަކަ އިން ޓީމުގެ ހާލަތު ބުނެނުދޭ!
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މި ވަގުތު ހުރި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ، އެންމެ ފަހުން ޓީމާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް މިދިޔަ އޮކްޓޫބަރު މަހު އިތުރު އެއް އަހަރަށް އާ ކުރިއިރު، އޭނާ އަށް މުސާރަ ނުދޭތާ 10 މަސް ވެފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މޮރިއޭރޯ ހިމެނޭ ގޮތަށް ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް މުސާރަ ނުދޭތާ 10 މަސްވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު، އެއީ ހަގީގަތެއްތޯ ތަކުރާރުކޮށް މީޑިއާ އިން ސުވާލުކުރުމުން ވެސް އެފްއޭއެމްގެ ޖަވާބެއް އެ އަށް ނެތެވެ.
އެކަމަކު، ފެންނަން އޮތް ހަގީގަތަކީ މި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު ފުޓްބޯޅައިގެ ގައުމީ ޓީމުތަކަށް އައި ބިދޭސީ ކޯޗުންނަށް މުސާރަ ނުދޭ މައްސަލަ ފީފާގައި ހިނގާފައިވުމެވެ. އެ މައްސަލަތައް ނިމެނީ ވެސް އެފްއޭއެމާ ދެކޮޅަށެވެ. ނުދީ ހުރި މުސާރަ އަށް މިލިއަނުން ފައިސާ ދައްކަން ޖެހޭ ފަހަރުތައް ވެސް އައިސްފި އެވެ.
އެހެންކަމުން، މޮރިއޭރޯ މި ވަގުތު ހުރީ ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުލިބި ހުރި މަގާމެއްގައި ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. އެންމެ ފަހުން ތިބި ބިދޭސީ ކޯޗުންގެ މުސާރައާ މެދު މެދު ކަންހިނގި ގޮތަށް ބަލާއިރު، މޮރިއޭރޯ އެ ހުރި ހާލަތަކީ ވެސް އެއީ ކަމަށް ބެލެވޭނެ ސަބަބުތައް ވެސް އެބަހުއްޓެވެ.
މޮރިއޭރޯ، 2021 ވަނަ އަހަރު، އޮކްޓޫބަރު މަހު، ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ގޮތަށް، އޭނާ އަށް އިނގިރޭސި ބަހުން އެންމެ ރަނގަޅަށް މުއާމަލާތްކުރަން ނޭނގޭތީ، އެންމެ ފުރަތަމަ ޓީމާ އެކު، ތަރުޖަމާނެއް (އިޓަލީ އަށް އުފަން ދިވެހި ދަންނަ މީހެއް) ގެންގުޅުނެވެ. އެ ތަރުޖަމާނަކީ، ފުޓްބޯޅަ ކޯޗެއް ދައްކާ ތަފްސީލީ ވާހަކަތައް، ތަރުޖަމާ ކޮށްގެން ކިޔައިދެވޭނެ ފެންވަރުގެ ގާބިލުކަން ހުރި ފަރާތަކަށް ނުވާތީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ކުރާ ސުވާލަށް ސީދާ ޖަވާބެއް ހޯދުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ. މޮރިއޭރޯ ބުނަން ބޭނުންވާ އެއްޗެއް ކުޅުންތެރިންނަށް ކިޔައިދޭން ވެސް ތަރުޖަމާނަށް ވީ އުނދަގޫ ކަމަކަށް ކަން ކުޅުންތެރިންގެ ވާހަކައިން އެނގެން އެބަހުއްޓެވެ.
މިހާރު ފެންނަ މަންޒަރަކީ، އިޓަލީ ބަސް ދަންނަ ތަރުޖަމާނެއް ގައުމީ ޓީމުގައި ނެތެވެ. މޮރިއޭރޯ އަށް އިނގިރޭސި އެނގޭ މިންވަރަކުން، ނޫސްވެރިން ކުރާ ސުވާލުތައް ފަހުމުވާ ވަރަކުން ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބު ދެނީ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު މޮރިއޭރޯ އަށް ސުވާލު އޮޅުންފިލުވައިދޭން އެހިތެރިވިޔަސް، ކުރާ ސުވާލު އޮންނަނީ އެއް ދިމާލެއްގަ އެވެ. މޮރިއޭރޯ ދޭ ޖަވާބު ދަނީ އެހެން މިސްރާބަކުންނެވެ.
އިތުބާރު ހިފޭ މަސްދަރަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ގައުމީ ޓީމުގެ ކޯޗުގެ މަގާމުން މޮރިއޭރޯ ވަކިކުރަން އޮތީ ނިންމައިފަ އެވެ. އެކަމަކު، އަނެއްކާ ވެސް އުފެދޭ ސުވާލަކީ މޮރިއޭރޯ ވަކިކުރުމުން ވަކި ރަނގަޅުވަނީ ކޮންކަމެއްތޯ އެވެ.
މިހާރު ވެއްޓިފައި މިއޮތް "އަޑިގަނޑުން" އަރައިގަންނަން ކުރަން ޖެހޭ މަސައްކަތް މާ ބޮޑެވެ. ގޯސްކަންކަން ގިނަވެ، އެ ހުރި މައްސަލަތަކުގެ މޫ އޮތީ މާ އަޑިއަށް ފައިބައިފަ އެވެ.
ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެ، މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުމަށް އައިސް ހިތުހުރި ގޮތަކަށް ކަންތައް ކޮށްފައި، ގައުމީ ޓީމުގެ ކުޅުންތެރިން ބަދުނާމުވާ ގޮތަށް ވާހަކަ ދައްކާފައި ދިއުމުން، އެ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެތިބި އިންޓަނޭޝަނަލް މީޑިއާ އަށް ސިފަވީ، އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ބަރާބަރެވެ. މޮޅު ކޯޗެއް ގެނެސްފައި ހުއްޓަސް ކަންކަން ނުވަނީ ކުުޅުންތެރިންނާ ހެދި ކަމެވެ.
އެކަމަކު، ހާލަތަކީ އެކްސިބިޝަން މެޗެއް ކުޅެފައި، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދޭން އެފްއޭއެމާ ހަވާލުކުރާ ފައިސާ ވެސް ކުޅުންތެރިންނަށް ނުދެވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ބޭއްވި ޕްރެކްޓިހެއްގައި ކޯޗު މޮރިއޭރޯ (މ) ކުޅުންތެރިންނާ އެކު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މޮރިއޭރޯއާ މެދު ދިވެހި މީޑިއާ ހިތްހަމަނުޖެހުނީ ބަލިވި ދުވަހު ދިވެހި ފުޓްބޯޅައިގެ ކަން އޮތްގޮތަށް ބުނަން ނުކެރުމުންނެވެ. ހަގީގަތް ހާމަނުކުރުމުންނެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެޗެއް ނުކުޅެ އައުމަކީ ގޯހެއް ކަމަށް މީޑިއާ އިން ބުނުމުން، ތައްޔާރުވާން މެޗެއް ނުކުޅުނަސް މި ވަގުތު ރަނގަޅުވާނެ ކަމުގެ ވާހަކަ ފުރަތަމަ ދައްކާފައި، ފަހުން ރާގު ބަދަލުކޮށް މެޗެއް ނުުކުޅެ އައުން ގޯސްކޮށްފައިވާތީ އެވެ. ދައްކާ ވާހަކަ އެކި ފަހަރު ބަދަލުވާތީ އެވެ.
މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިއުމުން މައްސަލަ ބަލާނެ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް އެއީ ހަމަ އިވުނު ވާހަކަ އެކެވެ.
ފުޓްބޯޅައިގެ ކުޅުމުގެ ލެވަލްގައި މޮރިއޭރޯ އަކީ "ލެޖެންޑް" އެކެވެ. އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުޅެފައި ކާމިޔާބު އަހަރުތަކެއް ގުނާފައި އެބަހުއްޓެވެ. އެކަމަކު، ރާއްޖޭގެ ކޯޗިންގައި އޭނާ ވެފައި މި އޮތީ އެފްއޭއެމް އެކޭ އެއްގޮތަށް ހަމަ "ފެއިލް" އެވެ. އެއީ ފެންނަން އޮތް ހަގީގަތެވެ. ދެބަހެއް ނުވެވޭނެ އެވެ.
އެފްއޭއެމްގެ ލީޑަޝިޕާ މެދު މުޅިންހެން "ނުރުހުމުގެ ބަސްތައް"
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، މަގާމުގައި ދެ ވަނަ ދައުރު ފުރިހަަމަ ކުރައްވަމުން އަންނައިރު، ރާއްޖޭން ވަނީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، ސަރަހައްދުގެ ތަށި ދެ ވަނަ ފަހަރަށް ރާއްޖެ އަށް ގެނެސްދީފަ އެވެ. އަދި މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް މާލޭގައި ބާއްވާ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ދިވެހި ސަޕޯޓަރުންނާ ހަމައަށް ގެނެސްދީފި އެވެ. މިއީ، ސަޕޯޓަރުން ހިތްހަމަޖެހޭނެ ފަދަ ބޮޑު ދެ ކަމަކެވެ.
އެކަމަކު، ދިވެހި ފުޓްބޯޅަ އަށް ލިބެމުންދާ ގެއްލުމުގެ ޒިންމާ ފުޓްބޯޅަ ސަޕޯޓަރުން ކެނޑިނޭޅި އަޅުވަމުން ދަނީ މި ވަގުތު އެފްއޭއެމްގައި އޮތް ލީޑަޝިޕަށެވެ. ސީދާ އެފްއޭއެމްގެ ރައީސް ބައްސާމް އަށް ތުހުމަތުތަކެއްކޮށް ޝުއޫރުފާޅުކުރާ ފަރާތްތައް ވެސް ގިނަ އެވެ. މި ހުރިހާ ކަމެއް ގިނަވަނީ ކޮންމެ ފަހަރަކު ވެސް ގައުމީ ފުޓްބޯޅަ ޓީމުގެ ގޯސް ނަތީޖާއަކާ ދިމާކޮށެވެ. އަދި އެފްއޭއެމަށް ތުހުމަތު ކުރެވޭ "ކޮރަޕްޝަން"ގެ ވާހަކައެއް ނޫނީ އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވޭ ހަބަރަކާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ޔޫތު މިނިސްޓަރު މަހުލޫފް، ހާޒިރުކުރައްވާ ކޮންމެ ފަހަރެއްގައި ކަހަލަ ގޮތަކަށް އެފްއޭއެމްގެ ހާލަތާއި ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެއްކޮށް ގެއްލެމުންދާތީ އެ ސުވާލުތައް އަމާޒުވެ އެވެ. މިނިސްޓަރު ދެއްވާ ޖަވާބަކީ، ފުޓްބޯޅަ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރެވޭނީ މެމްބަރު ކްލަބްތަކަށް ކަމަށެވެ. ސަރުކާރުން ބޭނުންވެގެން އެކަމެއް ނުކުރެވޭނެ ކަމަށާއި ސަރުކާރަށް ކުރެވެން އޮތް ކަމަކީ ކަންކަން ރަނގަޅު މަގުން ގެންދިއުމަށް ދެން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ މެޗެއްގެ ތެރެއިން ބައްސާމް (ކ) އާއި މިނިސްޓަރު މަހުލޫފް.--- ފޮޓޯ: ޝުރާއު/ ވީމީޑިއާ
އެކަމަކު، ފުޓްބޯޅަ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ދޭ ޖަވާބަކީ، ރަށްރަށުގައި އަޅާ ދަނޑުގެ އަދަދު ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރު ދައްކަވާ ވާހަކަ ބައެއް ވާހަކަ އަށް އެއްބަސްވެވެން ނެތެވެ. އެއީ، އެފްއޭއެމާއި ރާއްޖޭގެ ލީގުގެ ހާލަތު ދުވަހެއް ދުވަަހަކަށް ދަށަށްދާއިރު، ދަނޑުތަކެއް އަޅައިގެން ކުރާނެ އަސްލު މަންފާއެއް ނެތުމެވެ. ރާއްޖޭގެ ރަށްރަށުގައި އަޅަނީ މުޅި ރާއްޖެ އަށް ފަށާ ލީގަށް "ފައްކާ ކުރާ" ދަނޑުތަކެއް ކަމަށް ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އާއި މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާއިރު، އަންނަ އަހަރު މުޅި ރާއްޖެ އަށް ފަށަން ރޭވި ލީގުގެ ކޮލިފިކޭޝަން އެ އޮތީ ބަޖެޓް ނެތުމާއި ރެފްރީން/ މެޗު އޮފިޝަލުން ނުލިބޭތީ ހުއްޓިފަ އެވެ.
ޔަގީންކަމާ އެކު ފެންނަން އޮތް ކަމަކީ، މިހާރު އޮތް އެފްއޭއެމްގެ ލީޑަޝިޕާ މެދު ގިނަ ބަޔެއްގެ އިތުބާރު އޮތީ ގެއްލިފަ އެެވެ. ރާއްޖޭގެ ފުޓްބޯޅަ މި ވެއްޓުނު އަޑިގަނޑުން އަރައިގަންނަން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުވާން ޖެހޭ ކަމަށް ބުނެ، "ސޭވް އެފްއޭއެމް"ގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވާއިރު، އެކަން ވެސް ރަނގަޅު މަގުން އޮންނަ އުސޫލުން ކުރެވެން އޮތީ އެފްއޭއެމްގެ މެމްބަރު ކްލަބްތަކަށެވެ. އެހެން ފަރާތެއްގެ ނުފޫޒު ފޯރައިގެން ކަންކަން ކުރަންވެއްޖެނަމަ، ފީފާގެ ސަސްޕެންޝަނެއްގެ ބިރު ވެސް އެބައޮތެވެ.
އެފްއޭއެމްގެ މެމްބަރު ކްލަބްތަކަކީ އެފްއޭއެމްގެ ލީޑަޝިޕް ކަނޑައެޅުމަށް އެންމެ އިސް ބަސް ބުނާ ފަރާތެވެެ. ރާއްޖޭގެ ފުޓްބޯޅަ ކިތަންމެ ބޮޑު އަޑިގަނޑަކަށް ވެއްޓުނަސް، އެ އިސް ބަސް ބުނަންޖެހޭ ފަރާތުން ގޮތް ނުނިންމާހާ ހިނދަކު، އެއްވެސް ބަދަލެއް ނުފެންނާނެ އެވެ. ދުވަސްތައް މިހާރު މިދާ ގޮތަށް ދާނަމަ ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް އަޑިގަނޑު އިތުރަށް ފުންވެ، ގައުމީ ޓީމު އަދިވެސް ފަހަތަށް ސޮއްސާލާނީ އެވެ.













