ދިވެހިންގެ ތެރެއިން މުޅީންހެން ނެތި، އުވިގެން ގޮސްފައިވާ އީދު ހަދިޔާ ބެހުމުގެ ސަގާފަތް ދިރުވުމުގެ ގޮތުން ވިލާ ކޮލެޖުން އިއްޔެ ހާއްސަ ހަރަކާތެއް ހިންގައިފި އެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީއާއި އެ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓުގެ ދަރިވަރުން އިސްނަގައިގެން ހަދިޔާ ބެހީ އިއްޔެ ހެނދުނުގެ އީދު ނަމާދަށްފަހު ހެންވޭރު ސަލްމާން މިސްކިތްދޮށުގަ އެވެ.
އެ ހަރަކާތުގައި އެކި އުމުރުފުރާގެ 200 އަށްވުރެ ގިނަ މީހުންނާއި ކުދިންނަށް ދަރިވަރުން އީދު ހަދިޔާ ބެހި އެވެ.

އީދު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވި ވިލާ ކޮލެޖުގެ ދަރިވަރުން
ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީގެ ނައިބު ރައީސް، އަހުމަދު އުވައިސް މުހައްމަދު ބުނީ އެފަދަ އިވެންޓެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ދިވެހީންގެ ތެރޭގައި ކުރިން އޮތް ހަދިޔާބަދިޔާ ބަދަލުކުރުމުގެ ރީތި ސަގާފަތް އަލުން ދިރުވާ އާލާކުރުން ކަމަށެވެ.
"މިފަދަ އިވެންޓެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ތެރެއިން އުވިގެން ގޮސްފައިވާ ހަދިޔާ ބަދަލު ކުރުމުގެ ސަގާފަތު އަލުން އާލާކޮށް މީހުންގެ މެދުގައި އެކުވެރިކަމާއި އަޚުވަންތަކަން ދިރުވާ އާލާކުރުން،" އޭނާ ބުންޏެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ސޮސައިޓީގެ ދަރިވަރުން ބުނީ އެ ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެ ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ވިލާ ކޮލެޖުގެ މެނޭޖުމަންޓުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.











