ސީރިއާ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާ އިދްލިބް ޕްރޮވިންސަށް ރަޝިއާއިން ދިން ވައިގެ ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ އެވެ.
އާދީއްތަ ދުވަހު ޖިސްރްއަލް ޝުގޫރް ކައިރީގައި ހުރި މާކެޓަކަށް ދިން ހަމަލާގައި ނުވަ މީހުން މަރުވި އެވެ. މިއީ މި އަހަރު ރަޝިއާއިން ސީރިއާގައި ދިން އެންމެ ބޮޑު ވައިގެ ހަމަލާ އެވެ.
އިސްލިބް ސިޓީ ކައިރިއަށް ބޮން އެޅުމުން އިތުރު ދެ މީހުން މަރުވި އެވެ. އެ ހަމަލާތަކާ ގުޅޭ ގޮތުން ރަޝިއާއިން ވަކި އެއްޗެއް ނުބުނެ އެވެ.
ސީރިއާ ދާހިލީ ހަނގުރާމަައިގައި ރައީސް ބައްޝާރުލް އަސަދްގެ ފައުޖަށް ކުރި ލިބުނު އެއް ސަބަބަކީ ރަޝިއާއިން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ދޭ ވައިގެ ހަމަލާތަކެވެ.
ސީރިއާ ސަރުކާރުން ބުނީ މި ހަފުތާގައި ރަޝިއާއިން ދިން ހަމަލާތަކުގައި އެ ގައުމުގެ ސިފައިން ބައިވެރިވި ކަމަށާއި އެއީ އާއްމުންނަށް ޓާގެޓް ކުރާތީ ޓެރަރިސްޓުން ހުއްޓުވަން އެޅި ފިޔަވަޅެއް ކަމަށެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްއިން ބުނީ އިދިކޮޅު ގްރޫޕްތަކުގެ ހަމަލާގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އާއްމުންގެ ހަ މީހުން މަރުވި ކަމަށެވެ.










