ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި އެ ޕާޓީގެ އެއް ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން އިއްޔެ ވަކިވެވަޑައިގެންފި ކަމަށް ވިދާޅުވި އެވެ.
ދުވަހަކު ވެސް އެމްޑީޕީން ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ކުރިން ނަޝީދު ވިދާޅުވެފައިވާއިރު، އެ މަނިކުފާނު ޕާޓީން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ" ކަމަށެވެ.
"[އެހެން] ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް އެޑްރެސްކޮށް، އަތުން ލިޔުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މިހާރު އޮތް ސިޔާސީ ޕާޓީގެ ނިޒާމުގައި އެންމެ ފުރަތަމަ އުފެއްދީ އެމްޑީޕީ އެވެ. ދެހާހުގެ ކުރީކޮޅުން ފެށިގެން އެ ޕާޓީ ވުޖޫދަށް ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެ، 2005 ވަނަ އަހަރު ޕާޓީ ރަޖިސްޓްރީކޮށް، ފުރަތަމަ ޗެއާޕާސަންކަން، އަދި އެއަށް ފަހު އިއްޔެއާ ހަމައަށް ޕާޓީގެ ރައީސް ކަމުގައި ހުންނެވީ ނަޝީދެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެ ޕާޓީގެ އެތެރޭގައި ބޭއްވި ހުރިހާ އިންތިހާބުތަކެއްގެ ނާކާމިޔާބަށް ފަހު، އަދި އެންމެ ފަހުން ބޭއްވި ޕްރައިމަރީން ވެސް ބަލިވެ އެ ބަލި ގަބޫލުނުކުރައްވައި، ދަ ޑިމޮކްރެޓްސްގެ ނަމުގައި އެ މަނިކުފާނު އަޑީގައި ހުންނަވައިގެން ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ކެންޑިޑޭޓަށް ވާނީ ނަޝީދެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު ތަކުރާރުކޮށް ނޫސްވެރިން ކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.
ޕާޓީ އުފައްދަން ހަމަކުރަންޖެހޭ 3000 ސޮއި ހޯދުމަށްފަހު ޑިމޮކްރެޓްސްގެ ފަރާތުން ވަނީ ޖޫން 1، ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން ހުށަހެޅި ފޯމުތައް އަލުން ޗެކް ކުރަން ބައެއް ކޮމިޝަނުގެ މެމްބަރުން ބޭނުންވާތީ މިހާތަނަށް އެ ޕާޓީ ރަޖިސްޓްރީކޮށްދީފައެއްނުވެ އެވެ.
ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަށްޓަކައި ފޮނުއްވި ސިޓީގައި ވިދާޅުވީ،
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަނަށް ވެދުން ސަލާމަށްފަހު ދަންނަވަން. ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަޅުގަނޑު ތިޔަ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،"
ދުވަހުގެ ފޮޓޯ

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަން ޝިޕްގައި އިއްޔެ ނޭޕާލާއި ކްވައިތު ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












