މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ދަރުމައަށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެލިއާ އިންވެސްޓްމަންޓްސް އިން ތައްޔާރުވެއްޖެ އެވެ.
އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް މީރުމާ މާލަމުގެ ފުރަތަމަ ފަންގިފިލާގަ އެވެ.
އެލިއާއިން ބުނީ އެ ބްލަޑް ކޭމްޕު ބޭއްވުމުގެ މަގުސަދަކީ ޒުވާނުން ލޭ ހަދިޔާ ކުރުމަށް އަހުލުވެރި ކުރުމާއި އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް ބިނާ ކުރުން ކަމަށެވެ.
"އަމާޒަކީ 18 އަހަރު ފުރިގެން އަނަން ކޮންމެ ޒުވާނަކީ ވެސް ލޭ ހަދިޔާ ކުރާ ހިތުން ކުރާ ޒުވާނަކަށްވެ ދޭދޭ ފަރުދުންގެ ކިބައިގައި އެކަކު އަނެކަކަށް އަޅާލައި، ބޭނުންޖެހޭ ހިނދު އެހީތެރިވުމަށް ތައްޔާރަށް ތިބި މުޖުތަމައެއް ބިނާކުރުން،" އެލިއާގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
ލޭ ހަދިޔާ ކުރުމަކީ އިންތިހާއަށް މުހިންމު އަދި އެތަކެއް ފައިދާތަކެއް އިންސާނުންނަށް ލިބޭ ކަމަކަށްވީ ނަމަވެސް ބޭނުންވާ ވަގުތުތަކުގައި ރާއްޖޭގެ ބްލަޑް ރިޒާވުން ލޭ ލިބުން ދަތިވާ ކަމަށް ސިއްހީ އިދާރާތަކުން ފާހަގަ ކުރެ އެވެ.
ލޭ ހަދިޔާ ކުރާ ދަރުމަވެރިން މަދުވެ، ލޭ ހޯދުމަށް ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ކަމަށް ނޭޝަނަލް ބްލަޑް ސާވިސަސް އިން ވެސް ބުންޏެވެ.
"ލޭ ހޯދުމަށް ބޮޑެތިތަކުލީފުތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ، ފުރަތަމަ ފަހަރަށް ލޭ ހަދިޔާ ކުރާ ފަރާތްތައް [މިހާރު] ވާކަން ވެސް ފާހަގަ ކުރެވޭ،" ނޭޝަނަލް ބްލަޑް ސާވިސަސްގެ އޮފިޝަލެއް ބުންޏެވެ.
ބޭނުންޖެހިފައިވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރުމަކީ މުޖުތަމައުއަށް ކޮށްދެވޭ ހިދުމަތެއްގެ އިތުރުން އިހުތިމާއީ ޒިންމާތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަން އެލިއާގެ މީޑިއާ އޮފިޝަލް ފާހަގަ ކުރި އެވެ. އަދި އެއީ ހާލުގައި ޖެހިފައިވާ ފަރުދަކަށް އަނެކާގެ ދީލަތިކަމާއި އިހުލާސްތެރިކަމުން އެކަމުގައި ހިއްސާވެ، މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި އޯދާތެރިކަމުގެ އިހުސާސް އުފެއްދުމުގެ ފުރުސަތު ލިބިގެންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެލިއާގެ އުންމީދަކީ ވީހާވެސް ގިނަ ފަރާތްތަކުން އެ ކޭމްޕުގައި ބައިވެރިވެ، އަނެކާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވިއްޖެ ކަމުގެ ފޮނި އިހުސާސް ކޮންމެ ދަރުވެރިއެއްގެ ވެސް ހުރުން ކަމަށެވެ.











