ވޮޝިންޓަން، އެމެރިކާ (ޖޫން 13) - ޔޫކްރެއިންގެ ސިފައިންނަށް އިތުރު 325 މިލިއަން ޑޮލަރު އެހީ ޕެކޭޖެއް ފޯރުކޮށްދޭން އެމެރިކާއިން ނިންމައިފި އެވެ.
ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެންގެ ބަޔާނެއްގައި ވިދާޅުވީ ޕެކޭޖުގެ ދަށުން "325 މިލިއަން ޑޮލަރުގެ އެމެރިކާގެ ހަތިޔާރާއި ސާމާނު ފޯރުކޮށްދޭނެ" ކަމަށެވެ.
އޭގެ ތެރޭގައި ވައިގެ ދިފާއު ވަރުގަދަ ކުރަން ބޭނުންވާ ސާމާނާއި ރޮކެޓް ސިސްޓަމްތަކަށް ބޭނުންވާ ސާމާނާއި ވަޒަން އަދި ޓޭންކުތަކާ ދެކޮޅަށް ބޭނުންކުރެވޭ ހަތިޔާރު ހިމެނެ އެވެ.
އެ ޕެކޭޖުގެ ދަށުން "ޔޫކްރެއިނަށް ގެއްލިފައިވާ ބިމުގެ ސަރަހައްދުތައް އަނބުރާ ހޯދަން ފަސޭހަވާނެ" ކަމަށް އެމެރިކާގެ ޕެންޓަގަންއިން ބުންޏެވެ.
އެމެރިކާއިން އިތުރު އެހީގެ ޕެކޭޖެއް އިއުލާން ކުރި އިރު، މިދިޔަ ހޮނިހިރު ދުވަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ރަޝިއާ ފަހަތަށް ޖެއްސުމުގެ އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ.
ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ފެބްރުއަރީ 2022 ގައި ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދިން އަސްކަރީ އެހީގެ އަގު 40 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ.










