ރިޕޯޓުމަޖިލީހުގައި ރިޔާސަތުން އެޅުވި މަރުތަޅު: ފެނުނު މަންޒަރާއި އިވުނު އަޑުތައް

މަޖިލީހުގައި ރިޔާސަތުން އެޅުވި މަރުތަޅު: ފެނުނު މަންޒަރާއި އިވުނު އަޑުތައް

އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަނބުރާ ނެގުމަށް އިދިކޮޅުން އިއްޔެ ގޮވާލިއިރު، އޭގެ ކުރިން އެ މެންބަރުން ވަނީ މަޖިލީހުގެ ގޯތި ތެރޭގައި ނަޝީދާއެކު ބައްދަލުވުމެއް ބާއްވާފަ. ބެލެވޭގޮތުގައި އެ ޝަރުތަކީ ނަޝީދުގެ އިރުޝާދަށް ކުރި ޝަރުތެއް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކުޑަދޮށުގައި އެ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު: ދިގުލައިގެން ދިޔުމަށްފަހު، އެ މަޖިލީހުގެ ނައިބު ރައީސް އީވާ ވަކި ކުރުމުގެ މައްސަލަ މިއަދު އޮންނާނެ -- ފޮޓޯ: މުހައްމަދު ޝަހުޒާން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކުޑަދޮށުގައި އެ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު: ދިގުލައިގެން ދިޔުމަށްފަހު، އެ މަޖިލީހުގެ ނައިބު ރައީސް އީވާ ވަކި ކުރުމުގެ މައްސަލަ މިއަދު އޮންނާނެ -- ފޮޓޯ: މުހައްމަދު ޝަހުޒާން

ބައެއް މެމްބަރުން ވަޑައިގެން މަޑުކުރެއްވީ މަޖިލީހުގެ ގޯތިތެރޭގައި ހުރި ކުޑަތަކުގެ ދަށުގަ އެވެ. އަނެ އްބައި މެމްބަރުން ސައިކަލުތަކުގައި ނުކުމެވަޑައިގެން ވަޑައިގެންނެވީ އެވެ. އޭރު އަދި ގަޑިން އަދި ހެނދުނު 10:30 ވެސް ނުވެ އެވެ. މަޖިލީހުގެ އިދާރާ ކައިރިއަށް އަހަރެމެން ދިޔައީ ވެސް އެހެންވެ އެވެ. މަޖިލީހުގައި އޮތް އަރައިރުން ނިންމަން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މެމްބަރުންނާ ސުވާލުކުރާށެވެ.

މުހިންމު އެތައް ބިލަކާއި އެތައް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދަވައި އެ މެމްބަރުން ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ މަޖިލީހުގެ ރިޔާސަތުން ނިންމި ނިންމުމަކާ ދެކޮޅު ހެއްދެވުމުގެ އަދަބެއްގެ ގޮތުންނެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން އެމްޑީޕީން ހުށަހެޅި މައްސަަލަ އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކުރަން ޖެހޭ ކަަމަށް އެ މެމްބަރުން ދެކެވަޑައިގެންނެވި އެވެ. އެއީ އެ މައްސަލައިގެ ނޯޓިސްގެ މުއްދަތު އާދީއްތަ ދުވަހަށް ހަމަވެފައި ވާތީ އެވެ.

"މަޖިލިސް އަަށް، [މަޖިލީހުގެ] ރައީސާއި ނައިބު ރައީސް އަދި ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިތަނަށް ހުށަހެޅި އެ މައްސަލައާ މެދު ވަކި ގޮތެއް ނުނިމެނީސް އެކަންކަން އެޖެންޑާއިން ނަގައި، މި ގޮތް ގޮތަށް އެެޖެންޑާ އެތުރުމަކަށް މަޖިލިސްގެ ގަވާއިދު ތަނެއް ނުދޭ އިއްޒަތްތެރި ރައީސް،" އިއްޔެ ކުރިއަށް ގެންދިޔަ ކުރު ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވި އެވެ.

ޝަރީފުގެ އެ ކަންބޮޑުވުމަށް ޖަވާބުދެއްވަމުން ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މެމްބަރުންނަށް އިއްޔެ ފޮނުއްވި ސިޓީއަކުން އެކަން ސާފުކޮށްދެއްވާފައިވާ ކަމަށެވެ.

"މަޖިލީހުގެ 50 މެމްބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެމަތިން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސްއަށް ދީފައިވީ ނަމަވެސ،ް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާކަން ފާހަގަކުރަން،" އަފީފު އެ ވިދާޅުވާ ސިޓީގައި ނިއުޝާ ވިދާޅުވެފައި އޮތެވެ.

އެ ސިޓީއާ ހަވާލާދެއްވައި ދެއްވި ޖަވާބަށް ފަހު، އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަތަކަށް އަފީފު ދެއްވީ ބީރު ކަންފަތެކެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖަލްސާ ނިންމަވައިލެއްވީ "ޖަލްސާ ކުރިއަށް ގެންދަން އެ މެމްބަރުން ފުރުސަތު ނުދެއްވާ" ކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ.

އަމީން އާންމާ އެކު ބައްދަލުވުމެއް، ނަތީޖާ ސުމެއް

މަޖިލީހުން ނުކުމެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އަހަރެމެން ފުރަތަމަ ވާހަކަ ދައްކައިލީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފާ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އާއި އިދާރީ އެހެން އޮފިޝަލުންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު އޭނާ ދެއްވި އެވެ.

އެ ބައްދަލުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެމްޑީޕީން 13 މެމްބަރަކު ވަކިވުމުން، އެ މެމްބަރުންގެ ބަދަލުގައި މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން ހަމަޖައްސައި، ކޮމިޓީތަކުގެ އެކުލެވުން އެމަގުން ތަރުތީބު ކުރަން މަޝްވަރާ ކުރުމެވެ.

މަޖިލިސް ހުއްޓުމަކަށް ގެންނަން ރިޔާސަތުން ދައްކާ އެއް އުޒުރަކީ އެކަން ނުނިމި އޮތުމެވެ. ހާއްސަކޮށް އާންމު ކޮމިޓީގެ އެކުލެވުމާ މެދު ގޮތެއް ނުނިމި އޮތުމެވެ. އާންމު ކޮމިޓީގެ އެކުލެވުން މިއަދުގެ ޖަލްސާއަށް ހުށަހަޅައި ތަޅުމަށް އެކަން ހުށަހަޅަން، އެޖެންޑާ ކުރަން މަސައްކަތް ކޮށްދެއްވަން އެމްޑީޕީން އަމީން އާންމަށް ދެންނެވި އެވެ.

"މާދަމާ އެ މައްސަލަ ތަޅުމަށް ހުށަހަޅާނެ. އެހެންވީމާ މާދަމާ މި މައްސަލަ ހައްލުވާނެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި މެމްބަރަކު ޔަގީންކަން ދެއްވި އެވެ.

އެ ބައްދަލުވުމުގައި ރަސްމީކޮށް ދައްކާނީ އެވާހަކަ ކަމަށް އަހަރެމެން ފުރަތަމަ ހީކުރީމެވެ. އެއީ އެމްޑީޕީގެ ޕީޖީލީޑަރު އަސްލަމް އަމީންއާންމާ އެކު ބޭއްވެވި ބައްދަލުވުމާ ބެހޭ ގޮތުން ކޮމެންޓެއް ދެއްވަން މަޖިލީހުގެ އިދާރާގެ ދޮރާށި ކައިރިއަށް ވަޑައިގެންނެވިދާނެތޯ އަހަރެމެން އެހީމާ އޭނާ ދެއްވި ޖަވާބުންނެވެ.

"މަޖިލީހުގެ އިދާރާގައި އަޅުގަނޑުމެން ބާއްވާނަން ނޫސްވެރިންގެ ބައްދަލުވުމެއް، މިހުރިހާ ކަމެއްގެ މައުލޫމާތު ދޭން،" ފޯނުން ދެއްވި ޖަވާބުގައި އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުން މާބޮޑު ތަފްސީލެއް ނުލިބުނެވެ. އެ ބައްދަލުވުމަށް ފަހު އޮފީހަށް އެނބުރި ގޮސް، ފުރަތަމަވެސް ބަލައިލެވުނީ މަޖިލީހުގެ އެޖެންޑާ އެވެ. މަޖިލިސް މަރުތަޅުން ނެއްޓޭ ތަޅުދަނޑި އެޖެންޑާކޮށްފައި އޮތްތޯ އެވެ.

އެ ތަޅުދަނޑިއަކީ އާންމު ކޮމިޓީގެ އެކުލެވުމުގެ މައްސަލަ ނިންމުމެވެ. އެޖެންޑާއިން އެ މައްސަަލަ ނުފެނުމުން، އަނެއްކާވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަަރުންނާ ގުޅީމެވެ.

"އެޖެންޑާއަކު އެ މައްސަލަ އެއް ނެތް. އެހެން ނަމަވެސް މާދަމާ އެކަން ތަޅުމަށް ހުށަހެޅޭނެ ގޮތެއް އަޅުގަނޑުމެން ހޯދާނަން. އެކަމަށް މާދަމާ ހައްލެއް ހޯދާނަން،" އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވި އެވެ.

އަމީން އާންމާ އެކު ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ސާފުކުރަން ކުރި މި މަސައްކަތްގަނޑުގެ ތެރެއިން ސާފުވީ ކަމަކީ އެ ބައްދަލުވުމުން ހަގީގަތުގައި ނެރެވުނު ނަތީޖާއެެއް ނެތް ކަަމެވެ.

މަޖިލީހުގެ ނައިބުރައީސް އީވާ ގެ އިތުބާރުގެ މައްސަލަ މިއަދަށް އެޖެންޑާ ކުރުން އެއީ ކާމިޔާބީއެއް ކަމަށް ބެލިޔަސް، އާންމު ކޮމިޓީގެ މައްސަލަ ނުނިންމައި އެޖެންޑާގެ އެ އައިޓަމް ކުރިއަށް ނުގެންދެވޭނެ އެވެ.

އިދިކޮޅު މެމްބަރުންގެ ޕްރެސް ބްރީފިން: ދެއްވީ ސީދާ ނަޝީދުގެ މެސެޖެއް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަަރު އަދި އިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ލިއުނު އިރު "އިދިކޮޅު މެމްބަރުން" ކަމަށް ލިއުނީމާ ބައެއް ކިިއުންތެރިން މައްސަލަ ޖެއްސި އެވެ.

މެމްބަރު އަލީ ހުސައިނަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމާއި ޖޭޕީ އޮތީ ސަރުކާރާ އެކު ކޯލިޝަނެއްގައި ކަން ހަނދާން ކޮށްދިނެވެ. އެއީ ތެދެކެވެ.

ރަނގަޅު ގޮތަކީ ޗާގޯސް މައްސަލާގައި ސަރުކާރާ އިދިކޮޅު މެމްބަރުން ކަމަށް ބުނުމެވެ. އެ ހަތަރު މެމްބަރުން އެއްގަލަކަށް އަރުއްވާ ހަމަ އެކަނި ކަމަކީ ޗާގޯސް މައްސަލަ ކަމަށް ވާތީ އެވެ. އެ މައްސަަލައާ ގުޅުވައި އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ކަނޑައަަޅަން ހުށަހެޅުއްވުމުގައި އިސްކޮށް ތިއްބެވި މެމްބަރުން ކަމަށް ވާތީ އެވެ.

އެހެން ނަމަވެސް އެ މެމްބަރުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ ޗާގޯސް މައްސަލައާ ބެހޭ ވާހަކަ ދައްކަވަން ނޫންކަމަށް އަހަރެމެން ބެލީ, ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދޮރާށި ކައިރީ ހޭދަކުރި ގަޑިއެއް ހާއިރުގެ ތެރޭގައި ފެނުނު މަންޒަރުތަކުންނެވެ.

މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައިވާ ކުޑަތައް ދަށުގައި އޭގެ ތެރެއިން ބައެއް މެމްބަރުން ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް ސީރިއަސް މަޝްވަރާތަކެއް ކުރެއްވިތަން ފެނުނެވެ. އެމަނިކުފާނާ އެންމެ އަރިސްކޮށް އިންނެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. ދެން އިންނެވީ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ނަޝީދާ ކުރެއްވި މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މެމްބަރުން ދެއްވީ މައިގަނޑު ދެ މެސެޖެކެވެ. އެއް މެސެޖަކީ މިހާރު އޮތް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެންނަން އެކުގައި މަސައްކަތް ފައްޓަވާފައިވާ ވާހަކަ އެވެ.

"މިސަރުކާރު ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން އެއްބަސްވެ ނުރަސްމީކޮށް މަސައްކަތް ކުރަމުން ދާތާ ދުވަސްކޮޅެއް ވެއްޖެ،" ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް ވިދާޅުވި އެވެ.

އަނެއް މެސެޖަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ އެކީ އެއްފަހަރާ ކުރިއަށް ނުގެންދެވޭނެ ކަމުގެ މެސެޖެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވިދާޅުވީ ކުރިއަށް ދެވެން އޮތީ މަޖިލީހުގެ ރައީސްގެ މައްސަލަ ނުވަތަ ނައިބު ރައީސްގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންގޮސްގެން ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ހިޔާލު ފާޅުކުރައްވާފައިވާ ކަމަށެވެ.

"އެއް ގޮތެއް އެބަ އޮތް. މިހާރު ރައީސް ނަޝީދު ވެސް އެބަ އޮތް ގްރޫޕްގައި ލިޔުއްވާފައި، މިހާރު މިސާލަކަށް ސްޕީކާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ [އަނބުރާ ނަގަންވީ]، އެހެންނޫނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ [އަނބުރާ ގެންދަންވީ]، ކޮންމެވެސް އެކައްޗެއް [އަނބުރާ ނަގާފައި] އަނެކައްޗެއް ހިންގަންވީ ނޫންތޯ؟" އަލީ ހުސައިން ވިދާޅުވި އެވެ.

ނަޝީދުގެ އަމާޒު އެމްޑީޕީ މެމްބަރުންނަށް ސާފު

"އެމަނިކުފާނު އެ އުޅުއްވަނީ އެހެން އެއްވެސް ކަމެއް ކުރައްވާކަށް ނޫން. އިތުބާރުގެ މައްސަލަތައް އެހެން ދިގު ދަންމައި ބާއްވާފައި މަޖިލިސް ރިސެސްއަށް ދާން. އޭރުން ދެން އަލުން ހުޅުވާ އިރު މިިއިން ކަމަކާ އުޅޭކަށް ޖާގައެއް ވެސް ނޯންނާނެ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މެމްބަރަކު ވިދާޅުވި އެވެ.

އެ މެމްބަރު އެ ވިދާޅުވީ ތެދެއް ކަމަށް ބަލާ ނަމަ ނަޝީދު އެ ވަނީ އެ މަގުސަދު ކިތަންމެ ރަނގަޅަކަށް ވެސް ހާސިލުކުރައްވައިފަ އެވެ. މަޖިލީހުގެ މި ދައުރަކު ދެން މާ ގިނަ ޖަލްސާއެއް ބާއްވާކަށް ނެތެވެ. އެކަން އެހެން އޮތް އިރު އާންމު ކޮމިޓީގެ އެކުލެވުމަށް ބަދަލު ގެނައުމުގެ މައްސަލަ އަދިވެސް އެ ވަނީ ނުނިންމި އެވެ.

އެ މައްސަަލަ ނިންމައިގެން ނޫނީ އިތުބާރުގެ މައްސަލަ ކުރިއަކަށް ނުގެންދެވޭނެ އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox