ރިޕޯޓުމިސްރާބެއް ނެތް ތައުލީމީ ހުންގާނު: ނަތީޖާ ވަރަށް ހިތި

މިސްރާބެއް ނެތް ތައުލީމީ ހުންގާނު: ނަތީޖާ ވަރަށް ހިތި

އެކި ކޯސްތަކުގެ ފީތަކަށް ފައިސާ "އިސްރާފު"ކޮށް، އެތައް އަހަރެއް އޭގައި ހޭދަކުރުމަށް ފަހު ވެސް ކުރިއަށްދާނެ އަސްލު ދާއިރާ ނޭނގި ދަރިވަރުން ތިބެންޖެހެނީ ކުރިއަށް ދާނޭ ދާއިރާއެއް ދުރާލާ އިހުތިޔާރުކުރެވިފައި ނޯންނާތީ.

ރަނގަޅު ނަތީޖާއަކާ އެކު ސްކޫލު ނިންމި ދަރިވަރަކާއި ދަށް ނަތީޖާއަކާ އެކު ނިންމި ދަރިވަރަކު ދެން ވާންވީ ގޮތެއް ނޭނގިފައިކަން އަންގައިދޭ ކުރެހުމެއް -- އާޓްްވޯކްް؛ ރައްޔާން މުހައްމަދު/އަދަދު
ރަނގަޅު ނަތީޖާއަކާ އެކު ސްކޫލު ނިންމި ދަރިވަރަކާއި ދަށް ނަތީޖާއަކާ އެކު ނިންމި ދަރިވަރަކު ދެން ވާންވީ ގޮތެއް ނޭނގިފައިކަން އަންގައިދޭ ކުރެހުމެއް -- އާޓްްވޯކްް؛ ރައްޔާން މުހައްމަދު/އަދަދު

ސްކޫލް ނިމިއްޖެ އެވެ. ބެލެނިވެރިންނާއި ޓީޗަރުން ވެސް ބޭނުންވާ އަދި ދަރިވަރު ވެސް އުންމީދުކޮށްގެން ހުރި "އޭ ސެޓް" ވެސް ލިބިއްޖެ އެވެ. އެކަމަކު ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ކާމިޔާބު ނަތީޖާ ހޯދާ ގިނަ ދަރިވަރުންގެ މިސްރާބު ދެން އޮންނަނީ މަތީ ތައުލީމަށެވެ. ޑިމާންޑު ބޮޑު މަދު ކޯސްތަކުގައި ބައިވެރިވާން އޮންނަ ކިއޫ ދިގެވެ. އެކަމަކު އެ ކޯސް ފަށާއިރު ތިބޭ ވަރަށްވުރެ ދެބައިކުޅައެއްބައި ވެސް ކޯސް ނިމޭ އިރަކު ނުތިބެ އެވެ. ކޯހުގައި ބައިވެރިވެފައި، ފޫހިވެގެން ކޯސް ދޫކޮށްލަނީ އެވެ.

އެކި ކޯސްތަކުގެ ފީތަކަށް ފައިސާ "އިސްރާފު"ކޮށް، އެތައް އަހަރެއް އޭގައި ހޭދަކުރުމަށް ފަހު ވެސް ކުރިއަށްދާނެ އަސްލު ދާއިރާ ނޭނގި ވެސް އެތައް ބަޔަކު ތިބެ އެވެ.

"އޯލެވެލް އަދި އޭލެވެލްް ވެސް ނިމުނީ ރަނގަޅު ނަތީޖާއެއް ލިބިގެންް. ސްްކޫލު ނިމުނު އިރު އަސްްލު އެއްވެސް ވަރަކަށް ނެތް ވިސްނިފައެއްް ދެން އަހަރެންް ކުރިއަށްދާނެ ގޮތެއް. ދެންް ފަސޭހަވާނެއޭ ހިތާ ބިޒްނަސް މެނޭޖްމެންޓު ކިޔަވަން ފެށީ. އެކަމަކު މާފަހުން ވިސްނުނީ އަސްލު ކިހާ ފޫހި ކޯހެއްކަންް މީ." މިއީ ދާދި ފަހުން ވިލާ ކޮލެޖުންް ބިޒްްނަސް މެނޭޖްމެންޓުން ބެޗްލާސް ޑިގްރީ ކޯހެއް ހަދަން ފެށުމަށް ފަހު ދޫކޮށްލި ޒުވާނެއްގެ ޝަކުވާ އެވެ.

މިއީ މަންޒަރުގެ އެއްބައެވެ. ދެން އޮތީ "އޭ ސެޓް" ނޫނީ "ފާސް" ގެ މަންޒިލަށް ނުދެވޭ ދަރިވަރުންގެ ވާހަކަ އެވެ. އެ ކުދިން ކަންކުރަންވީ ގޮތެއް ވެސް ނޭނގެ އެވެ.

ސްކޫލްތަކުގެ އިސް މަގާމުތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ އާދަމް ޝަރީފަށް މި މައްސަލައިގެ މުލަކީ ޒަމާނާއި ދުނިޔެއަށް އަންނަ ބަދަލުތަކާ އެއް ގޮތަށް ސްކޫލުތަކުގައި ދަރިވަރުން ތަމްރީން ނުކުރެވުމެވެ. "ދިރިއުޅުން" އެ ފިލާވަޅު ނަގައިނުދެވުމެވެ.

"ކުދިންނަށް ކިޔަވާ މާހައުލުގެ ތެރެއިން ކެރިއާ ގައިޑެންސަށް މަގުފަހިވާ ގޮތަށް، އެކުދިންގެ ވިސްނުން އަދި އެކުދިންނަށް މީގަ ވާންޖެހެނީ ކިހިނެއްކަން އަމިއްލައަށް ވިސްނޭގޮތަށް ގްރޭޑު އަށެއްް ނުވައަކާ ހަމައިން ގެންދެވޭނަމަ އަސްލު މި މައްސަލަތައް ވަރަށް މަދުވާނެ." ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާާޅުވި އެވެ.

ކެރިއާ ގައިޑެންސް ދޭންވީ ކިހާ ހިސާބަކުން؟!

ސްކޫލުގެ މަތީ ގްރޭޑުތަކާއި ހަމައިން ދަރިވަރުންނަށް އެކުދިން ބޭނުންވާ ސްޓްްރީމެއް އިހުތިޔާރުކުރުމުގެ ފުރުސަތު ދެއެވެ. އެހިސާބަށް ދެވޭއިރު ސްްކޫލު ނިންމާފައި ކުރާނެ ކަމެއް ނުވިސްނި މާބޮޑު އަމާޒެއް ނެތުމުންް ގިނަ ފަހަރަށް ހިޔާރުކުރެވެނީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އެވިޑު ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ގްރޭޑު 5، 6 އަދި 7 ގެ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ދޭންް ފެށުމެވެ. އެ ހިސާބަށް ދާއިރު ޓީޗަރުންނަށް ކުއްޖާގެ ހުނަރު އަދި މިޒާޖު ދެނެގަނެވިފައި އޮންނާނެ ކަމަށްް މުސްތާގް ދެކެ އެވެ.

"އޭރުން ކުދިން އިންޓްރެސްޓު ގެވޭނެ ފަދަ އެކި ކަހަލަ ދާއިރާތައް، ކުއްޖާގެ ޓެލެންޓު އައިޑެންްޓިފައި ކުރެވޭނެ. ކުއްޖާގެ ހުންނަ ސްކިލްސް އައިޑެންޓިފައި ކުރެވޭނެ. އަދި ކުއްޖާގެ ނޮލެޖާ އިންޓްރެސްޓު ވާނެ ފަދަ ދާއިރާތައް ވެސް ދެނެގަނެވޭނެ" މުސްތާގް ވިދާޅުވި އެވެ.

ގިނަ ދަރިވަރުންތަކެއް މަތީ ތައުލީމު ހާސިލުކުރަމުން އަންނަ އެވިޑު ކޮލެޖު ހިންްގެވުމުގައި އިސްދައުރެއް އަދާކުރާ މުސްތާގް ވިދާޅުވީ، ދަރިވަރުންނަށް ކެރިއާ ގައިޑެންސް ދިނުމަކީ ހަމައެކަނި ސްކޫލުގެ ޒިންމާއެއް ނޫން ކަމަށެވެ. އެކަމުގައި ކޮލެޖު/ޔުނިވާސިޓީތަކުގެ ހިއްސާ ފުޅާވާން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މުސްތާގްގެ މި ވާހަކައަށް ސައިރިކްސް ކޮލެޖުގެ ޗެއާމަންް އަހުމަދު ޝަރީފް ވެސް އެއްބަސް ވެ އެވެ. ޝަރީފް ވިދާޅުވީ، ސްްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި، ސްކޫލު ނިންމާ ދަރިވަރުންނާ ހަމައަށް ޕްރައިވެޓް ކޮލެޖުތަކަށް ވާސިލު ނުވެވޭ ކަމަށެވެ. އެއީ ސަރުކާރުންް އެކަމަށް މަގުފަހިކޮށްދީފި ނަމަ ހައްލުކުރަން އުނދަގޫ މައްސަލައެއް ނޫންކަމަށް އޭނާ ދެކެ އެވެ.

"އަޅުގަނޑުމެންނަށް ހަގީގަތުގައި ވަރަށް އުނދަގޫ ސްކޫލު ނިންމާ ނުވަތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނާ ހަމައަށް ރީޗް ވާންް. ގިނަ ފަހަރަށް އަޅުގަނޑުމެން އެދިގެން ވެސް އެކަން ނުކޮށްދޭ. އެކަމަކު ހަގީގަތަކީ އަޅުގަނޑުމެން ހުރިހާ ޕްރައިވެޓް އިންސްޓިޓިއުޓްތަކެއް އަދި ޔުނިވާސިޓީތަކަކަށް ދަރިވަރުންނަށް މިފަދަ [ކެރިއާ ގައިޑެންސް] ޕްރޮގްރާމްތަކެއް ހިންގޭ ނަމަ ވަރަށް ރަނގަޅަށް މިކަން ކުރެވޭނެ" ޝަރީފްް ވިދާޅުވި އެވެ.

ވަޒީފާ ހިޔާރުކުރުމުގައި ޓްރެންޑަށް ބުރަވުން؛

މި މައްސަލަ އިންތިހާއަށް އޮތް މިންވަރު ދާދި ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ދިން ސްޓޫޑެންޓު ލޯނުގެ ހިސާބުތަކުން ފެންނަން އެބަ އޮތެވެ.

ސްޓޫޑެންޓު ލޯނު މެދުވެރިކޮށް އެކި ދާއިރާތަކަކުން ކިޔެވުމަށް ހުޅުވާލި ނަމަވެސް ގިނަ ކުދިންތަކެއް ޕައިލެޓު ޓްރެއިނިން ފުރިހަމަކުރުމަށް ލޯނަށް އެދުނެވެ. ސަރުކާރުން ނިންމީ ލޯނަށް އެދުނު ޝަރުތުހަމަވާ ހުރިހާ އެންމެނަށް ލޯނު ދިނުމަށެވެ. އެއާ އެކު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއާ ނުބައްދަލު މިންވަރަށް ޕައިލެޓުން ތަމްރީނުވުމަށް ލޯނު ލިބުނެވެ.

މުސްތާގު ވިދާޅުވި ގޮތުގާ ގިނަ ބަޔަކު އެއް ދާއިރާއެއް އިހްްތިޔާރުކުރާ އެންމެ ބޮޑު އެއް ސަބަބަަކީ ވަކި ކަމަކީ މާ މޮޅުކަމެއް ނުވަތަ ޓްރެންޑެއްގެ ގޮތުގައި ދައުރުވާ ދައުރުވުމުގެ ސަބަބުންނެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް އަމާޒުކޮށްގެން ވިޔަސް އެއްބަޔަކު މިގޮތަށް މަތީ ތައުލީމު ހާސިލުކުރާ ނަމަ ވަޒީފާ ނުލިބުމުގެ މައްސަލައާއި ވަޒީފާގެ އަގު ވެއްޓުންް ފަދަ މައްސަލަތައްް ދިމާވާކަމަށްް އޭނާ ގަބޫލުކުރެ އެވެ.

"ބައެއް ކުދިންނަށް ނުވަތަ އެކި މީހުންނަށް ކޮންމެވެސް ގޮތަކުން ޓްރެންޑަކަށް އެބަވޭ ޕައިލެޓު ޓްރެއިނިން ހެދުން. އެއީ ތަންކޮޅެއް މުސާރަވެސް ރަނގަޅުވާނެ ދާއިރާއަކަށް ވާނެއޭ އެހެންވެސް ވިސްނިފައި އޮވެދާނެ." މުސްތާގް ވިދާޅުވި އެވެ.

މަންްދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއީލް (އިބުރާ) ވެސް ވިދާޅުވާ ގޮތުގައި ގިނަ ކުދިންތަކެއް އެއް ދާއިރާއަކުންް ތައުލީމު ހާސިލުކުރަން ބޭނުންވުމަކީ ކެރިއާ ގައިޑުކޮށްދެވިފައި ނެތުމުގެ ސަބަބުން ނިކުންްނަ ހިތި ނަތީޖާއެކެވެ. އަދި އެއީ އެކަމުގެ ސަބަބުން ރާއްޖެއަށް އަދި ކިޔަވާ ދަރިވަރުންނަށް ވެސް ގެއްލުންވާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އެކުއްޖަކު ކިޔަވާ ހިތްވާ އެއްޗެއް ކިޔަވަން ލިބެންޏާ އެއީ ރަނގަޅު ކަމެއް. އެކަމަކު ސަރުކާރުން ހަރަދުކޮށްގެން 500 ޕައިލެޓުން ތަމްރީނު ކުރުމަކީ ރާއްޖޭގެ ހިއުމަން ރިސޯސް ރިކުއަޔާމަންޓަށް ބަލާއިރު ރަނގަޅު ކަމެއްހެން ހިއެއް ނުވޭ. ރާއްޖޭގެ ހާލަތަށް ބަލާއިރު އެއީ ފީސިބަލް ކަމެއް ނޫން،" މީގެ ކުރިން މިނޫހަށް ދިން އިންޓަވިއުއެއްގައި އިބުރާ ވިދާޅުވި އެވެ.

މީގެ ނަތީޖާ؛ އިލްމީ، ހިލްމީ ވަޒީފާތަކަށް ދިވެހިން ނުލިބުން

ރާއްޖޭގައި ބިދޭސީން ގިނަވާ މައްސަލައަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. އެއްވެސް ވުޒާރާއަކަށް ނުވަތަ ވެރިއަކަށް މި މައްސަލައަށް ހަގީގީ ހައްލެއް ގެންނާނެ "ފޯމިއުލާއެއް" އަދި ނުވިސްނެ އެވެ. ކަން މިހެން އޮތް އިރު ބައެއް ދާއިރާތަކަށް ބޭނުންްވާ ދިވެހިން ނެތުމަކީ ވެސް މި މައްސަލަ ދިމާވާ އެއް ސަބަބެވެ.

ދިވެހިން އިންތިހާއަށް ބޭނުންްވާ އެއް ދާއިރާކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވީ ޓޫރިޒަމް ދާއިރާ އެވެ. އެއީ ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއަކަށް ވިޔަސް އަދިވެސް ދިވެހިންްގެ ހިއްސާ ކުޑަކަމަށް ފާހަގަކުރެއްވި އެވެ.

"މިސާލަކަށް ޓޫރިޒަމް ދާއިރާގަ އެބަހުރި އިސް މަގާމުތައް ވަރަށް ބައިވަރު. އެކަމަކު އެކަންްކަމަށް އެކަށީގެންވާ ގޮތަށް ތަމްްރީނު ކުރެވިފައެއް މީހުންނެއް ނެތްް. އެކަންކަމުގައި އަޅުގަނޑުމެންް ދެކެގެން ނުވާނެ އަދި ސަރުކާރުގެ އޮފީހެއްގެ ޑިރެކްޓަރު ކަމުގައި އުޅުނަސް އަދި ރިސޯޓެއްްގެ މެނޭޖަރަކަށް ނުވަތަ ޖެނެރަލް މެނޭޖަރަށް އުޅުމުގައި ކަންކަން ވަރަށް ތަފާތުވާނެ" އާދަމް ޝަރީފް ވިދާޅުވި އެވެ.

ވިޔަފާރިއާ ތައުލީމީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ސައިރިކްގެ ޗެއާމަން ޝަރީފުގެ ވިސްނުން މިކަމުގައި ތަފާތެވެ. ޝަރީފް ގަބޫލުކުރައްވާ ގޮތުގާ ދާއިރާތަކަށް ބޭނުންވާ ދިވެހިން މަދެއް ނޫނެވެ. މަދުވަނީ ދާއިރާތަކެވެ. އެކާވީސްވަނަ ގަރުނުގެ ކުރިއަރާފައިވާ ދުނިޔެއަށް އަދިވެސް ރާއްޖެ އަލީ އެވެ. އެހެން ގައުމުތަކުގައި އޮންނަ ފަހި ފުރުސަތުތައް ރާއްޖެއިންް އަދިވެސް ނުލިބެނީ އެވެ.

"އަޅުގަނޑު ބޮޑަށް ގަބޫލުކުރާ ގޮތުގަ މިހާރު ރާއްޖޭގައި ދާއިރާތައް މަދީ. ކިޔަވައިގެން އައިސް މީހުން ވަޒީފާ އަދާކުރާނެ ދާއިރާތައް ނެތީ. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި އިނގިލިން ގުނާލެވޭހާ މަދު ބޮޑެތި ހައެއްކަ ކުންފުނި މިއޮތީ. ދެން ހުރީ ހައްތަހާވެސް ސްޓޭޓ އޯންޑް އެންޓަޕްރައިޒެސް. އެމީހުންގެ ނުހުރޭ މާ އިންޓްރެސްޓިން ވަޒީފާތަކެއް. އަބަދު އެއްކަމެއް ކޮށްކޮށް މި ތިބެނީ" ޝަރީފް ވިދާޅުވި އެވެ.

ކެރިއާ ގައިޑެންސްގެ މުހިންމުކަން ދެނެގަނެވި 2005 ގައި ކެރިއާ ގައިޑެންސަށް ހާއްސަކޮށް ވަކި ސެންޓަރެއް ގާއިމުކުރި އެވެ. އަދި އެ ސެންޓަރުން ޒުވާނުންނަށް އަމާޒުކޮށްގެން ބައެއް ހަރަކާތްތައް ވެސް ހިންގި އެވެ. އެހެން ނަމަވެސް އޭގެ ފަހުން އެތަކެއް އަހަރުތަކެއްވެ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ކުރިއަށް ދެވޭނެ އެތަކެއްް ވަޒީފާތަކެއް ހުރި މި ޒަމާނުގައި އެފަދަ ހިދުމަތެއްް ދޭ އެކްްޓިވްް މުއައްސަސާއެއްް ނެތެވެ.

ކޮންްްމެ ދަރިވަރަކީ ވެސް އެ ކުއްޖެއްގެ ކުރިމަގު ބައްޓަން ކުރެވޭނެ ގޮތް ކިޔައިދެވިފައިވާ ކުއްޖެއް ނަމަ މިހާރުވެސް ކުރިމަތިވާ އެތަކެއް މައްސަލައަކަށް ހައްލު ލިބޭނެކަން ޔަގީންވެ އެވެ. ބޭނުމަކީ ފިލާވަޅުތައް ހިތުދަސްކުރުމަށް ބާރު އަޅާ ބީދައިން ސްކޫލްތަކުގައި، ދިރިއުޅުން ކިޔައިދިނުމަށް ވެސް ބާރު އެޅުމެވެ.

އާމިނަތު ނިއުޝާ

ޖާނަލިސްޓް

ނިއުޝާއަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިޔެކެވެ. 2018 ވަނަ އަހަރު، "ޕީއެސްއެމް" ގެ އިންޓާންޝިޕުން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިއުޝާ ވަނީ މީގެ ކުރިން "ވަގުތު" ނޫހުގައި ހަތަރު އަހަރު މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox