މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މާދަމާ އެ މަޖިލީހުގައި އިއްވަންޖެހެ އެވެ.
ނައިބު ރައީސް ވަކި ކުރަން ގަރާރެއް ހުށަހަޅައިފި ނަމަ، ރަސްމީ ތިން ދުވަހުގެ ތެރޭގައި، މަޖިލީހުގެ މެމްބަރުންނަށް އެ މަޖިލީހުގެ އިދާރާއިން އެކަމުގެ ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި އެ ނޯޓިހުގެ ތާރީހުން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހު އެ ގަރާރު މަޖިލީހުގައި އިއްވަންޖެހެ އެވެ.
އަންނަ ހޯމަ ދުވަހަކީ އެ ގަރާރު މަޖިލީހުގައި އިއްވުމަށް ޖަލްސާ ބާއްވަންޖެހޭ ދުވަހެވެ. ނަމަވެސް އޭގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތް ނުވެ އޮތުމުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން، އީވާ ވަކި ކުރަން ބޭނުންވާ ގަރާރު އިއްވޭނެ ކަމެއް ނޭނގެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރާ އިދިކޮޅު މެމްބަރުން ބުނަނީ މިއަދުގެ ޖަލްސާ ބާއްވަން ޖެހުނު ނަމަވެސް ބޭއްވޭނެ ގާނޫނީ މަގެއް ނެތް ކަމަށެވެ. އަދި އެކަމަށް ގާނޫނާއި ގަވާއިދުގައި ފަރުވާއެއް ލިޔެވިފައި ނެތް ކަމަށް ވެސް އެ މެމްބަރުން ދެކެ އެވެ. އެކަމަކު، ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ބުނަނީ، ޖަލްސާ ބާއްވައި މަޖިލިސް ކުރިއަށް ގެންދަން ހުރަހެއް ނެތް ކަމަށެވެ. މަޖިލީހުގެ ގަވާއިދު އޮތީ މަރުތަޅު އެޅޭނެ ގޮތަށް ނޫން ކަމަށް އެ މެމްބަރުން ދެކެ އެވެ.
ކޮމެޓީތައް ހުއްޓުނު ސަބަބު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައި އޮންނަނީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގަ އެވެ. ގަވާއިދުގެ 205 ވަނަ މާއްދާގެ ކ. ގައި ބުނެފައި އޮންނަ ގޮތުން އެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމެޓީންނެވެ.
"މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި މެމްބަރަކު ވާހަކަ ދައްކަން ލިބޭ ފުރުސަތުގެ ދިގު މިން ކަނޑައަޅާނީ އާންމު ކޮމެޓީން. އަދި މަޖިލީހުގެ ރައީސަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގު މިން ކަނޑާނީ ވެސް އާންމު ކޮމެޓީން،" އެ މާއްދާގައި ލިޔެފައިވެ އެވެ.
އެ މާއްދާގައި އެހެން ބަޔާންކޮށްފައި އޮންނައިރު މަޖިލިސް ގަވާއިދުގެ 131 ވަނަ މާއްދާގެ ރ. ގައި ބުނަނީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރަންޖެހޭނީ މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ޕަސެންޓޭޖަށް ބަލައިގެނެވެ.
"މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހިނދަކު ކޮމެޓީގެ މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތަށް ނިސްބަތްވެފައިވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި، ކޮމެޓީ އެކުލަވާލާނީ ހަމަ ކޮންމެ ކޮމެޓީއެއްގައި ވެސް އެ ހަމަ ތަމްސީލުވާ ގޮތެއްގެ މަތިން. މިގޮތަށް އަމަލު ކުރުމުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެމްބަރުންނަށް ވެސް އެކަށީގެންވާ ވަޒަން ހަމަ ފުރުސަތުތަކެއް ދިނުމަށް މަޖިލީހުން މަސައްކަތް ކުރަންވާނެ،" އެ މާއްދާގައި ބުނެފައިވެ އެވެ.
ކޮމެޓީތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދުގައި އެގޮތަށް ބަޔާންކޮށްފައި އޮއްވައި ކޮމެޓީގެ މަސައްކަތްތައް މަޑުޖެހުނީ މެއި 17، 2023 ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 12 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އެ ހިސާބުން ޕާޓީތަކަށް މަޖިލީހުގައި ލިބިފައިވާ ޕަސެންޓޭޖަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އަދި ކޮމެޓީގައި ތިބި އެމްޑީޕީ މެމްބަރުންނަށް ބަދަލުތަކެއް ގެނައުމަށް އޭގެ ދެ ދުވަސް ކުރިން ޕާޓީން ވެސް އޮތީ އެދިފަ އެވެ.
އީވާ ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް އާންމު ކޮމެޓީން ކުރަންޖެހުނީ ކޮމެޓީ އަލުން އެކުލަވާނުލެވި އޮއްވަ އެވެ. އެހެންކަމުން، ސަރުކާރާ އިދިކޮޅު މެމްބަރުން މިހާރު ބުނަނީ އީވާ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރެވޭނީ ކޮމެޓީތައް އެކުލަވާލައި، ގަރާރު އިއްވަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް އާންމު ކޮމެޓީން ކުރަންޖެހޭ މަސައްކަތް ނިމުމުން ކަމަށެވެ.
އެކަމަށް ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވެސް އިއްޔެ ވަނީ ގާނޫނީ ލަފައެއް އެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް އަރުވައިފަ އެވެ. އަސްލަމަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ނިޔުޝާ ވަރަށް ސާފުކޮށް ވިދާޅުވީ ކޮމެޓީތައް ޖެހޭނީ ޕާޓީތަކުން އެއްބަސްވެވޭ ގޮތަކަށް އަލުން އެކުލަވާލަން ކަމަށެވެ. އަދި, ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްކުރުމުގައި ގާނޫނީ ހުރަހެއް ނެތްކަމަށްވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ދާއިމީ ކޮމެޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގެންނުވާ މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަަދަލުތައް މަޖިލީހުން ފާސް ކުރައްވައިގެން،" ނިޔުޝާ ވިދާޅުވެފައިވެ އެވެ.
އެކަމަކު، މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ކޮމެޓީތަކުގެ ހަމައަށް އެއްބަސްނުވެވުމެވެ. ގަވާއިދު ބަޔާން ކުރާ ހަމައިން ބަލާ ނަމަ އެމްޑީޕީގެ 64 ޕަސެންޓު މެމްބަރުން ކޮމެޓީގައި ތިބެންޖެހެ އެވެ. އެކަމަކު އެއަށްވުރެ އެއް މެމްބަރު މަދުން، ނަމަވެސް ކޮމެޓީގެ މެޖޯރިޓީ ނުގެއްލޭ ގޮތަށް ދޫ ދޭން ތައްޔާރު ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
ކޮމެޓީތަކުގެ މައްސަލައިގައި ވެރިކަން ހިންގާ ޕާޓީގެ ރައުޔު
ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބުނަނީ ގަވާއިދު އެކުލަވާލާފައި އޮތީ ކޮމެޓީތަކުގެ މަސައްކަތް ހުއްޓޭނެ ގޮތަކަށް ނޫން ކަމަށެވެ. "އަދަދު" އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކޮމެޓީތައް އަލުން އެކުލަވާލަން ނުޖެހޭ ކަމަށާއި މެމްބަރަކު ވަކިވެއްޖެ ނަމަ އޮންނަ އުސޫލަކީ އެ ވަކިވި މެންބަރަކަށް އަލުން މެންބަރަކު އައްޔަން ކުރުން ކަމަށެވެ.
އަސްލަމް އެ އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ ހ. ގައި ބުނަނީ "ދާއިމީ ކޮމެޓީތަކަކީ އަބަދުވެސް ދެމި އޮންނަ އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވިގެންވާ ކޮމެޓީތަކެއް" ކަމަށެވެ.
"މަޖިލިސް ގަވާއިދު ވަރަށް ސާފު. ދާއިމީ ކޮމެޓީތައް އަދިވެސް ދެމި އޮންނާނެ. އެ ކޮމެޓީތަކުގެ މަސައްކަތަށް ގޮވާލުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް. މައިނޯރިޓީ ލީޑަރަށް އަދި ޕާޓީތަކަށް ކަމަކަށް އެއްބަސްނުވެވުމަކީ ކޮމެޓީތައް ހުއްޓެންޖެހޭ ސަބަބެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
މަޖިލިހުގެ މަސައްކަތް ހުއްޓޭނެ ކަމަށް އިދިކޮޅުން ދެކޭ ސަބަބު
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބުނެފައި އޮންނަ ގޮތުން، އެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކި ކުރާ ގަރާރު މަޖިލީހަށް އިއްވައިފި ނަމަ އިތުރު މަސައްކަތެއްގެ ބަހުސް ކުރެވޭނީ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ދެކެނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އިތުރު މަސައްކަތެއް ކުރެވޭނީ އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ރ. ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބުރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައިވާނަމަ އެއްވެސް މަަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު،" ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެޖޯރިޓީ ލީޑަރު އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް, އަސްލަމްއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި މަޖިލީހުގެ އަމީން އާންމު ނިޔުޝާ ވިދާޅުވީ މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނީ ގަރާރު އިއްވުމަށްފަހު ކަމަށެވެ. އެހެންކަމުން އިތުރު ކަންކަމަށް މަސައްކަތް ކުރުމުގެ ފުރުސަތު ގަރާރު ނީއްވާހާ ހިނދަކު އޮންނާނެ ކަމަށް ނިޔުޝާ ވިދާޅުވި އެވެ.
"މަޖިލީހުގެ 50 މެމްބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެމަތިން އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސްއަށް ދީފައިވީ ނަމަވެސ،ް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާކަން ފާހަގަކުރަން،" އަމީން އާންމު ވިދާޅުވެފައިވެ އެވެ.
ރިޔާސަތުގައި ނަޝީދަށް ނުއިންނެވޭނެ ކަމަށް ބުނާ ބުނުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވަކި ކުރަން އެއް ވަގުތެއްގައި ނުވަތަ އެކުއެކީގައި މީގެ ކުރިން މައްސަލައެއް ވައްދާފައެއް ނުވެ އެވެ. ނަމަވެސް އެ ހާލަތު އުފަންވުމުން ގާނޫނުގައި ބަޔާންކޮށްފައި ނެތް ހާލަތެއް ވުޖޫދުވެފައިވާ ކަމަށް އިދިކޮޅު މެމްބަރުން ދެކެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާއެއްގައި ރިޔާސަތު ބަަލަހައްޓާނީ އެ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. އަދި ނައިބު ވަކި ކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގައި ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވެސް ހަމަ އެ މާއްދާގައި ބުނެފައި އޮވެ އެވެ.
މައްސަލަ އުފެދޭ ހިސާބަކީ، ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރުމުގެ ގަރާރެއްގެ ނޯޓިސް ލިބުމުން އެފަދަ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބައެއް މެމްބަރުން ދެކުމެވެ. އެ ވިސްނުމުން ބަލާއިރު، އީވާ ވަކި ކުރުމުގެ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލާޒިމު ނަމަވެސް، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން، ނައިބު ރައީސް ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތުގައި ނީންދެވެނޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާކަމަށް މަޖިލީހަށް އަންގަވާފަ އެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން އަލަށް އުފައްދަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވައްދާފައި އޮތުމުން "އެހެން ރިޔާސަތެއް ބެލެހެއްޓުމުގެ ފުރުސަތު ނަޝީދަށް އޮތް" ނަމަވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު އެމަނިކުފާނަށް ނުބެލެހެއްޓޭނެ ކަމަށެވެ.
"މިހާތަނަށް އެބަ އިންތޯ މަޖިލީހުގެ ރިޔާސަތާމެދު އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅީމަ އެ ރިޔާސަތު ގޮނޑީގައި އިންނަވާފަ. އެހެންވީމާ ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ ލީމަ ދެން ނެތް އިނގޭތޯ ކުރިއަށްދެވޭކަށް،" އިންތި ވިދާޅުވި އެވެ. "މަސީހު އާއި މޫސާ މަނިކުގެ މައްސަލަ ލީ އިރު ވެސް އަޅުގަނޑުމެން ވިސްނި ކަމެއް އެއީ ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ ނުލާން."
އެ ޕާޓީން އެކަމުގައި ރަސްމީކޮށް ދެކޭ ގޮތަކީ، ރައީސް ވަކި ކުރުމުގެ ގަރާރު ނުއިއްވާހާ ހިނދަކު ނައިބު ރައީސް ވަކި ކުރުމުގެ މައްސަލައިގައި ނަޝީދަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮތީ އެހެންނެވެ.
"އަޅެ ތިވަރަށް ދޮގު ނުހަދަބަލަ! ގަވާއިދުގެ ކޮން މާއްދާއެއްގަ އޮތީ އިތުބާރު ނެތް ކަމަށް ވެއްދުމާއެކު ރިޔާސަތުގަ ނީދެވޭނެއޭ؟ އަޅުގަނޑުމެންނަށް ނުފެންނަ މާއްދާއެއް އިންތިއަށް ފެންނަންޏާ ދައްކާލަބަލަ ތި މާއްދާ. އަންނި [ރައީސް ނަޝީދު]ގެ ނޯޓިސް ހަމަވަންދެން [ރިޔާސަތުގައި] އިނދެވޭނެ. ވޯޓު ނަގަން ނުކެރިގެން ތިއުޅެނީ!،" އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިއްޔެ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
ގާނޫނީ ފަރުވާއަކީ ކޮބާ؟
ފަރުވާއެއް އޮންނާނީ، އަދި ފަރުވާއެއް ހޯދަން އުޅެންވާނީވެސް ހަގީގީ މައްސަލައަކަށެވެ. މި ދިމާވެގެން އުޅޭ 'މައްސަލަ' އަކީ ހަގީގަތުގައި މައްސަލައެއްތޯ ފުރަތަމަ ކަނޑައަޅަން ޖެހެ އެވެ.
ކޮމިޓީތައް އުވިއްޖެ ކަމަށް ބުނާ ވާހަކައަށް ފުރަހަމަ ބައްލަވާށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮމިޓީތައް އެކުލަވާލާއިރު، ދެ ގިންތިއަކަށް ކޮމިޓީތައް ބަހާލެވިފައި ވެ އެވެ. އެއީ ދާއިމީ ކޮމިޓީއާއި ވަގުތީ ކޮމިޓީ އެވެ. ގަވާއިދުގެ 106 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާ ކޮމިޓީތަކެއް ކަމަށެވެ. މަޖިލީހުގެ އާންމު ކޮމިޓީއަކީ ގަވާއިދުގެ 106 ވަނަ މާއްދާގެ ނ. ގެ ދަށުން ދާއިމީ ކޮމިޓީއެކެވެ.
ދާއިމީ ކޮމިޓީއަކަށް އައްޔަނުކޮށްފައިވާ މެންބަރަކު ވަކިވާނޭ ހާލަތު ގަވާއިދުގެ 130 ވަނަ މާއްދާގެ ށ. ގައި އެބައޮތެވެ. އޭގެ ތެރެއިން އެއް ހާލަތަކީ ކޮމިޓީއަށް އެ މެންބަރަކު އައްޔަނުކުރި ޕާޓީގެ މެންބަރުކަމުން އެ މެންބަރަކު ވަކިވުމެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ނ. އަދި ރ. ގައި އެބައޮތެވެ.
titledesc
ދާއިމީ ކޮމިޓީތަކަކީ އަބަދުވެސް ދެމި އޮންނަ އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާ ކޮމިޓީތަކެއް ކަމަށް ގަވާއިދުގެ 106 ވަނަ މާއްދާގައި އޮވެފައި، ކޮމިޓީއަކުން މެންބަރަކު ވަކިވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތް ގަވާއިދުގެ 130 ވަނަ މާއްދާގެ ނ. އަދި ރ. ގައި ލިޔެފައި އޮތުމުން، އާންމު ކޮމިޓީ ކުރިއަށް ގެންދިއުމުގައި އެ ވިދާޅުވާ ގާނޫނީ މައްސަލައެއް ނެތްކަން ސާފެވެ.
ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓުމަށް އޮތް ގާނޫނީ ހުރަހުގެ ވާހަކަ އެވެ. އަނެއްކާވެސް މަޖިލިސް ގަވާއިދުން ސާފުކޮށް މަގު ދައްކާފައި އޮތް ކަމެކެވެ. މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހަޅަން ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގައި ކަމަށް ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އެބައޮތެވެ. ހަމަ އެ މާއްދާގެ ނ. ގައި އޮތީ "...އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ އެވެ." މިހެންނެވެ. އެހެންވީމާ، ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމަކީ މަޖިލީހުގެ ތަޅުމުގައި އެ ގަރާރު އިއްވުންކަން އެ މާއްދާއިން ސާފުކޮށް އެނގެ އެވެ.
އިދިކޮޅުން ފާހަގަކުރަނީ މައިގަނޑު ދެ މައްސަލައެކެވެ. ފުރަތަމަ ކަމަކީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހޭކަމުގެ ވާހަކަ އެވެ. އެއީ ގާނޫނީ އަސާސެއް އޮތް ވާހަކައެއް ނޫންކަން ގަވާއިދުގެ 106 ވަނަ މާއްދާ އާއި 130 ވަނަ މާއްދާގެ ނ. އަދި ރ. އިން އެއޮތީ ފެންނާށެވެ.
ދެވަނަ މައްސަލައަކަށް ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓުމަށް އޮތް ގާނޫނީ ހުރަހުގެ ވާހަކަ އެވެ. އެ ވާހަކައިގައިވެސް ގާނޫނީ ބުރަދަނެއް ނެތްކަން ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. އިން ސާފުކޮށް އެނގެ އެވެ.
ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ޕާޓީތަކުގެ މަޖިލީހެއް ނޫނެވެ. އެއީ 'ރައްޔިތުންގެ' މަޖިލީހެކެވެ. އެ މަޖިލީހުން ކުރާން އޮތީ ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކުގައި ކުޅިބައި އެތުރުމުގެ މަސައްކަތް އެކަންޏެއް ނޫނެވެ. މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ބިލު އޮތީ ނިމުނު ދައުރުގައި ވެސް އޮތް ހިސާބުގަ އެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ގާނޫނުތަކަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތައް ހުރިގޮތަށް ހުރީ އެވެ. ކުޅިވަރު ގާނޫނަށް ގެންނަން ހުށަހެޅި މުހިންމު އިސްލާހުތަކަށް ވެސް އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރި ހުވާގެ މަތިން ހަނދާންކުރަންޖެހޭ ދަނޑިވަޅެވެ. އަމިއްލައަށް އެޅުވި ހިޔާލީ މަރުތަޅުގެ ތަޅުދަނޑިއަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާ އާއި 130 ވަނަ މާއްދާ އާއި 205 ވަނަ މާއްދާ އެވެ. މަރުތަޅު ހުޅުވައި، މަޖިލީހުގެ ހަގީގީ މަސައްކަތްތަކަށް މެމްބަރުން ރުޖޫއަވުމަކީ އެ މެމްބަރުން މަޖިލީހަށް އިންތިހާބުކުރަން ވޯޓުދިން ރައްޔިތުން އެދޭނޭ ގޮތްކަން ގައިމެވެ.












