ދުވާފަރު ދަންޑެހެލު ދަންނަނީ ކިހާ ވަރަކަށް؟

ދުވާފަރު ދަންޑެހެލު ދަންނަނީ ކިހާ ވަރަކަށް؟

ދިވެހިރާއްޖޭގެ ތާރީޚު މަތިމަތިން ކިޔައިއުޅޭ މީހަކަށްވެސް ދުވާފަރު ދަންޑެހެލުގެ ނަމަކީ ބީރައްޓެހި ނަމަކަށް ނުވާނެއެވެ. ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުން ދިވެހި ޤައުމު ސަލާމަތްކުރުމަށް ކުރި ޖިހާދުގައި އުތީމު ދިން ބެއިންގެ ވާހަކައަށްފަހު، ދެން އެންމެ މަޝްހޫރުކޮށް ކިޔާއަޑު އިވެނީ ދުވާފަރު ދަންޑެހެލުގެ ވާހަކައެވެ. ހަނގުރާމަވެރި އުކުޅުތައް ދަންނަ ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ނަމަވެސް، އެ ކުޅަދާނަކަން ދައްކުވައިދީފައިވާ ގޮތާއި، ބޮޑުތަކުރުފާނުގެ ޖިހާދާއި އެ ތަކުރުފާނުންގެ ދިރިއުޅުއްވުމުގައި ދަންޑެހެލު އަދާކުރެއްވި މުހިއްމު ދައުރުގެ ތަފްޞީލީ ވާހަކަތަކަކީ މިހާރު އެހާ މަޝްހޫރު ވާހަކަތަކެއް ނޫނެވެ.

މިއަދު މި ޚާއްޞަކޮށްލަނީ ދުވާފަރު ދަންޑެހެލުގެ ވާހަކައަށެވެ. ޙުސައިން ޟަލާޙުއްދީން ލިޔުއްވާފައިވާ "އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީބަވަނާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު ވާހަކަ)" އެއީ އާރުކާޓީކަމުގައި ދެކިގެންނެވެ.

"މީހުން މީހުނަށް ވާނީ މީހުންނަށް ހެދީމައެވެ". މި ބުނުމަކީ ވަރަށް މަޝްހޫރު ބުނުމެކެވެ. މި ބުނުން ނިސްބަތްވާ ހާދިސާއަކީ ދަންޑެހެލާއި މުޙައްމަދު ތަކުރުފާނުގެ ފުރަތަމަ ބައްދަލުވުމުގެ ހާދިސާކަން އެނގޭހެއްޔެވެ؟ މުޙައްމަދު ތަކުރުފާނާއި ބާރަށު ބުޅާފާތުމަގެ ރެހެންދިގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. ޢީދު ބޮލަށް ގޮންޖެހި ވާހަކަ އާއި ބޮޑުތަކުރުފާނު އެ ރެހެންދި (ނުވަތަ ބާރަށު އައިމިނާފާނާ) ކައިވެނިބައްލަވައިގެން ހާދިސާއަކީ "ބޮޑުތަކުރުފާނު" ވާހަކައިގެ އެންމެ މަޤުބޫލު އެއް ހާދިސާއެވެ. މި ހާދިސާއަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނު ދުވާފަރަށް ވަޑައިގަތީ ވިޔަފާރި ދަތުރެއްގައެވެ. ދަންޑެހެލާ ދިމާވީ އެރަށު އެއްގަމަށް ދުރުވި މަގުމަތީގައެވެ. ޞަލާޙުއްދީން ލިޔުއްވާފައިވެއެވެ.

"ދެބެން ފައިބަންނަވައިގެން އެއްގަމަށް ދުރުވިއިރު، އެރަށު މާމަގު މަތީން، ކަސްއަޅައި ވަރަށް ހަޑިވެފައި އިން ސައުދަ ފަނަރައިގެ ތެރޭގެ ފިރިހެން ކުއްޖަކު ފެނިލައްވައިފިއެވެ. މުޙައްމަދު ތަކުރުފާނު މިކުއްޖާ ބެއްލެވިއިރު، މި ކުއްޖާގައި ކަހަމުން، މެހި ފޮޅަމުން، ކާށިގަޑަކާއި މަސްގަޑެއް ކަމުންދެއެވެ. މިތަން ބައްލަވާން ހުންނަވާފައި،

މުޙައްމަދު ތަކުރުފާނު- ހަސަނާ ކޮއިފުޅާޔޭ. މިކުއްޖާއަކީ ރަގަޅުވާނޭހެން ހީވާ ކުއްޖެކެވެ. ބަލައިބަލާށޭ މިހާރުވެސް އޭނާ ތިންކަންތައް އެއްފަހަރާ އޭދަ ކުރަނީޔޭ. ދެބޭންވެގެން އަތޮޅުވެރީންގެ އޮޅުދޫ އޮޑިދުއްވައިދޭންވެސް މިއޮތީވެފައެވެ. މިހެންވީއިރު، އޮޑިހައްދައި އޮޑިފުރުވައި އުޅުމުގާ ދަންޑެހެލެއްކަމަށް މިކުއްޖާ ގެންދަމާ އަންނާށެވެ".

ފުރަތަމަ ފެނިލުމުން، ޤައުމީ ބަޠަލެއް ސިފައެއް ނުވެއެވެ. މުޅި ގައިގައި ކަސްއަޅާފައި ހުރި ފުރާވަރުގެ ކުޑަ ސޮރެކެވެ. އެހެން ނަމަވެސް އެ ފެނިލުމުންވެސް ބޭރުފުށުގައި ހުރި ސިފަތަކަށްވުރެ މުޙައްމަދު ތަކުރުފާނުގެ ސަމާލުކަން އަތުލީ އެ ކުއްޖާގެ ގައިގައި ހުރި ކުޅަދާނަކަމެވެ. އެހެންނަމަވެސް ޙަސަން ތަކުރުފާނަށް މި ގޮތް ޤަބޫލުނުވެ "ތިޔަކުއްޖާއަށް ކުރެވޭނީ ކޮންކަމެއްތޯ؟" ކުރެއްވި ސުވާލުގެ ޖަވާބުގައި މުޙައްމަދު ތަކުރުފާނު ވިދާޅުވި ބަސްފުޅަކީ މިއަދު އަޅުގަނޑުމެން ބަލައިގަންނަ އަގުހުރި ނަޞޭޙަތެކެވެ. ވިދާޅުވިއެވެ.

"ކޮއިފުޅާޔޭ މީހުން މީހުނަށް ވާނީ މީހުން މީހުނަށް ހެދީމައެވެ."

މުޙައްމަދު ތަކުރުފާނުންގެ އިސްނެންގެވުގެ މަތިން މި ކުއްޖާ ގައިން ތާހިރުކޮށް، ތަމްރީނުކޮށް، އެ ކުއްޖާގައި ހުރި ހުނަރު ނެރެ، ޕޯޗުގީޒުންނާ ދެކޮޅަށް ދިވެހިން ކުރި ޖިހާދުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބަޠަލެއްކަމުގައި މާތް ﷲގެ ވާގިފުޅާއެކު މި ކުއްޖާ ހެއްދެވިއެވެ.

މި ޖިހާދުގައި ދުވާފަރު ދަންޑެހެލު އަދާކުރެއްވި ދައުރުތަކުގެ ވާހަކައަށް ދިޔުމުގެ ކުރިން "ދަންޑެހެލު" މި ނަމަށް ބަލާލަމާ ހިނގާށެވެ. ދަންޑެހެލަކީ ނާފަހަރު ނުވަތަ އޮޑިފަހަރުގައި މަސައްކަތްކުރާ މީހުން ނުވަތަ ކަލާސީންގެ އިސް ވެރިއަކަށް ހުންނަ މީހާއެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގައި އޮޅުދޫ އޮޑީގައި އަދި ކަޅުއޮށްފުއްމީގައިވެސް ދަންޑެހެލުކަން ކުރެއްވީ ދުވާފަރުން އެ ތަކުރުފާނު ހޯއްދެވި ޒުވާނާކަން އެނގެން އޮވެއެވެ. އެހެންނަމަވެސް އެ ދަންޑެހެލުގެ މަޤާމުގެ ނަން ނޫން އެހެންނަމެއް ފެންނާން އޮތްކަމެއް އެނގޭކަށް ނެތެވެ.

ކޮންމެއަކަސް، ދުވާފަރުން ފުރައިގެން ކުރި ދަތުރުވެގެންދިޔައީ އޮޑިފަހަރު ފުރާ ދުއްވުމުގެ މަސައްކަތްތައް ދަންޑެހެލަށް ދަސްކޮށްދިން ދަތުރަށެވެ. ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ވާހަކައިގައި މި "ފިލާވަޅުތައް" ކުރިއަށްދިޔަ ގޮތް ކިޔުއްވައިދެއްވާއިރުވެސް، ދަންޑެހެލުގެ ޖެހިލުންކުޑަކަމާއި، ލާނެއް އަދި ސަމާސާ މިޒާޖު ދައްކުވައިދެއްވާފައިވެއެވެ. މި ދަތުރަށްފަހު، އުތީމު ތިން ބެއިންގެ އިތުބާރާއި އިޙުތިރާމު ލިބި، އެމީހެއްގެ ކިބައިން ލަފާވެސް ހޯދާ މީހަކު ކަމުގައި ދަންޑެހެލު ވަނީ ވެފައެވެ. އަދި މުހިއްމު ބޮޑެތި "މިޝަން"ތައް ދަންޑެހެލާ ހަވާލުކުރަންވެސް އެ ތިންބެއިން ޖެހިލުންވެ ވަޑައެއް ނުގަންނަވައެވެ.

މިފަދަ އެއް މިޝަންއަކީ، ޙަސަން ތަކުރުފާނާއެކު ދަންޑެހެލު ބާރަށަށް ފޮނުއްވި އިރު، ބޮޑުތަކުރުފާނު ހަވާލުކުރެއްވި ވަރަށް "ޒާތީ" މަސައްކަތެކެވެ. އެއީ އޮޅުދޫ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ބާރަށަށް ކުރި ދަތުރެކެވެ. މުޙައްމަދު ތަކުރުފާނު ވަޑައެއް ނުގަންނަވައެވެ. ފޮނުއްވީ ޙަސަންތަކުރުފާނާއި ދަންޑެހެލެވެ. ދަންޑެހެލަށް އިރުޝާދުދެއްވީ ވާރުގޭގައި (ވިޔަޒޯރު، ކަބާ ޢާއިޝާ އަދި ސިއްތި މާވާ ދިރިއުޅުއްވާ ގޭގައި) ނިދައި ކާބޮއިހެދުމަށެވެ. އެހެންނަމަވެސް ވަރަށް މުހިއްމު އިރުޝާދެއް ދެއްވިއެވެ. ވިދާޅިވިއެވެ. "ވާރުގޭ ބޮޑުއަށީގައި ނިދަންވާނީ އެއް ލޮލާއި އެއް ކަންފަތުންނެވެ". މި ގޮތަށް ދުވަސްތައް ހޭދަކުރެއްވުމުގެ ތެރޭގައި ވިޔަޒޯރާއި، ކަބާ އައިސާ އާއި ސިއްތިމާވާގެ ޚަބަރު ތައް ދަންޑެހެލަށް ލިބޭގޮތްވިއެވެ. އަދި މުޙައްމަދު ތަކުރުފާނަށް އެރުވުމަށް ދަންޑެހެލުގެ ހަވާލުގައި ސިއްތިމާވާ އަމާނާތެއްގެ ގޮތުގައި އެކަމަނާގެ ބައްޕާފުޅު ޝަހީދު ޢަލީ ރަސްގެފާނުގެ އަނގޮޓިކޮޅު ފޮނުއްވިއެވެ. ދެން ދަންޑެހެލު މި އަމާނާތް މުޙައްމަދުތަކުރުފާނާ ހަވާލުކުރެއްވުމުން، ބާރަށަށް ދެން ފޮނުއްވީ އެއަށްވުރެ ބޮޑު މަސައްކަތެއް މަތިކުރައްވާފައެވެ. އެއީ ވަރުގޭ ބޮޑުއަށީގައި އެއް ލޮލާއި އެއް ކަންފަތުން ނިދުމުގެ ތެރޭގައި، މުޙައްމަދުތަކުރުފާނުން ސިއްތިމާވާއާ ކައިވެނިބައްލަވައިގަތުމަށް ބޭނުންފުޅުވާ ވާހަކަ، ކަބާ އައިސާ އަރިހު ދެންނެވުމަށް ހަވާލުކުރައްވާފައެވެ. މި ކަމާ ކަބާ އައިސާ ފުރަތަމަ ރުހި ވަޑައެއް ނުގެންނެވިއެވެ. އެހެންނަމަވެސް މި މައްސަލައިގައި ސިއްތިމާވާއަށް ޖެހިވަޑައިގެތް އާލާސްކަންފުޅެއް އެއްވެސް ބޭސްވެރިއަކަށް ރަނގަޅުނުކުރެވުމުން، ވިޔަޒޯރު މުޙައްމަދުތަކުރުފާނުންގެ އެހީއަށް އެދުނީމާ، ސިއްތިމާވާގެ އާލާސްކަންފުޅު ރަނގަޅުކުރުމަށް ކިޔަވަންވެސް ބޮޑުތަކުރުފާނު ވަޑައިގަތީ ދަންޑެހެލު ގޮވައިގެންނެވެ. އެންމެ ފަހުން، ސިއްތިމާވާގެ އާލާސްކަންފުޅު ރަނގަޅުކުރި ސާލު، އެކަމަނާއާ ހަވާލުކުރެއްވީވެސް ދަންޑެހެލެވެ. އަދި ކަބާއައިސާ ފަހުން އެ ކައިވެންޏަށް ޤަބޫލު ވާހަކަ މުޙައްމަދު ތަކުރުފާނަށް ދެންނެވީވެސް ދަންޑެހެލު މެދުވެރިކުރައްވައިގެންނެވެ.

މި ހާދިސާ ކިޔައިދިނުމުގެ މަޤްޞަދަކީ އެއްކަލަ ކަސްއަޅާފައި އިން ސާދަ ފަނަރައިގެ ކުޑަކުޑަ ނިކަމެތި ކުއްޖާގެ މަޤާމު އުފުލިގެން ދިޔަ ގޮތް ރަމްޒުކޮށްދިނުމެވެ. ބޮޑުތަކުރުފާނުގެ އެންމެ ގާތް، އަރިސް، އިތުބާރުހިފޭ ބޭކަލުންގެ ތެރޭ ހިމެނޭކަން އަންގައިދިނުމެވެ.

ހަނގުރާމައިގެ މައިދާނުގައިވެސް މީސްމަދު ދިވެހިންގެ ލަޝްކަރު ބޮޑުކަމުގައި ދެއްކި އެއް ސަބަބަކީ ދުވާފަރު ދަންޑެހެލުގެ އާދަޔާ ޚިލާފު ކުޅަދާނަކަމެވެ. މިކަން ފެންނަ އެއް ކަމަކީ ވިޔަޒޯރު މަރާލި ހާދިސާގައި ކަން ހިނގައިދިޔަ ގޮތެވެ. އުތީމު ތިން ބެއިންނާއި ވިޔަޒޯރުގެ ގުޅުން މާ ބަދަހިކަމަށްބުނެ އޭނާގެ ވަފާތެރިކަން އިމްތިޙާނުކުރަން އަނދިރިއަނދިރިންނަށް، ތުއްފާށަނާ ލަފާދިނެވެ. މީނާ ދިން ލަފަޔަކީ އެތިންބެއިންގެ ބޯ ކަނޑާފައި، އެ ޚަބަރައިގެން ދިޔަ ޕޯޗުގީޒު ސިފައިންގެ ހަވާލުގައި މާލެ ފޮނުވުމަށެވެ. އަދި ވިޔަޒޯރު އެކަމާ ދެކޮޅު ހަދައިފިނަމަ، އެ ޚަބަރައިގެން ދިޔަ ޕޯޗުގީޒު ސިފައިން ވިޔަޒޯރު މަރާލުމަށެވެ. ކޮންމެއަކަސް، މި ގުރޫޕުގެ މީހުން ބާރަށަށް ފައިބާ ވިޔަޒޯރާއެކު މަޝްވަރާކުރުމަށްފަހު، ކަޅުއޮށްފުންމީގައި މާލެ ދާން، އުތީމު ތިންބެއިންނަށް އެންގުމުން، ދަންޑެހެލާއި އަތޮޅުވެރިންނާއި ޕޯޗުގީޒުންނާއެކު ފުރައިފިއެވެ. އެކަމަކު މި ދަތުރުމަތީ މާލެއިން ފޮނުވި ގުރޫޕުގެ ވެރިމީހާއާއި ވިޔަޒޯރު ދެބަސްވެގެން އުޅޭތީ ވީނުވީ ބެލިއިރު، އުތީމު ތިންބެއިންނަށް ޙަޤީޤަތް ހާމަވެއްޖެއެވެ. އުތީމު ތިން ބެއިން މެރުމަށް ވިޔަޒޯރު އެއްބަސް ނުވީއެވެ. އިސާހިތަކު އެއްކަލަ ޕޯޗުގީޒުންގެ މީހަކު ވިޔަޒޯރު މަރާލައިފިއެވެ. ދެން ކަންތައް ހިނގި ގޮތް ޞަލާޙުއްދީން ލިޔުއްވާފައިވާގޮތަށް ލިޔެލާނަމެވެ.

"ޙަސަންތަކުރުފާނު ހުންގާނުގައި ހުންނަވާފައި މިތަން ދެކިލައްވައިގެން ހުންގާނު ދޫކޮށްލައްވާފައި ކުޑަ ހިޔަލުތެރެއަށް ވަންނަވައި ވިޔަޒޯރު މެޔަށް ޚަންޖަރު ޖެހި ކަލޭގެ ދެފައިކުރީގައި ހިއްޕަވައިފައި ކަފީގެ ދެފަރާތަށް ދަމައި ގެންގޮސް ކަޑަށް އެއްލަވައިފިއެވެ. އޭނާއަށް އޮތީ ވީގޮތެއްވެ އަވަދިވެފައެވެ. މި ތަންވަޅުގައި ދަންޑެހެލު ބޮޑުފަނާގެ ދަޑި ދަމައިގަނެގެން ދިރުބާކޮޅުން ކޮޅުފަސްކޮޅަށް އައި އިރަކު މި އޮޑިއަކު ދިރިހުރި ފަރަންޖީއެއް ނެތެވެ."

ދަންޑެހެލު ދަނޑިއަކުން ތަޅާ އެ ބަލިކުރީ ޕޯޗުގީޒު ސިފައިންގެ ބާރަ މީހުންނެވެ. ދަންޑެހެލުގެ ހެވިކަމުގެ ކުޅަދާނަކަމުގެ އެއް މިސާލަކީ މިއީއެވެ.

ހަމަ އެފަދަ އެހެން މިސާލެކެވެ. މި ފަހަރު ހަސަންތަކުރުފާނާއި ދަންޑެހެލަށް ހަވާލުކުރައްވާފައި އޮތް މަސައްކަތަކީ ބާރަށުގައި ތިއްބެވި ޙަސަންތަކުރުފާނުގެ އަނބިކަނބަލުންނާއި، ބޮޑުތަކުރުފާނުގެ ހަގު އަނބިކަނބަލުން ސިއްތިމާވާ، ބާރަށުން ބޭލުމެވެ. އޭރު އެއްކަލަ ތުއްފާށަނާ އުޅުނީ ޕޯޗުގީޒުންގެ ބަޔަކާއެކު ގޮސް، އެތާ ގާއިމުވާންވެގެންނެވެ. ޙަސަން ތަކުރުފާނާ ހަވާލުވީ ސިއްތިމާވާ އޮޑިއަށް ގެންދާށެވެ. ދަންޑެހެލާ ހަވާލުވީ ޙަސަންތަކުރުފާނުގެ އަނބިކަނބަލުން ކަތީބުގޭ ކަމަނާ ގެންދާށެވެ. ކޮންމެއަކަސް ދަންޑެހެލު މި ދެ ކަނބަލުން އޮޑިއަށް އަރުވައި، ދެ ޙާޖީންނާ ހަވާލުކުރެއްވިއެވެ. އެއަށްފަހު ޙަސަންތަކުރުފާނުގެ ފަހަތްޕުޅުން އަލުން އެއްގަމަށް ވަޑައިގަތެވެ. ޙަސަންތަކުރުފާނަށް ދެން ފެނިވަޑައިގަތީ ވާރުގޭ ބޮޑު އަށިގެ ކުއްލިއަކަށް ވެއްޓުނު މަންޒަރެވެ. ވެއްޓުނު ބޮނޑީގައި އެތާ ނިދާފައި ތިބި ޕޯޗުގީޒުންނަށް އަނިޔާވިއެވެ. އަދި މިއަޑަށް ވީނުވީ ބަލަން ނިކުތް ތުއްފާށަނާގެ ލޮލަށް ކޮންމެވެސް މީހަކު ވެލި ޖެހިލެއް ބާރުކަމުން އޭނާގެ ދެލޮލުން ލޭއޮހޮރޭ މަންޒަރު ޙަސަންތަކުރުފާނަށް ފެނިވަޑައިގަތެވެ. ޙަސަންތަކުރުފާނަށްވެސް މި ވީ ގޮތެއް އެނގިވަޑައެއް ނުގަތެވެ. ދެން އެނބުރި އޮޑިދޮށަށް ވަޑައިގެންއިރު ދަންޑެހެލު ފެނުމުން އެ ދެބޭފުޅުން ދެއްކެވި ވާހަކަ، ޞަލާޙުއްދީން ސިފަކުރައްވަނީ މިހެންނެވެ.

"ޙަސަން ތަކުރުފާނު- ދަންޑެހެލާ ވާރުގޭ އަށިގެއަށް ވީ ކިއެއްތަ؟

ދަންޑެހެލު- ތިޔަގޮތެއް ނޭގެ ތުއްފާށަނާގެ ލޮލަށްމަވެސް ކުޑަ ވެލިކޮޅެއް ޖަހައިލީން

ޙަސަން ތަކުރުފާނު- ދަންޑެހެލު އެތަނަށް ދިޔައިމުތަ

ދަންޑަހެލު- ދެވުނީތާދޯ ގައިމުވެސް ވެލިކޮޅެއް ޖެހުނު

ޙަސަން ތަކުރުފާނު- އަނެއްކާ އެރަށު މީހުން އަހަރެމެންގެ ފަހަތުން ފުރަފުރައިގެން ހޯދާކަށެއް ނާންނާނެބާ

ދަންޑަހެލު- ތަކުރުފާނުވޭ މާދަމާ ދަމަކަށް އިރު ނާރަނީހެއް އެ ރަށަކުން އެތިގަޑަކަށް ނުފުރޭނެއެވެ.

ޙަސަން ތަކުރުފާނު- އެޔޯ އެޔޯ

ދަންޑެހެލު- ހުރިހައި އެއްޗެއްގެމެ އޮޑިކަންވާރު ކުބު ފަރުމާނު ވަލަވެރި ހުންގާނު ހުންނާނީ މާ ރަގަޅަކަށް އޮޅުވައި ބަދަލުކޮށްފައެވެ."

މި ހާދިސާއިންވެސް ދައްކުވައިދެނީ، ދަންޑެހެލުގެ ހިކުމަތްތެރިކަމެވެ. ދުރުވިސްނުން މޮޅު ކަމެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ ގިނަ ކަންތައްތަކެއް ކުރުމަށް ހުރި ހުނަރުވެރިކަމެވެ. އަދި މީގެ އިތުރުން، ބޮޑެތި ނިންމުން ނިންމުމުގައި އުތީމު ތިން ބެއިންނެކޭ އެއްވަރަށް ދަންޑެހެލުވެސް މުހިއްމު ދައުރެއް އަދާކުރައްވާފައިވާކަމެވެ.

ހަމަ މި ފަދަ ހުނަރުވެރިކަން ދެއްކި އަނެއް ހާދިސާއަކީ މާލެ ފަތަޙަކުރި ހާދިސާއެވެ. މުޙައްމަދު ތަކުރުފާނުން އަނދިރި އަނދިރިން ގެ ގަޔަށް ބަޑިޖެއްސެވުމާއެކު ދެން ތިބި ޕޯޗުގީޒުންނަށް ހަމަލާދޭން ކަނޑިހިއްޕަވައިގެން އެހެން ބޭފުޅުން ވަޑައިގަންނަވަނިކޮށް ދަންޑެހެލު ވިދާޅުވިކަމަށްވެއެވެ.

"ތިޔަކަހަލަ ނަޖިސް ކާފަރުން މަރާނީ ކަނޑިއަކުން ނޫނޭ ނިކަން ތިއްބަވާށޭ ލަކުޑިން ތަޅާ ފިސްކުރާނިއްޔޭ".

ދަންޑެހެލު އެ ދިމާލަށް ވަޑައިގެން ކަމަށް ވަނީ އަތުރިމަތީގައި އޮތް މަސްއޮޑިއެއްގެ ކުނބެއް ބޯމަތީގައި އަނބުރަމުންނެވެ. އަދި އެތަނުގައި ތިބި ހުރިހާ ޕޯޗުގީޒުން މަރާ ހުސްކުރެއްވިކަމަށް ބުނެވެނީ ދަންޑެހެލު ގިނިކަންޏާއެވެ.

ބަޠަލުންގެ މޮޅުކަމާއި ބުއްދިވެރިކަމާއި ކުޅަދާނަކަމުގެ ވާހަކައަކީ، ކޮންމެ ޤައުމެއްގެ ތާރީޚުގައިވެސް، ތާރީޚު ލިޔުނުބައެއްގެ އިޚުތިޔާރާއި، ތުންތުންމަތިން ކިޔާ ވާހަކަތަކުގެ ތެރެއަށް ޤަދަރާއި އިޙުތިރާމުގެ ތަޢައްޞަބުގެ މިންވަރެއްވެސް ވަދެގެން ލިޔެއުޅޭ ވާހަކަތަކެއްކަން ގައިމެވެ. ބޮޑުތަކުރުފާނު ވާހަކައަކީވެސް، ވަރަށް ގިނަ މަސްދަރުތަކެއް ދިރާސާކުރައްވައިގެން ޞަލާޙުއްދީން އެކުލަވައިލެއްވި ވާހަކައެކެވެ. މީގައިވާ ކަންކަމަކީ ފިލިން ފިއްޔަށް، އުނި އިތުރު ނެތް ތެދުކަމަށް ނުބެލެވޭނެކަން، ޚުދު ޞަލާޙުއްދީންގެ މުޤައްދިމާގައިވެސް ލިޔުއްވާފައި އޮވެއެވެ.

އަޅުގަނޑު އަދި މި ކުރި މަސައްކަތަކީ އެ ފޮތުގެ އަލީގައި ދަންޑެހެލުގެ ޝަޚުޞިއްޔަތު ދެނެގަތުމަށް މަސައްކަތްތަކެއް ކުރުމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޤައުމީ ބަޠަލުންގެ ޛިކުރާ އާކޮށް، އެ ބަޠަލުންގެ ވާހަކަ ކިޔައިދީ އުޅެނީ ޤައުމުގެ ޝަޚްޞު އަންގައިދިނުމަށެވެ. އެ ޤައުމެއްގެ މީހުން ބަޠަލުން ސިފަކުރާ ގޮތް، ދެއްކުމަށެވެ. ޤައުމީ ބަޠަލުންގެ ޖިހާދުގެ ވާހަކަދައްކާއިރު، އަޅުގަނޑު ބޭނުންވަނީ، ހާދިސާތަކެއްގެ އަލީގައި ނަމަވެސް، އެއިން ކޮންމެ ބަޠަލެއް އަދާކޮށްފައިވާ ދައުރު މި ޒަމާނުގެ ޒުވާނާއަށްވެސް އެނގޭށެވެ. އުއްމީދަކީ، މި ލިޔުމުގެ އަލީގައި ދަންޑެހެލަކީ ހަމައެކަނި "ނަމެއް" ނޫންކަން ކޮންމެވެސް ދިވެއްސަކަށް ދަސްވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox