މެއި މަހު ޗައިނާއިށް އެކްސްޕޯޓު ކުރި މުދަލާއި އިމްޕޯޓު ކުރި މުދަލުގެ ނިސްބަތް ބޮޑުތަނުން ދަށަށް ގޮސް އެ ގައުމުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިލައިފި އެވެ.
މިއީ ފާއިތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ޗައިނާގެ އެކްސްޕޯޓުތައް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އެފްރީލް މަހު އެކްސްޕޯޓުތައް 8.5 އިންސައްތަ އިތުރުވި ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 0.4 އިންސައްތަ ދަށަށް ގޮސްފަ އެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދަށް އިމްޕޯޓުކުރި މުދަލުގެ ނިސްބަތް ވެސް ވަނީ 0.8 އިންސައްތަ ވެއްޓިފަ އެވެ. އެޕްރީލް މަހު އެ އަދަދު ހުރީ 7.9 އިންސައްތައިގަ އެވެ.

މިއީ ނިސްބަތުން ދަށް އަދަދެއް ނަމަވެސް މުދަލުގެ ގޮތުން ބަލާއިރު ބޮޑު އަދަދެކެވެ. އަދި, މިއީ ދުނިޔޭގެ ބާޒާރުގައި ޗައިނާގެ މުދަލަށް އޮތް ޑިމާންޑު ދަށްވަމުންދާ ހެއްކެއް ކަމަށް ވެސް ދުނިޔޭގެ އިގްތިސާދު ދިރާސާކުރާ ތަޖުރިބާކާރުން ރިޕޯޓުކުރެ އެވެ.
އެކަމުގެ ސަބަބުން ޗައިނާގެ ޕްރައިވެޓު ސެކްޓަރަށް ވެސް އަސަރު ކުރަމުންދާއިރު ފެކްޓްރީތަކުގައި ކުރަމުންދާ މަސައްކަތްތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިއީ އެކްސްޕޯޓުތައް ދަށަށް ދާން ފެށުމާ އެކު ފެކްޓްރީތަކުގެ މަސައްކަތްތައް މަދުވި ދެވަނަ މަހެވެ.
މިއަހަރުގެ ފުރަތަމަ ސެކްޓަރުގައި ޗައިނާގެ އިގްތިސާދު ވަރަށް ބޮޑަށް ކުރިއެރި ނަމަވެސް މިހާރު ބެލެވޭ ގޮތުގައި އަންދާޒާތަކަށް ވުރެ ދެން ހުރި ކުއާޓަރުތަކުގައި ޗައިނާގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވާނެ އެވެ.







