ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ކުރާ މަސައްކަތް ނިންމާނެ އިރަކަށް ކެތްމަދުވެފައި ހުންނެވި ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަކަށް ފަހު ރިޔާސަތުން ނަޝީދު ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވުމުގެ ކުރިން ހަސަން ލަތީފު ދެއްކެވި ވާހަކަ އަކީ ނަޝީދުގެ އަރިސްބޭފުޅުން އުފައްދަވާ އާ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން ގެންގުޅޭނެ ސިޔާސަތުތަކުގެ ވާހަކަ އެވެ. އެ ޕާޓީން ގެންގުޅޭނީ ރައްޔިތުންނަށް ވަރަށް ފައިދާހުރި ސިޔާސަތު ތަކެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުއްމީދުކުރެވެނީ [މައްޗަންގޮޅި] މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް," ހަސަން ލަތީފު ވާހަކަ ނިންމަވައިލެއްވުމާ އެކު ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މިއަދު މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްޑީޕީން އިއްޔެ ބުންޏެވެ.

އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމިކަން އިއުލާނުކުރީ އިއްޔެ ބޭއްވި އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެއީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް އެމްޑީޕީގެ ޕީޖީން ބުނެ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ސޮއިނުކުރާ މެމްބަރުންގެ ނަންތައް ހާމަކޮށްފައި ނުވެ އެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ.
ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނަޝީދު ނިންމެވުމުން އިއްޔެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ވެސް ކުރި އެވެ.












