ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަވާލުކުރަން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފި ހާލަތެއްގައި އެކަން "ހިތުގެ އަޑިން ގަބޫލުކުރާނެ" ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމިކަން އިއުލާންކޮށް މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ, އޭނާ އެމަގާމަށް ވަޑައިގަތުމާ މެދު ވާހަކަ ދައްކަން އަދި އަވަސް ކަމަށް ވިދާޅުވެފަ އެވެ.
ސާފު ޖަވާބެއް ނުދެއްވި ނަމަވެސް އަސްލަމް ވަނީ އެ މަގާމާ ހަވާލުވުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އަސްލަމްއަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ މަޖިލިސް 19 އިންތިހާބުވި ދުވަސްވަރު ވެސް އަޑުތަކެއް ފެތުރުނެވެ. އެކަމަކު, އޭނާ ވެވަޑައިގެންނެވީ އެ ޕާޓީގެ ޕީޖީ ލީޑަރަށެވެ.
"އެކަމާ ގުޅޭގޮތުން ވަކި ގޮތަކަށް ނުވިސްނަން. ދެން ޕާލިމެންޓަރީ ގްރޫޕުން ނިންމަވާނީ. ޕާލިމެންޓަރީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމަވައި ހަވާލުކުރަން ނިންމައިފިއްޔާ އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރާނަން," މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.
މިއީ މަޖިލީހުގެ ގޮނޑިއެއް އޭނާ ފުރުއްވާ ހަތަރުވަނަ ދައުރެވެ. މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ތިއްބެވި އެންމެ ސީނިއާ ޕާލިމެންޓޭރިއަނުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ. މި ހިނގަމުންދާ މަޖިލީހުގެ ރިޔާސަތަށް ނަޝީދު ގެނައުމަށް އެންމެ ފުރަތަމަ ނަން ހުށަހެޅުއްވީ ވެސް އަސްލަމް އެވެ.

އެހެން ނަމަވެސް, ހިޔާލު ތަފާތުވުންތައް ގިނަވެ މަޖިލިސް "މަރުތަޅު އެޅިފައި" ވާތީ ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީން ނިންމީ މިއަދެވެ. އަސްލަމްއަކީ މީގެކުރިން ނަޝީދުއާ ވަރަށް އަރިސް ބޭފުޅެކެވެ. އެކަމަކު, ފެކްޝަންތައް އުފެދި އެމްޑީޕީގެ ހަމަނުޖެހުން ބޮޑުވި ވަގުތު އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގަ އެވެ.
"މަޖިލީހަކީ ވަކި މީހެއްގެ ގެޔެއް ނޫން"
ގާނޫނާއި ގާނޫނޫއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ މީހަކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް އަސްލަމް މިއަދު ވިދާޅުވި އެވެ. އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ, ނަޝީދު ވަކިކުރަން ނިންމި ސަބަބު ތަފްސީލު ކޮށްދެއްވާފަ އެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީ ޕާލަމަންޓީ ގްރޫޕުން ރައީސް ނަޝީދާ މެދު ބައްލަވަނީ ހާއްސަ ނަޒަރަކުން ކަމަށާއި, އެއީ އެމްޑީޕީ އުފެދިގެން މިހިސާބަށް އައިއިރު ލީޑާޝިޕްގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކުރިން ވަރަށް ގިނަ ބައެއް ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ.
އަދި, އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވުމުން, ވަރަށް ގިނަ ކަންކަމުގައި ޕީޖީ ގްރޫޕުން އެމަނިކުފާނަށް ދޫދީގެން ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް, ގާނޫނާއި ގާނޫނު އަސާސީން މަތިކޮށްފައިވާ މުހިންމު މަސްއުލިއްޔަތުތައް އަދާކުރުމުގައި އެންމެ މީހަކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އަޅުގަނޑުމެން އެއްވެސް މީހެއްގެ އަމިއްލަކަމެއް ނޫންކަން މީ. އަމިއްލަ ގެ ނޫންކަން މީ. ރައްޔިތުންގެ މަޖިލިސް ކުރާގެ ކަން. މިތަނަކީ މިތަނުގެ ރައީސްގެ ވެސް މިތަނުގެ އަމީންއާންމުގެ ވެސް އަމިއްލަ ގެ ކަމުގައި ދެކެވަޑައިގެން ނުވާނެ," ނަޝީދު ވަކިކުރަން ނިންމަން ޖެހުނު ސަބަބު ތަފްސީލު ކޮށްދެއްވަމުން އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ އޭނާ އެ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރުގެ މަގާމުގައި ހުންނެވި ނަމަވެސް ހިތުހުރިހައި ގޮތަކަށް ޕީޖީ ގްރޫޕު ހިންގަން ގަސްތުކޮށްގެން ނުވާނެ ކަމަށެވެ. އަދި, އެކަމުގައި އޭނާގެ އަމިއްލަ މަންފާ އާއި ފައިސާ އޮތީ ކޮންގޮތަކަށްތީ ބައްލަވައިގެން އެކަން ކުރައްވައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދަށް ގޮންޖައްސަވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އަމިއްލަފުޅަށް ގޮތް ނިންމަވައިގެން, ވަކި ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ކަމަށެވެ.
އެ މޭރުމުން ވާހަކަދައްކަވަމުން އަސްލަމް ވަނީ, މަޖިލިސް ރައީސަކީ ވަކި ފަރާތަކަށް ނުޖެހި އެންމެނަށް ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށާއި, ވަކި މައްސަލައެއް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބާރު މަޖިލިސް ރައީސަށް ލިބިގެން ނުވާކަން ފާހަގަކުރައްވާފަ އެވެ.
އަސްލަމް ވިދާޅުވީ ކޮންމެ ދުވަހަކު މިފަދަ އަމަލުތައް ތަކުރާރުވެ, ރައީސް ނަޝީދަށް ހިތުގައި ދެވިފައިވާ ލޯތްބާއި ގަދަރު ކުޑަވަމުންދާ ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުގައި ބަހައްޓައިގެން އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ހިސާބަށް މިއަދު އާދެވިފައިވާ ކަމަށެވެ.













