ނިއު ދިއްލީ، އިންޑިއާ (ޖޫން 5) - ދިފާއީ ގޮތުން ގުޅުން ބަދަހި ކުރާނެ ގޮތުގެ މަގުޗާޓަކަށް އެމެރިކާ އާއި އިންޑިއާއިން ހޯމަ ދުވަހު އެއްބަސްވެއްޖެ އެވެ.
"ދިފާއީ ކަންކަމުގައި ސިނާއީ ގުޅުން ބަދަހިކުރަން ހަރުދަނާ، އާ މަގުޗާޓެއް އެކުލަވާލެވުނު،" ދިއްލީއަށް ވަޑައިގެން އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެއްބަސްވުންތަކާއި މަގުޗާޓުތަކަށް އަމަލުކުރާ މަންޒަރު ނުފެންނަ ނަމަ، ދެ ގައުމުގެ އަސްކަރީ ގުޅުމުގެ ކުރިމަގާ މެދު ޔަގީންކަމެއް ނެތް ކަމަށް އެނެލިސްޓުން ބުނެ އެވެ.
އިންޑިއާއަށް އަސްކަރީ ގޮތުން އެންމެ އެހީވާ ގައުމަކީ ރަޝިއާ އެވެ. ތާރީހީ ގޮތުން ދެ ގައުމުގެ ގުޅުން ރަނގަޅު އިރު، އެންމެ ގިނައިން އިންޑިއާއަށް ހަތިޔާރު ފޯރުކޮށްދެނީ ރަޝިއާއިންނެވެ.
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އިންޑިއާއިން ރަޝިއާއާ ދެކޮޅަށް އެއްޗެއް ނުބުނެ އެވެ. އެހެންވެ، އެމެރިކާގެ ކަންބޮޑުވުން އެބަ އޮތެވެ.










