މި މަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު 10 ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް މިއަދު ޖަަޕާނަށް ފުރައިފި އެވެ.
ޖަޕާން ފުޓްބޯޅަ އެސޯސިއޭޝަން، ޖޭއެފްއޭގެ އެހީތެރިިކަމާ އެކު ހަމަޖެހިގެން މިދިޔަ ޓްރެއިނިން ކޭމްޕްގައި 23 ކުޅުންތެރިން ބައިވެރިވާނެ އެވެ. ރާއްޖޭން މި ކޭމްޕްގައި މައިގަނޑު ގޮތެއްގައި ޓްރެއިނިންގެ ކަންތައްތަކަށް އިސްކަން ދިނުމަށް ފަހު، ޓްރެއިނިން އެއް މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި މަހު 21 ވަނަ ދުވަހުން އަންނަ މަހުގެ ހަތަރަަކަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާގެ ބެންގަލޫރަށް ދާނީ މި މަހު 15 ވަނަ ދުވަހު އެވެ.
ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ)، މިއަދު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ޓްރެއިނިން ކޭމްޕްގެ ކަންކަން ޖޭއެފްއޭގެ ފުޓްބޯޅަ ޓްރެއިނިން ސެންޓަރު، އެންމެ މައި ތަނުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
"ޖޭއެފްއޭގެ އެހީތެރިކަމުގައި ހުރިހާ ކަމެއް ވަނީ ހަަމަޖެހިފައި، އަޅުގަނޑުމެން އެންމެ ޓްރެއިނިން މެޗެއް އެކޮޅުގައި ކުޅޭނީ، ދެން ދާނީ ޓްރެއިނިންގެ ކަންތައްތައް އެކޮޅުގައި. 15 ވަނަ ދުވަހު ފުރާނީ ކޮލަމްބޯ މަގުން ބެންގަލޫރަށް ދިއުމަށް،" ޝިބާ ބުންޏެވެ.
"ދިވެހި ސަޕޯޓަރުން ހެއްވާލެވޭނެ ވަރުގެ މަސައްކަތެއް ކުރުން އަޒުމަކީ. ހަމަގައުމީ ޓީމު މި އޮތީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަހަތުގައި ގައުމީ ޓީމު މި ދަނީ ގައުމަށް ރީތި ނަން ހޯދައިދޭން،"
މިދިޔަ މަހުގެ 22 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް ފެށީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އެއީ 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލުމަށް ފަހު 10 ކުޅުންތެރިން މަދުކޮށްފަ އެވެ. އޭގެ ފަހުން، 27 ވަނަ ދުވަހު ވަނީ ގައުމީ ޓީމާއި އދ. މަހިބަދޫ ޓީމެއް އެ ރަށުގެ ދަނޑު "ޕެލޭ ސްޓޭޑިއަމް" އަށް ރީބްރޭންޑް ކުރަން ކުޅުނު މެޗެއްގައި ވާދަކޮށްފަ އެވެ. ރޭގެ ޕްރެކްޓިހަށް ފަހު ސާފަށް 23 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލްކޮށްފައިވެ އެވެ.
ޓީމުގެ ތައްޔާރީތައް މިހާތަނަށް ދިޔަ ގޮތާ މެދު ހިތްހަމަޖެހޭތޯ އެހުމުން ޝިބާ ބުނީ އުނދަގޫތަކެއް ހުއްޓަސް އެންމެ ރަނގަޅަށް ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.
"އެއްވެސް ކަމަކީ ކޮންމެ ކަމެއް ކުރިޔަސް ފުރިހަމަ އަށް ހަމަޖެހިފައި ހުންނާނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން ޗެލެންޖްތަކެއް ހުއްޓަސް މި ދަނީ އިރާދަކުރެއްވިއްޔާ މަސައްކަތްތަކެއް ކޮށްގެން ކާމިޔާބު ހޯދަން،" ޝިބާ ބުންޏެވެ.
"ކުރިއަށް އެބައޮތް ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއާގެ މުބާރާތެއް ވެސް. އެ އަށް ތައްޔާރުވާން ވެގެން ކޯޗު ބޭނުންވޭ މީގަ 23 އަހަރުން ދަށުގެ ކުޅުންތެރިން ވެސް ހިމަނަން. އެހެންވެ، އޯލްޑާއި ޔަންގް ކުޅުންތެރިން މިކްސް ކޮށްގެން ކޯޗު މި މުބާރާތް އެ ބަލަނީ. ކޮންމެ ގޮތެއް ވިޔަސް މިހާރު މި ކުރާ މަސައްކަތުގެ ފައިދާކުރާނެ ކުރިއަށް ހުރި މުބާރާތްތަކުގައި ވެސް،"
ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން މުބާރާތަކަށް ފުރަތަމަ ފަހަރަށް ދާ ކުޅުންތެރިން ވެސް މި ފަަހަރު ޓީމުގައި ހިމެނެ އެވެ. އެ ކުޅުންތެރިންނަށް ބަލާއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކެޕްޓަން، މުހައްމަދު ނިޒާމް (ޕީކޭ) އަދި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ)ގެ އިތުރުން ކްލަބް އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ހުމައިދު ހުސެއިން އަދި ބުރު ސްޕޯޓްސް ކްލަބްގެ ފުލްބެކް، އިބްރާހިމް އުސާމާ އަބްދުލް މަޖީދު (އުކާ) ހިމެނެ އެވެ.
ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ށ. މިލަންދޫ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޕީކޭ އަކީ އަނިޔާ އިން އެނބުރި އައުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އިސްމާއިލް މަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި ސަސް އަށް ކުޅޭ ޕީކޭ އަކީ އިތުބާރާ އެކު ކުޅޭ ޑިފެންޑަރެކެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އައިހަމް ބޯޅަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ހއ. އުތީމަށް އުފަން، އައިހަމް އަކީ މިދިޔަ ދެ ސީޒަނަށް ބަލާއިރު، ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް މިޑްފީލްޑަރެވެ. ގޯލާ ރަށްޓެހި މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ އައިހަމް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި ހިމެނުނުއިރު، މިއީ އޭނާ ގައުމީ ސްކޮޑެއްގައި ވެސް ހިމެނުނު އަލަތު ފަހަރެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ޒުވާން އުމުރުގައި އައި ނަމަވެސް، ބ. އޭދަފުށްޓަށް އުފަން ނިޝާމްގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ މިދިޔަ ސީޒަނުތަކުގައި ޓީސީ ސްޕޯޓްސް ކްލަބްގައި ދެއްކި ކުޅުމާއި ހޯދަމުން އައި ކުރިއެރުމުގެ ސަބަބުންނެވެ. މި ސީޒަނުގައި ކްލަބް އީގަލްސް އަށް ބަދަލުވެ، ގިނަ މެޗުތަކުގައި ބަދަލަކަށް ކުޅެން އެރި ނަމަވެސް ލިބޭ ކޮންމެ ފުރުސަތެއްގައި ކަހަލަ ގޮތަކަށް ނިޝާމް ވަނީ މޮޅަށް ކުޅެފަ އެވެ. މިއީ، ސީނިއާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑެއްގައި ހިމެނިގެން ނިޝާމް މުބާރާތަކަށް ދާ ފުރަތަމަ ފަހަރެެވެ.
ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ އަހަރު ހުމެއިދު ވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. އީގަލްސްއާ އެކު މިދިޔަ އަހަރު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކެޕްޓަން، ހުމެއިދު މިދިޔަ އަހަރުން ފެށިގެން އީގަލްސްގެ ސީނިއާ ޓީމަށް ކުޅެމުން އަންނައިރު، އޭނާ ފާހަގަކުރެވެނީ ރާއްޖޭގައި އެންމެ މުސްތަގުބަލު އުޖާލާ އެއް ޑިފެންޑަރުގެ ގޮތުގަ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ (ވ) ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް އުފަން، އުސާމާ، ފުރަތަމަ ޑިވިޝަނުން ފުރަތަމަ ފެނިގެންދިޔައީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ. މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ބަދަލުވުމަށް ފަހު، އުސާމާ އަންނަނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ފައިނަލްކުރިއިރު، ބާކީވި ހަތް ކުޅުންތެރިންނަކީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަލީ ނާޖިހު (ނާޖީ) އާއި ޝަނާން ރަޝާދުގެ އިތުރުން ބުރު ސްޕޯޓްސް ކްލަބްގެ މުހައްމަދު ނާއިމް އާއި ޝައިހާން އަލީ އަދި ޓީސީ ސްޕޯޓްސް ކްލަބްގެ އަހުމަދު މާއިޝް ރަޝީދު އަދި ސަސްގެ މުހައްމަދު ސަހާއު (ބޭލް) އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ފުޓްބޯޅަ ޓީމު ބެންގަލޫރަށް ދާނީ ޖަޕާން މަގުންނެވެ. އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕަކަށް ނުކުންނައިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ، ބަންގްލަދޭޝް އާއި ބޫޓާން އަދި ލެބަނަންއާ އެކު ގްރޫޕް ބީގަ އެވެ. ރާއްޖޭން ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ކުޅޭނީ ބޫޓާންއާ އެވެ. އޭގެ ތިން ދުވަސް ފަހުން، ބަންގްލަދޭޝާ ކުޅުމަށް ފަހު، މި މަހު 28 ވަނަ ދުވަހު ގްރޫޕް ފަހު މެޗުގައި ލެބަނަންއާ ބައްދަލުކުރާނެ އެވެ.
ރާއްޖޭން ވަނީ 2008 އާއި 2018 ގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، ދިޔައީ ތިން ވަނަ އެވެ. އެ ފަހަރު މުބާރާތުގައި ފަސް ގައުމު ކުޅޭތީ، މުބާރާތް ކުރިއަށްގެންދިޔައީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ރާއްޖެ އަށް އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދިނީ މިހާރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު، އަލީ ސުޒޭން އެވެ.
ޖަޕާން ކޭމްޕާއި ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑު:
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:
ސަމޫހު އަލީ (ސަަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް
ކުލަބު އީގަލްސް:
މުހައްމަދު ޝަފީއު (ޗެކް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަަޝީދު (ޕޮގްބާ)، ހުމެއިދު ހުސެއިން
ސުޕަ ޔުނައިޓެޑް ސްޕޯޓްސް:
އަހުމަދު އައިހަމް (އައިހު)، މުހައްމަދު ނިޒާމް (ޕީކޭ)، އަހުނަފް ރަޝީދު (އަހުއްކޮ)
ބުރު ސްޕޯޓްސް ކްލަބް:
އިބްރާހިމް އުސާމާ
ކުލަބު ވެލެންސިއާ:
އިބްރާހިމް ވަހީދު ހަސަން (އިއްބެ)












