މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހަށްވުރެ މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓް އިތުރުވެ، މިދިޔަ މަހުގެ ނިޔަލަށް 809،245 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ފިޔަވާ ކޮންމެ މަހަކު ވެސް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 10 ޕަސެންޓަށްވުރެ މަތިން އިތުރުވެފަ އެވެ. މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 3.6 ޕަސެންޓް ދަށްވި ނަމަވެސް، 120،960 ޓޫރިސްޓުން މިދިޔަ މަހު ވެސް އައިސްފައިވެ އެވެ.
ތަފާތު ހިސާބުތަކަށް ބަލާއިރު، ޔޫއެސްއޭ މާކެޓް ހަ ވަނަ އިން ހަތް ވަނަ އަށް ވައްޓާލުމަށްފަހު ޗައިނާ މާކެޓް ވަނީ 5.4 ޕަސެންޓް ހިއްސާ އާއެކު ހަވަނަ އަށް އަރާފަ އެވެ. މިދިޔަ މަހުގެ ނިޔަލަށް 46،396 ޗައިނާ ޓޫރިސްޓުން އައިސްފައިވެ އެވެ. ކޮވިޑް-19 ގެ ކުރިން ޗައިނާ އަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ވަރުދަގަ އެއް މާކެޓެވެ. ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ފެށީ ޖެނުއަރީ 18، ވަނަ ދުވަހެވެ.
ރާއްޖޭގެ ޓޫރިޒަމްގައި 11.6 ޕަސެންޓް ހިއްސާއަކު މި ވަގުތު އެންމެ ކުރީގައި އޮތީ ރަޝިޔާ އެވެ. އެ ގައުމުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 94،213 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. ދެ ވަނާގައި އޮތް އިންޑިޔާ އިން މާކެޓްގެ 11.3 ޕަސެންޓް ހިއްސާ ކުރާއިރު، އެ ގައުމުން 93،879 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ މަސް ނިމުނުއިރު، 1،244 ތަނެއްގައި 60،830 އެނދު ރާއްޖޭގައި އޮޕަރޭޓް ކުރަމުން ގެންގޮސަފައިވެ އެވެ. މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ ކަމަށް އަންދާޒާ ކުރެ އެވެ.










