މި މަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް އިން ކަނޑައަޅާފައިވާ ޓާގެޓަކީ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ ހަވީއޭ ކަބްރޭރާ ބުނެފައިވާއިރު، އެ ޓާގެޓަށް ވާސިލްވާން އޮތް އެންމެ ބޮޑު ޗެލެންޖަކީ ރާއްޖެ ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަކަ ދައްކައިފި އެވެ.
މި މަހު 21 އިން އަންނަ މަހުގެ 4 އަކަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ހިމެނެނީ ލެބަނަން އާއި ރާއްޖެ އަދި ބޫޓާނާ އެކު ގްރޫޕް ބީގަ އެވެ. އެ ގްރޫޕުގައި ދުނިޔޭގެ ފުޓްބޯޅަ ރޭންކިން 99 ވަނައިގައި އޮތް ލެބަނަން އޮތުމުން އެ ޓީމަކީ ސެމީ ފައިނަލަށް ދިއުމުގެ އިތުރުން މުބާރާތުގެ ވެސް ފޭވަރިޓެކެވެ. ދެން، މި ގްރޫޕުން ސެމީގެ ޖާގަ އަކަށް ވާދަކުރަނީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ.
އަނެއް ގްރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާގެ އިތުރުން އެންމެ ފަހުގެ ރަނަރަޕް ނޭޕާލް އާއި ސަސްޕެންޝަނުން އަރައިގަނެގެން މުބާރާތުގައި ކުޅޭ ޕާކިސްތާން އަދި ދައުވަތުދީގެން މުބާރާތުގައި ވާދަކުރާ ކުވެއިތު އެވެ.
ބަންގްލަދޭޝް އިން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، 2005 ވަނަ އަހަރު ފައިނަލުގައި ކުޅުނު ނަމަވެސް އެ ފަހުން ސެމީ ފައިނަލާ ހަމައަށް ވެސް ދެވިފައިނުވެ އެވެ.
މި ފަހަރުގެ، ސާފް ޗެމްޕިއަންޝިޕަށް މިއަދު ބަންގްލަދޭޝް އިން 30 ކުޅުންތެރިންގެ ސްކޮޑަކާ އެކު ޕްރެކްޓިސް ފަށާއިރު، އެ ޓީމުގެ ކޯޗު ކަބްރޭރާ ޕްރެކްޓިސްތައް ފަށަން ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ބަންގްލަދޭޝްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ކަބްރޭރާ ބުނީ މުބާރާތުގެ ދެ ގްރޫޕް ވެސް ފެންނަނީ ވަރުގަދަކޮށް ކަމަށެވެ.
"ކޮންމެ ޓީމަކަށް ވެސް ޗެލެންޖެއް ދޭން އަހަރެމެން މި ނުކުންނަނީ. އަހަރެމެންގެ ޓީމު ބައްޓަންކުރާނީ ޓާގެޓަށް ވާސިލްވާން. ޓާގެޓަކީ ސެމީ ފައިނަލަށް ދިއުން. އެއީ މި ވަގުތަށް އޮތް ޓާގެޓް،" މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެ އަތުން ބަންގްލަދޭޝް 2-0 އިން ބަލިވި މެޗުގައި އެ ޓީމަށް ފުރަތަމަ ފަަހަރަށް އިރުޝާދުދިން ކޯޗު ކަބްރޭރާ، ބަންގްލަދޭޝްގެ މީޑިއާ އަކަށް ދިން އިންޓަވިއެއްގައި ބުންޏެވެ.
"ރިއަލިސްޓިކްކޮށް (ހަގީގަތަށް) ބުނަންޏާ ލެބަނަން އަކީ ފޭވަރިޓް، މާނަ އަކީ ދެން އޮތް ޖާގަ އަށް ވާދަކުރާން ޖެހޭނީ މި ގްރޫޕް އޮތް ގޮތުން އަހަރެމެންނާ ރާއްޖެއާ. މިއީ ބޫޓާނަށް ދަށްކޮށްލަނީއެއް ނޫން. ފެންނަން ހުރި ކަމަކަށް ބަލާފައި ބުނާ ވާހަކައެއް،"
ބަންގްލަދޭޝް އިން ވަނީ 2021 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. އެއީ، 2003 ވަނަ އަހަރުގެ ފަހުން، 18 އަހަރު ތެރޭ ބަންގްލަދޭޝަށް ސީނިއާ ފުޓްބޯޅައިގައި ރާއްޖޭގެ މައްޗަށް ލިބުނު ފުރަތަމަ މޮޅެވެ. އެ މުބާރާތުގައި ބަންގްލަދޭޝްގެ ކޯޗަކަށް ހުރި އެ ގައުމުގެ ޕްރިމިއާ ލީގުގެ ކްލަބް ޑާކާ އަބަހާނީގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް އެވެ.
އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި، ބަންގްލަދޭޝަށް އިރުޝާދުދިނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގައި ހުރި ސްޕެއިންގެ ކޯޗު، އޮސްކާ ބްރުޒޮން އެވެ. އޮސްކާ އަކީ އިންޑިއާގެ ކްލަބްތަކުގެ އިތުރުން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ކުޅޭ ފުރަތަމަ މެޗުގައި 22 ވަނަ ދުވަހު ބައްދަލުކުރާނީ ލެބަނަންއާ އެވެ. އޭގެ ތިން ދުވަސް ފަހުން ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް ނުކުންނާނެ އެވެ. އަދި ގްރޫޕް ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ މި މަހު 28 ވަނަ ދުވަހު އެވެ.













