އިންޑިއާގެ އިރުމަތީ އޮޑިއްޝާ ސްޓޭޓުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި މަރުވި މީހުންގެ އަދަދު 300 އާ ގާތްކުރާއިރު، ޒަހަމްވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް އަރައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވެ ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ކްޓިކަލް ހާލަތުގައި ގިނަ ބަޔަކު އެބަ ތިއްބެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު ބޮޑުވަޒީރު ނަރެންދަރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހާދިސާއިން ލިބިވަޑައިގެންނެވި ހިތާމަ ބަސްތަކަކުން ބަޔާން ކުރެވޭވަރަށް ވުރެ ފުން ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅޭ ހުރިހާ ބާވަތެއްގެ ތަހުގީގެއް ހިންގަން އަމުރުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކުށް ސާބިތުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން. ސަލާމަތެއް ނުވާނެ،" މޯދީ ވިދާޅުވި އެވެ.
ރޭލްވޭ ނިޒާމުގައި ހަރުދަނާކުރަން ޖެހިފައި ހުރި ކަންކަން ހަރުދަނާ ކުރާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.







