ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވާންޖެހޭނެ ގޮތާމެދު ހިޔާލު ތަފާތުވުން އުފެދި އެ މައްސަލަ ވަނީ ހުއްޓުމަކަށް ގޮސްފަ އެވެ.
އެޓާނީ ޖެނެރަލް ރިފްއަތު މަޖިލީހަށް ޖަވާބުދާރީވީ ލިޔުމުންނެވެ. ނަމަވެސް އެ ލިޔުން މަޖިލީހުގެ ރިޔާސަތުން އިއްވަން ފުރުސަތު ނުދެއްވަ އެވެ. އެ ލިޔުމުގެ ކޮޕީއެއް ވަނީ އަދަދު ނޫހަށް ލިބިފަ އެވެ.
އެ ލިޔުމުގައި ރިފްއަތު ވިދާޅުވެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ހަގީގަތެއް ނެތް, ރައްޔިތުންނަށް ކަމުގެ މައުލޫމާތު އޮޅުވާލައި, ސިޔާސީ ވަކި މަގްސަދެއް ހާސިލުކުރުމަށްޓަކައި ހުށަހެޅި މައްސަލައެއް ކަމަށެވެ.
އޭޖީގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަރީޒާތަކާ ދެމެދު ކަނޑުގެ އިން ވަކިކުރި އިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެ މައްސަަލައާ ގުޅުވައިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާއިރު އޭނާ މި މައްސަލާގައި ޖަވާބުދާރީވެވަޑައިގެންނެވީ ލިޔުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި މަޖިލިސް ޖަލްސާ ވެސް ވަނީ މެދުކަނޑާލާފަ އެވެ.

އޭނާ މަޖިލީހަށް ފޮނުއްވި ޖަވާބުގައި 37 ނުކުތާއެއް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި, އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތު ދިފާއު ކޮށްފައިވާނެ ކަމަށާއި ބައިނަލްއަގްވާމީ ވަކީލުންގެ ޓީމާ އެކު ވަކާލާތުކޮށްފައިވާނީ ރާއްޖެއަށް އެންމެ ފައިދާހުރި ގާނޫނީ ގޮތުން ބުރަދަން ހުރި ނުކުތާތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާ އަންކްލޮސްގެ ދަށުން މޮރިޝަސް އިން ދިވެހިރާއްޖެއާ ދެކޮޅަށް އިޓްލޮސް އަށް ހުށަހެޅި މައްސަލައިގައި، ދައުލަތުގެ ފަރާތުން ނަގާފައިވާ ސްޓޭންޑަކީ ކަމާ ބެހޭ ގާނޫނުތަކާއި ފެންނަން ހުރި ހަގީގަތްތަކާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޔާޢާތްކުރެވި ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮތްކަން ފާހަގަކުރަން," ރިފްއަތު ވިދާޅުވެފައިވެ އެވެ.
"މި މައްސަލައިގައި އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ނިންމުމެއްކަމުގައި ބުނެވޭނެ ގާނޫނީ މަރުކަޒެއް، އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް މައްސަލަ ހުށަހެޅުއްވި މެންބަރުން ދައްކަވާފައި ނުވޭ."
"މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓު ކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އަޅުގަނޑު ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާއިން ބަންޑާރަ ނައިބަށް ލިބިދީފައި ދުސްތޫރީ ބާރުގެ ތަރަހައިން ނިންމާފައިވާ ނިންމުމެއް," އޭނާ ގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތުގައި އެއްވެސް މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ރިފްއަތު ވަނީ ގައުމީ މަސްލަހަތު އިސްކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތީ ރިފްއަތަށް 30 މިނެޓުގެ ވަގުތުކޮޅެއް ޖަވާބުދާރީވުމަށް ދިނުމަށެވެ. އެއީ ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފެށުމުގެ ކުރިން 10 މިނެޓު، ބަހުސްގެ މެދުތެރެއިން 10 މިނެޓު އަދި ބަހުސް ނިމުމުން 10 މިނެޓާއެކު ޖުމްލަ 30 މިނެޓެވެ.
މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ނިމުމުން އޭޖީގެ ޖަވާބު އިއްވަވަން ރިޔާސަތުން ނަޝީދު އަމީން އާންމަށް އަންގަވަނިކޮށް ނިޒާމާ ބެހޭ މައްސަަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ވަޒީރު ލިޔުމުން ޖަވާބު ދެއްވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މަޖިލީހުގައި ނެތް ކަމަށެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
މަތީ ސާނަވީ އިންތިހާނުގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ދަރިބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ،
މަތީ ތައުލީމާއި ތަމްރީނުގެ މިހާ ފަހި ފުރުސަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތް. ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލު ކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިދިނުން. އަދި މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރުން."
ދުވަހުގެ ފޮޓޯ

މަތީ ސާނަވީ އިންތިހާނުގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރިބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް










