އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށުމަށް ފަހު މަސައްކަތް ހުއްޓިފައި ހުރި ހޮޓަލާ ގުޅޭ ގޮތުން އާބަންކޯއާ ދެމެދު މަޝްވަރާ ކުރުމަށް ފަހު ދެ ފަރާތް އެއްބަސްވާ ސެޓްލްމަންޓު އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ. އެ އެއްބަސްވުމުގެ ދަށުން އާބަންކޯއިން ހޮޓެލް ނެގުމަށް ފަހު އެސްޓީއޯއަށް ދެނީ ދެ ބިމެކެވެ.
މީގެ 14 އަހަރު ކުރިން އެމެރިކާގެ ކާލްސަން ހޮޓެލް ގުރޫޕާއެކު އެސްޓީއޯއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން އޭގެ ހަތަރު އަހަރު ފަހުން އިމާރާތް ކުރަން ފެށި އެ އިމާރާތުގެ މަސައްކަތް ހުއްޓި އެކި ފަހަރުމަތިން އެތަން ހިންގާނެ ފަރާތެއް ނުވަތަ ގަންނާނެ ފަރާތެއް ވޭތޯ، މީގެ ކުރިން ވެސް އިއުލާނު ކޮށްފައިވެ އެވެ. އެހެން ނަމަވެސް މީގެ ކުރިން އެކަން ކާމިޔާބު ވާގޮތް ވަނީ ނުވެފަ އެވެ.

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތް ކުރަން ފެށުމަށްފަހު މަސައްކަތް ހުއްޓާލާފައި ހުރި ހޮޓާ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ހުޅުމާލެ، ސެންޓުރަލް ޕާކުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ އެ ހޮޓަލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެއްބަސްވީ އެތަނަށް އެސްޓީއޯއިން ކުރި ހަރަދު އަނބުރާ ލިބޭނެ ގޮތަށް ކަމަށެވެ.
"އާބަންކޯއާ އެކު އަޅުގަނޑުމެންނަށް ވަނީ ސެޓްލްމަންޓު އެގްރީމެންޓަކަށް އާދެވިފައި، އަޅުގަނޑުމެން އިންވެސްޓުކުރި ފައިސާގެ ބަދަލުގައި އާބަންކޯއިން ހުށަހަޅަނީ ބިން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާގެ ބަދަލުގައި އާބަންކޯއިން ދޭން ވައުދުވެފައި ވަނީ ދެ ބިން ކަމަށާއި، މިހާރު ކުރިއަށް ދަނީ އެ ބިންތައް އެސްޓީއޯއާ ހަވާލު ކުރުމުގެ ކަރުދާހުގެ މަސައްކަތް ކަމަށެވެ.
"އެނގިފައިވާ ގޮތުގައި އާބަންކޯއިން މި ހޮޓާ ބޭރުގެ ފަރާތަކަށް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ، އަދި އެ ފަރާތާ އެކު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައި ވަނީ،" ސައީދު ވިދާޅުވި އެވެ.
ދެހާސް ތޭރަ ވަނަ އަހަރަށް ނިންމުމަށް އަމާޒު ހިފައިގެން އޭގެ ކުރީ އަހަރު އިމާރާތް ކުރަން ފެށި އެ އިމާރާތް އޭރު ހިންގުމަށް ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ ރެޑިސަން ބްލޫ އިންނެވެ. އެހެންނަމަވެސް އެކި މައްސަލަތަކާ ހުރެ އެ މަސައްކަތް ހުއްޓި އެ މަޝްރޫއު ވަޅު ޖެހީ އެވެ.
އެއަށްފަހު ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ އެ ހޮޓާ ވިއްކާލުމަށް ވެސް ނިންމައިފަ އެވެ. ނަމަވެސް އޭރު އެތަން ގަންނާނެ ބަޔަކު ނުވީ އެވެ.
ގާތްގަނޑަކަށް އެސްޓީއޯއިން 115 މިލިއަން ރުފިިޔާ ހަރަދުކޮށްފައި ހުރި އެ އިމާރާތުގެ މަސައްކަތް ހުއްޓިފައި ގިނަ ދުވަހު ބަހައްޓަން ޖެހުމުގެ ސަބަބުން މީގެ ކުރީގެ އަހަރީ ޖަލްސާތަކުގައި ވެސް ހިއްސާދާރުންގެ ޝަކުވާތައް އެސްޓީއޯއާ ކުރިމަތިކޮށްފައިވެ އެވެ. ނަމަވެސް މީގެ ކުރިން އެކަމަށް ހައްލެއް ހޯދައިދިނުމަށް އޭރުގެ އެސްޓީއޯގެ މެނޭޖުމަންޓުން ނުކުޅެދުނީ އެވެ.

އެސްޓީޢޯގެ ހިއްސާދާރުން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ވޯޓު ލަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އާންމުންނަށް ހިއްސާ ވިއްކަން ފެށުމަށް ފަހު އެސްޓީއޯއިން ބާއްވި 20 ވަނަ އަހަރީ ޖަލްސާގައި އަންނަ އަހަރަށް މުހިންމު ގިނަ ނިންމުންތަކެއް ވެސް ނިންމައިފަ އެވެ. އެގޮތުން ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން ވެސް ވަނީ އައްޔަންކޮށްފަ އެވެ. އޭގެއިތުރުން އެސްޓީއޯ އޮޑިޓު ކުރާ ކުންފުންޏަކަށް ހަމަޖައްސާފައި ވަނީ ފާއިތުވި ތިން އަހަރުވެސް އެ މަސައްކަތް ކުރި ކުންފުނި، ޕީޑަބްލިޔުސީ އެވެ.
މިދިޔަ އަހަރުގެ ބޯޑުން ނިންމި ގޮތަށް ހިއްސާއަކަށް 77ރ. ބަހަން ރޭ ޖަލްސާގައި ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.











