އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ މައްސަލަ ސިވިލް ކޯޓުގައި އޮއްވައި، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތެރިން އެތަނަށް އިއްޔެ ހަވީރު ވަދެ، އެ ޕާޓީއަށް މެމްބަރުން ވައްދަން ފޯމް ފުރަން ފެށި އެވެ.
ޑިމޮކްރެޓްސްގެ ހަރަކާތްތެރިން އެމްޑީޕީގެ މައި ހަރުގެ ހުޅުވައި، އެތަނުގެ ބޭރު ފާރުގައި ހުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯފުޅުޖެހި ކެންވަސް ނައްޓައިލި އެވެ. އަދި ކުލަ ބަދަލުކުރަން މަސައްކަތް ކުރި އެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.
އެ ބޭފުޅުން އެމްޑީޕީގެ ތާރީހީ މައި ހަރުގެއަށް ވަނީ އެ ބިމުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރުގެ ހުއްދައާ އެކު އެވެ.
އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި, ކޯޅުން ބޮޑުވެފައި ވަނިކޮށް ޕާޓީގެ މައި ހަރުގެ ހުސްކުރަން އެންގީ މިދިޔަ މާޗް މަހު ފަހު ދުވަހުގަ އެވެ.
މި ކޯޅުން ބޮޑުވެގެން ދިޔައީ ރިޔާސީ ޕްރައިމަރީން ނަޝީދަށް ލިބިގެންދިޔަ ނާކާމިޔާބަށް ފަހު އެވެ.

ހަރުގެ ހުރި ގޯތީގެ ވެރިފަރާތްކަމުގައިވާ، ޝަފިއްޔާ ބުނީ މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ. އެ އިމާރާތް ޑިމޮކްރެޓުންގެ ފަރާތުން ނަގާފައި ވަނީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބްލީސް އެއްބަސްވުމެއްގެ ދަށުން ކަން އެ ޕާޓީން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
އެމްޑީޕީގެ ހަރުގޭގެ މައްސަލަ ކޯޓުގައި އޮއްވައި، އެތަނަށް ދަ ޑިމޮކްރެޓްސް ޕާޓީން ވަނުމުން އެކަން އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ މައި ހަރުގެއަށް ބަޔަކު ވަދެ އެތަން ހިސޯރުކޮށް މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
"ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް ވަނީ އެއްބަސްވެވިފަ އެވެ. ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައި ވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެ ބިމުގެ ވެރިފަރާތުގައި ވެސް އެދިފައިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީގެ ފުރަތަމަ ޖަގަހަ/ހަރުގެއަކީ ގ. ދުންފުނިގެ އެވެ. ދެން އެ ޕާޓީގެ މައި ހަރުގެ ހެދީ އިމާދުއްދީން ސްކޫލުގެ ކުރިމަތިން އަމީނީމަގުގައި، ކަން މައްޗަށްވާ ގޮތަށް އޮންނަ ބިމުގަ (މިހާރު ތަރުކާރީ/މޭވާ މާރުކޭޓު) އެވެ.
އެ ހަރުގެ ތަޅައި ސުންނާފަތި ކޮށްލީ ފެބްރުއަރީ 7، 2012 ވަނަ ދުވަހު، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކިޔަމަންތެރިވި ސިފައިންނެވެ. އާޓިފިޝަލް ބީޗު ކުރިމަތީގައި އެމްޑީޕީގެ މައި ހަރުގެ ހިންގަން ފެށީ އެއަށް ފަހު އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
އިދިކޮޅު ސިޔާސީ ޕާޓީއާ އެއްކީލި ޗެނަލް 13 ގެ ކޮންޓެންޓެއް ބްރޯޑްކާސްޓިންގެ ގާނޫނާއި ގަވާއިދަށް ނުފެތިގެން އެ ދެއްކުން މަނާކުރުމުން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ވެގެން ދިޔައީ ރައީސުންނަށް ވަނަންކިޔުމުގެ ބަހުސަށެވެ. ރައީސުންނަށް ވަނަން ނުކިޔޭނަމަ ޑިމޮކްރަސީ ދާނީ ފަހަތަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވައި، އެ ބަހުސްގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ކަމަށެވެ.
ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ދޮގު މައުލޫމާތު ފެތުރުމަކީ. ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން، މިސްއިންފޮމޭޝަންއާ ޑިސްއިންފޮމޭޝަން [ފަތުރައި] ފިތުނަފަސާދަ އުފެއްދުމަކީ. އިއްޒަތްތެރި ރައީސް ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން މީހުންގެ އަބުރު ކަތިލުމަކީ،"
ދުވަހުގެ ފޮޓޯ

އެމްޑީޕީގެ މައި ހަރުގޭގެ ބޭރުގައި ހަރުކޮށްފައި ހުރި ކެންވަސް، ދަ ޑިމޮކްރެޓްސް ޕާޓީގެ ހަރަކާތްތެރިން ނައްޓާލަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













