ޓޮރީނޯ، އިޓަލީ (މެއި 29) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް 1-0 ގެ ނަތީޖާއަކުން ބަަލިކޮށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް އޭސީ މިލާނުން ހޯދައިފި އެވެ.
އިޓާލިއަން ލީގުގައި ބާކީ އެއް މެޗު އޮއްވައި މިލާނުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންކުރީ ލީގުގެ ހަތަރު ވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. އެ ޓީމް 67 ޕޮއިންޓާ އެކު އޮތްއިރު ފަސް ވަނައިގައި އޮތް އެޓަލާންޓާ އަށް ލިބެނީ 61 ޕޮއިންޓެވެ. ހަ ވަނައިގައި 60 ޕޮއިންޓާ އެކު ރޯމާ އޮތްއިރު ހަތް ވަނަގައި ޔުވެންޓަސް އޮތީ 59 ޕޮއިންޓާ އެކުގަ އެވެ.
މިލާނުން ރޭ ޔުވެންޓަސްގެ މައްޗަށް 1-0 އިން ކުރި ހޯދި މެޗުގައި މިލާންގެ ހަމައެކަނި ގޯލު ޖަހައިދިނީ އޮލިވިއޭ ޖިރޫ އެވެ. ކެޕްޓަން، ޑޭވިޑް ކަލަބްރިއާ ނަގައިދިން ހުރަހަކުން ޖިރޫ މި ގޯލު ޖެހީ ބޮލުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުގައި ޔުވެންޓަސްގެ ކުއާޑްރާޑޯ، ޑިމާރިއާ އަދި ޑެނީލޯ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. ތިން ބޯޅައެއް މިލާންގެ ކީޕަރު މައިކް މައިންގްނޯން ދިފާއުކުރިއިރު ޔުވެންޓަސްގެ ގިނަ ހަމަލާތައް ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.
މިލާން އަތުން ބަލިވުމުން ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ޔުވެންޓަސް ކުރަމުން އައި އުއްމީދުވަނީ ގެއްލިފަ އެވެ. ނަމަވެސް އަންނަ ސީޒަންގެ ޔުއެފާ ޔޫރޮޕާ ލީގު ނޫންނަމަ ޔުއެފާ ކޮންފެރެންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޔުވެންޓަސް އަށް އަދި އެބައޮތެވެ.
އޭސީ މިލާންއާ އެކު އިޓަލީ އިން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާނީ އިޓަލިއަން ލީގުގެ ޗެމްޕިއަން ނަޕޯލީ، ލާޒިއޯ އަދި އިންޓަ މިލާން އެވެ.
އިޓަލިއަން ސެރީއާގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލާޒިއޯ އިން ވަނީ ރެލިގޭޓްވެފައި އޮތް ކްރިމޮނީސް 3-2 އިން ބަލިކޮށްފަ އެވެ. ނަޕޯލީ އާއި ބޮލޯނިއާ ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ހެޔަސް ވެރޯނާ އާއި އެމްޕޯލީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.












