އެމްޑީޕީ ދޫކޮށް އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު މަގާމުތަކުން ވަކިކުރުމަކީ ދިވެހިންނަށް ދިން ގެއްލުމެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްއާ ގުޅުމުން މަގާމުން ވަކިކޮށްފައިވަނީ އެންވަޔަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރާއި ހޯމް މިނިސްޓްރީގެ ޕޮލިސީ ޑައިރެކްޓަރު އައިޝަތު އަލައިކާ އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު ހަމްދާނެވެ. ހަމްދާނާއި އަލައިކާ އަކީ ދެމަފިރިންނެވެ.
އެ ތިން ބޭފުޅުން މަގާމުން ވަކިކުރުން ގޯސްކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިއަދު ސަރުކާރުން ވަކިކުރި އަންސަރު، އަލައިކާ، ހަމްދާން އަކީ ވެސް މި އެމްޑީޕީ ސަރުކާރު ފަސް އަހަރު ދުވަހަށް ގެނައުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރި ޒުވާނުން،" ކަމަށެވެ.
"[އެއީ] އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒުކުރަން އިނގޭނެ ގާބިލު މީހުން. އެ މީހުން ވަކިކުރުމަކީ ދިވެހިންނަށް ދެވޭ ގެއްލުމެއް،" ނަޝީދުގެ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސިޔާސީ މަގާމުތަކުން ވަކިކުރަމުންދަނީ އެމްޑީޕީގެ ސްލޮޓުތަކުގައި އެ މަގާމުތަކަށް އައްޔަނުކުރި ފަރާތްތައް އެ ޕާޓީން ވަކިވުމުން ކަމަށެވެ. އަދި އެ ފަރާތްތައް މަގާމުން ވަކިކުރަމުން ދަނީ އެމްޑީޕީން އެދިގެން ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.















