އަހުމަދުއާބާދު، އިންޑިއާ (މެއި 28) - އިންޑިއަން ޕްރިމިއާ ލީގުގެ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ގުޖަރާތު ޓައިޓަންސް އާއި ޗެންނާއީ ސުޕަ ކިންގްސް މިރޭ ވާދަކުރާނެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓު ލީގުގެ ފައިނަލް މެޗުގެ ކުރިން ހުރިހާ އެންމެންގެ ނަޒަރު ހުއްޓިފައިހުރީ ޗެންނާއީގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ އާއި ގުޖަރާތުގެ ކުޅަދާނަ ބެޓްސްމަން ޝުބްމަން ގިލް އަށެވެ. މި ދެ ކުޅުންތެރިންނަށް މިއީ ހާއްސަ ފައިނަލެކެވެ.
އިންޑިއާގެ އެންމެ ލެޖެންޑަރީ ކެޕްޓަންގެ ގޮތުގައި ފާހަގަވެފައިވާ ދޯނީ އަށް މި މެޗު ހާއްސަވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ރެކޯޑު 10 ވަނަ ފައިނަލުގައި ވާދަކުރާ ޗެންނާއީ އަށް މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ ފަސް ފަހަރު ތަށި ހޯދައިގެން އެންމެ ގިނަ ފަހަރު އައިޕީއެލް ކާމިޔާބުކޮށްފައިވާ މުމްބާއީ އިންޑިއަންސްގެ ރެކޯޑާ ޗެންނާއީ އަށް އަރާ ހަމަކުރެވޭނެ އެވެ.
މިރޭގެ ފައިނަލަކީ އައިޕީއެލްގައި ދޯނީ ކުޅޭނެ 250 ވަނަ މެޗެވެ. ދޯނީ އަކީ އައިޕީއެލްގައި 250 މެޗު ހަމަކުރާ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާގެ ފަހަތުން ލިސްޓުގެ ދެވަނައިގައި އުޅެނީ 243 މެޗު ކުޅެފައިވާ ރޯހިތު ޝަރުމާ އާއި 242 މެޗު ކުޅެފައިވާ ދިނޭޝް ކާތިކް އެވެ.
ދޯނީ، 41، އައިޕީއެލްގެ ހުރިހާ މުބާރާތެއްގައި ކުޅެފައިވީ ނަމަވެސް މިއީ އޭނާގެ ފަހު މުބާރާތަށްވުން ގާތެވެ. ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާކުރީ 2020ގަ އެވެ. ދޯނީގެ ގާތް މީހުން މައުލޫމާތު ދޭ ގޮތުގައި ދޯނީގެ އުއްމީދަކީ މިފަހަރުގެ ތަށި ޗެންނާއީއަށް ހޯދައިދިނުމަށްފަހު ކްރިކެޓުން ރިޓަޔާކުރާށެވެ.
ދޯނީގެ މި ރެކޯޑުތަކަށް ހުރަސް އަޅަން ނިކުންނަ ގުޖުރާތު ޓީމަކީ މިދިޔަ ދެ ސީޒަނަށް ބަލާއިރުވެސް އައިޕީއެލްގެ އެންމެ ވަރުގަދަ ޓީމެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަން ގުޖުރާތަކީ މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ލީގު ބުރުގެ އެއްވަނަ ޓީމެވެ.
މި ފަހަރުގެ އައިޕީއެލްގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު އެންމެ ގިނަ ލަނޑު ހަދާފައިވާ ޝުބްމަން ގިލް ހުރީ ގުޖަރާތުގަ އެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ސެންޗަރީ ހަދާފަ އެވެ. ސެންޗަރީ ނުހެދުނު މެޗަކީ ޕްލޭއޮފްގައި ޗެންނާއީ އަތުން ބަލިވި މެޗެވެ. ފައިނަލުގައި 13 ލަނޑު ހެދިޔަސް އެއް ސީޒަނެއްގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ރެކޯޑު ޝުބްމަން ގިލް އަށް ލިބޭނެ އެވެ.
މި ސީޒަންގައި ޝުބްމަން ގިލް 850 ލަނޑު މިހާތަނަށް ހަދާފައިވާއިރު އެއް ސީޒަނެއްގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ހެދި ޖޮސް ބަޓްލާ ހަދާފައިވަނީ 863 ލަނޑެވެ. އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔަކީ 2016ގައި 973 ލަނޑު ހެދި ވިރާތު ކޯލީ އެވެ.
ގުޖަރާތު ޓީމަކީ މިދިޔަ ސީޒަންގައި އަލަށް އައިޕީއެލްގައި ވާދަކުރި ޓީމެއް ނަމަވެސް އެއީ މިހާރު އެންމެ ވަރުގަދަ އެއް ޓީމްކަން މި ސީޒަންގައި ވެސް އަންނަނީ ސާބިތުކޮށްދެމުންނެވެ. އެ ޓީމްގެ ބެޓިން ވަރުގަދަކޮށް ފެންނައިރު މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަންގައި އެ ޓީމްގެ ބޯލަރުންގެ ފޯމުވެސް ރަނގަޅެވެ. މިގޮތުން މި ސީޒަންގައި އެންމެ ގިނަ ވިކެޓު ނެގި ތިން ބޯލަރުން ވެސް ތިބީ ގުޖުރާތުގަ އެވެ.
ގުޖުރާތުގެ މުހައްމަދު ޝަމީ މިހާތަނަށް 28 ވިކެޓު ނަގާފައިވާއިރު، ސްޕިނަރު ރާޝިދު ހާން ވަނީ 27 ވިކެޓު ނަގާފަ އެވެ. އަދި މޯހިތު ޝަރުމާ ވަނީ 24 ވިކެޓު ނަގާފަ އެވެ.
އައިޕީއެލްގައި މި ސީޒަންގައި ގުޖުރާތު ބަލިވި މެޗުތަކަށް ބަލާއިރު އެޓީމް އެންމެ ފަހުން ބަލިވީ ޕްލޭއޮފްގައި ޗެންނާއީ އަތުންނެވެ. މިއީ އެޓީމް ޗެންނާއީ އަތުން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބަލިވި ތިން މެޗުގައިވެސް ގުޖުރާތު ބަލިވީ ދެވަނައަށް ބެޓު ކުރަން ލިބިގެންނެވެ.
އައިޕީއެލްގެ ތާރީޚީ ފައިނަލް މިރޭ ކުޅޭނީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްކަމަށްވާ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގަ އެވެ. މި ސްޓޭޑިއަމް މަރާމާތު ކުރުމަށް 100 މިލިއަން ޑޮލަރު ހަރަދުކުރިއިރު އަލުން ހުޅުވީ 2021 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އައިޕީއެލް ފައިނަލް މި ސްޓޭޑިއަމްގައި ކުޅުނުއިރު ރެކޯޑު އަދަދެއްކަމަށްވާ 101 ހާސް މީހުން މެޗުބަލަން ވަނެވެ. ޗެންނާއީ އާއި ގުޖުރާތުގެ މިއަހަރުގެ ފައިނަލުގައި ކުރީގެ ރެކޯޑު މުގުރާލާނެކަމަށް ބެލެވެ އެވެ.












