މަހިބަދޫގައި އަޅާފައިވާ ޓާފް ދަނޑު ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ލެޖެންޑަރީ ތަރި، ޕެލޭ އަށް ހާއްސަކުރަން ކުޅުނު މެޗުން މަހިބަދޫ އިން ހޮވާލެވުނު ކުޅުންތެރިންގެ ޓީމު އަތުން 5-0 އިން ރާއްޖޭގެ ގައުމީ ޓީމު މޮޅުވެއްޖެ އެވެ.
ފީފާގެ އިސްނެގުމަކާ އެކު ކޮންމެ ގައުމެއްގައި ޕެލޭ އަށް ހާއްސަ ސްޓޭޑިއަމެއް ގާއިމްކުރުމުގެ މަަސައްކަތް މިދިޔަ އަހަރު ފެށުނުއިރު މިހާތަނަށް އެކި ގައުމުތަކުގައި ވަނީ އެކަން ކުރެވިފަ އެވެ.
އެ ގޮތުން، 2018 ވަނަ އަހަރު އެންމެ ފުރަތަމަ ހުޅުވި މަހިބަދޫ ޓާފް ދަނޑު، ޕެލޭގެ ނަމާ އެކު އިއްޔެ އަލުން ހުޅުވި މެޗު ޝަރަފްވެރިކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ގައުމީ ޓީމުގެ ލަނޑުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް އައިސަމް، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ދެ ވަނަ ހާފުގައި ގޯލުތައް ޖެހި ހައިޝަމް ހަސަން (ބިޑި) އާއި މުހައްމަދު ސަހާއު (ބޭލް) އެވެ.

އިއްޔެގެ މެޗުގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމާއި މަހިބަދޫ ޓީމުގެ ކުޅުންތެރިންނާއި މި ހާއްސަ މެޗުގައި ބައިވެރިވި އެކި ފަރާތްތަކުން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައުމީ ޓީމާ ދެކޮޅަށް އިއްޔެ ނެރުނު މަހިބަދޫ ޓީމުގައި ހިމެނުނު ތަރިންނަށް ބަލާއިރު، ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި މިޑްފީލްޑަރު، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ހިމެނެ އެވެ. އޭގެ އިތުރުން، 2021 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނުނު ޑިފެންޑަރު، ގާސިމް ސަންމާމު (ސައްމޭ) ވެސް އިއްޔެގެ މެޗުގައި މަހިބަދޫ ޓީމަށް ކުޅުނެވެ.
ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ އަށް ކުޅެފައިވާ މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ އިތުރުން މި ވަގުތު ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެމުން އަންނަ މަހިބަދޫ ކުޅުންތެރިން ވެސް އިއްޔެގެ މެޗުގައި އުފަން ރަށުގެ ޓީމު، މަހިބަދޫ ތަމްސީލް ކުރި އެެވެ. އޭގެ ތެރޭގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ފޯވާޑް އަލީ ނަސޫހު ރަޝީދު (ޕިލާ)، ބުރު ސްޕޯޓްސް ކްލަބް، އަލީ އިޝްފާގު ހަސަން މަޖީދު (އިސްޕަ) އާއި މުހައްމަދު ސާމިރު އަދި ވެލެންސިއާ އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު އައިހަމް އަންވަރު ހިމެނެ އެވެ.
ގައުމީ ޓީމުގެ ކެޕްޓަނަކަށް މި ވަގުތު ހުރީ މަހިބަދޫ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނަށް ތައާރަފްވެ، ޒުވާން އުމުރުގައި ގައުމީ ޓީމަށް ކުޅެން ފެށި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ. އަނިޔާއެއްގައި ހުރުމުން ސަމުއްޓެ އިއްޔެގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.

ގައުމީ ޓީމުގެ ކެޕްޓަން ސަމުއްޓެ (ވ) އަށް މެޗު ފެށުމުގެ ކުރިން މަހިބަދޫ ޓީމުގެ ފަރާތުން ހުސެއިން ބޯޅަ ހަވާލުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސަމުއްޓެގެ ކުރިން އެންމެ ފަހުން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލެޖެންޑަރީ ގޯލްކީޕަރު، އިމްރާން މުހައްމަދު (އިންމަ) ވެސް އިއްޔެގެ މެޗުގައި ނުކުޅެ އެވެ. އޭގެ އިތުރުން، މަހިބަދޫ އަށް އުފަން ލެޖެންޑަރީ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) ވެސް މި މެޗުގައި ނުފެނެ އެވެ. އެ ދެ ލެޖެންޑުންގެ ބަދަލުގައި މެޗުން ފެނުނީ މަހިބަދޫގެ ޒުވާން ކުޅުންތެރިންތަކާއި މިދިޔަ އަހަރުތަކުގައި އެކި ލެވަލްގެ މުބާރާތްތަކުގައި މަހިބަދޫ ތަމްސީލްކޮށްފައިވާ ކުޅުންތެރިންނެވެ.
އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި އިއްޔެގެ ހާއްސަ މެޗުގައި ކުޅުނު ގައުމީ ޓީމުގައި ހިމެނެނީ އަންނަ މަހު ކުޅޭ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި ޕްރިލިމިނަރީ ސްކޮޑުގެ ކުޅުންތެރިންނެވެ. އެ ގޮތުން، އިއްޔެގެ މެޗުގައި ގައުމީ ޖޯޒީގައި މުޅިން އަލަށް މެޗެއް ކުޅެލަން ލިބުނު އެއް ކުޅުންތެރިއަކީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު، މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބްގައި ވެސް ތަފާތު ދައްކާ މަހިބަދޫގެ ފުލްބެކް، އިބްރާހިމް އުސާމާ އެވެ.
މަހިބަދޫގެ ދަނޑު ޕެލޭ އަށް ހާއްސަކުރަން ނިންމާފައިވާއިރު، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ، ޕެލޭގެ ޝަރަފުގައި އެންމެ ފުރަތަމަ ފުޓްބޯޅަ ދަނޑެއް ހުޅުވީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ - ބިސާއުގެ ސްޓޭޑިއަމް ކަށެވެ. އޭގެ ފަހުން، ރުވާންޑާ، ކޭޕް ވާޑޭގެ އިތުރުން ކޮލަމްބިއާގެ ސްޓޭޑިއަމަކަށް ވެސް ޕެލޭގެ ނަމުން ނަންދީފައިވެ އެވެ.












