އަހުމަދުއާބާދު، އިންޑިއާ (މެއި 27) - ޕްލޭއޮފްގެ ފަހު މެޗުގައި ޝުބްމަން ގިލްގެ 129 ލަނޑާ އެކު، މުމްބާއީ އިންޑިއަންސްގެ މައްޗަށް 62 ލަނޑުން ކުރިހޯދައި، އައިޕީއެލްގެ ތަށި ދިފާއުކުރަން އެންމެ ފަހުގެ ޗެމްޕިއަން، ގުޖުރާތު ޓައިޓަންސް އިން ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.
މާދަމާރޭ ކުޅޭ ފައިނަލުގައި ގުޖުރާތު ޓައިޓަންސް ނުކުންނާނީ ޕްލޭއޮފް ފުރަތަމަ މެޗުން އެ ޓީމު އަތުން މޮޅުވި، ޗެންނާއީ ސުޕަ ކިންގްސްއާ ދެކޮޅަށެވެ. ޗެންނާއީ އިން ވަނީ ނުވަ ފައިނަލުގައި ކުޅެ، ހަތަރު ފަަހަރު ތަށި ހޯދައިފަ އެވެ. މިއީ ޗެންނާއީ އިން ދުނިޔޭގެ އެންމެ ބޮޑު ފްރެންޗައިސް ކްރިކެޓް ލީގުގެ ފައިނަލުގައި ވާދަކުރާ 10 ވަނަ ފަހަރެވެ.
ކްރިކެޓަށް މަރުދޭ ސިޓީއެއް ކަމަށްވާ އަހުމަދު އާބާދުގެ 132،000 މީހުންގެ ޖާގައިގެ ސަރުދާރު ޕަޓޭލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް 75،000 ސަޕޯޓަރުންނަށް ވުރެ ގިނައިން މެޗު ބަލަން ވަންއިރު، ތަރި އަކީ މި ފަހަރުގެ އަައިޕީއެލްގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ޝުބްމަން ގިލް އެވެ. ރޭގެ މެޗުގައި ޝުބްމަން ގިލް، 129 ލަނޑު އެއްކުރީ 60 ބޯޅައިންނެވެ. އޭނާ ވަނީ 10 ފަހަރު ހަޔަކަށް ޖަހައިފަ އެވެ.
"މިއީ އަހަރެންގެ ހަޔާތުގައި ވެސް ހަނދާނުން ފޮހެނުލެވޭނެ މެޗެއް. މިއީ، އައިޕީއެލް ތާރީހުގައި ވެސް ހާއްސަ އިނިންސް އަކަށްވާނެ،" ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝުބްމަން ބުންޏެވެ.
މި ފަހަރުގެ އައިޕީއެލްގައި އެންމެ ގިނަ ލަނޑު އެއްކުރި ޝުބްމަން ގިލް ވަނީ ޖުމްލަ އެކު، 851 ލަނޑު ހަދައިފަ އެވެ. ރޭގެ މެޗުގެ ކުރިން އެންމެ ގިނަ ލަނޑު އެއްކޮށްގެން އެއް ވަަނައިގައި އޮތީ ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ފަފް ޑެ ޕްލެސިސް އެވެ. އޭނާ ވަނީ 730 ލަނޑު ހަދައިފަ އެވެ. އެކަމަކު، މިހާރު އެ ޗާޓުން އެއް ވަނަ ހޯދާނެ ކުޅުންތެރިއަކީ ޝުބްމަން އެވެ.
ރޯހިތު ޝަރްމާގެ ކެޕްޓަންކަމުގައި ކުޅޭ މުމްބާއީ އިންޑިއަންސް އިން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ. ގުޖުރާތުން 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވިއިރު، 233 ލަނޑު އެއްކުރި އެވެ. ޝުބްމަން ގިލް، 129 ލަނޑު އެއްކުރިއިރު، އޭނާ ނުބައިކޮށްލީ އާކާޝް މާދްވާލް އާއި ޓިމް ޑޭވިޑް ގުޅިގެންނެވެ. ޝުބްމަންގެ އިތުރުން ގުޖުރާތަށް ދެން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ސައި ސުދަރްސަން އެވެ. އޭނާ ވަނީ 43 ލަނޑު ހަދައިފަ އެވެެ.
ޖަވާބުގައި ކުޅެން އަރައި، މުމްބާއީ އިންޑިއަންސް އަށް 18.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 61 ލަނޑު އެއްކުރި ސޫރްޔާކުމާރް ޔާދަވް އެވެ. މި އިނިންސްގައި އެންމެ ބޮޑު ތަފާތެއް ދެއްކީ ފީލްޑަރަކީ، ފަސް ވިކެޓް ނެގި، ގުޖުރާތުގެ ބޯލަރު، މޯހިރު ޝަރްމާ އެވެ.
މުޅިން އަލަށް އައިޕީއެލްގައި ވާދަކޮށް، މިދިޔަ އަހަރު ގުޖުރާތު ޓައިޓަންސް އިން މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި ހަތް ވިކެޓުން ރާޖަސްތާން ރޯޔަލްސް ބަލިކޮށްފަ އެވެ.
ގުޖުރާތުގެ ކެޕްޓަން، އިންޑިއާ ގައުމީ ޓީމުގެ ތަރި ހާޑިކް ޕާންޑްޔާ ބުނީ ޖެހިޖެހިގެން ދެ ފައިނަލުގައި ކުޅުމަކީ، ގުޖުރާތަކީ އައިޕީއެލް އަށް ތަފާތު ދައްކައިދޭ ޓީމެއްކަން އަންގައިދޭ ރަމްޒެއް ކަމަށެވެ.












