މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ ސިއްހީ ހާލަތުގެ ސަބަބުން ކުރިއަށް ހުރި ހުރިހާ ޝޯއެއް ކެންސަލްކޮށްފި އެވެ.
ސެލީން ޑިއޯން ތަހައްމަލު ކުރަމުން ދަނީ ނާދިރު ނާރުތަކުގެ ބައްޔެއް ކަމުގައިވާ ސްޓިފް ޕާސަން ސިންޑްރޯމް (އެސްޕީއެސް) އެވެ. އެ ބަލި އޭނާ އަށް ޖެހިފައިވާ ކަމާއި އެ ބަލީގ ސަބަބުން ލަވަ ކިޔުމުގެ ހުނަރަށް އަސަރު ކުރަމުންދާ ކަމަށް މިދިޔަ އަހަރު ހާމަކުރި އެވެ. އެހެންވެ، މިދިޔަ އަހަރުގެ ޝޯތައް ވެސް ކެންސަލްކުރި އެވެ.
ޓައިޓޭނިކް ފިލުމުގެ "މައި ހާޓް ވިލް ގޯ އޮން" ލަވައިގެ އިތުރުން ގިނަ ބައެއްގެ ހިތްތައް ދަމައިގެންފައިވާ ރީތި އެތައް ލަވައެއް ކިޔައިފައިވާ އުމުރުން 55 އަހަރުގެ ކެނެޑާގެ މި ފަންނާނުގެ ސިއްހީ ހާލަތުގެ ސަބަބުން މި އަހަރާއި އަންނަ އަހަރަށް ޝެޑިއުލްކޮށްފައިވާ ހުރިހާ ޝޯއެއް ކެންސަލް ކުރިކަން އިއުލާނު ކުރީ މައާފާ އެކު އެވެ.
ބަލިން އަރައިގަތުމަށް ހިތްވަރު ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެސްޕީއެސް އަކީ ކޮބާ؟
އެއީ ނާދިރު ބައްޔަކަށް ވުމާއެކު ބަލީގެ ހަގީގަތް ފުރިހަމައަށް އަދި ހޯދިފައެއް ނުވެ އެވެ.
އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ނިއުރޮލޮޖިކަލް ޑިސްއޯޑާސްއިން ބުނާ ގޮތުގައި އެ ބަލީގައި ހަށިގަނޑާއި އަތްފައިގައި މަސްގުޅަކައި، މަސްތަކަށް ދަތުވެ އެވެ. އެ އުނދަގޫ މެދުވެރިކުރުވާ ކަންކަމުގެ ތެރޭގައި ބާރު އަޑުތަކާއި، ނަފްސާނީ މައްސަލަތައް ހިމެނެ އެވެ. މި ބަލީގައި އުޅޭ މީހުން ބޭރަށް ނުކުންނަން ބިރު ގަނެ އެވެ. ސަބަބަކީ މަގުމަތީގެ އަޑުތަކާއި އެހެން އަޑުތަކުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާއެކު ވެއްޓިދާނެތީ އެވެ. ކުއްލިއަކަށް އެގޮތަށް ވެއްޓުމުން ލިބޭ ގެއްލުންތައް ސީރިއަސް ހާލަތަށް ދެ އެވެ.









