މުސްލިމުންގެ ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނުގެ ވެރިކަމުގެ މުއްދަތު ކުރެވެ. ދެއަހަރާއި ތިން މަސްދުވަހުގެ ކުރު ދައުރެކެވެ. އެކަމަކު ދެވަނަ ހަލީފާ އުމަރުގެފާނުގެ ހިލާފަތަކީ އެހާ ކުރު މުއްދަތެއްގެ ވެރިކަމެއް ނޫނެވެ. އުމަރުގެފާނު ހަލީފާއެއްގެ ގޮތުގައި، ދިހައަހަރާއި ހަމަސްދުވަހު އިސްލާމީ އުންމަތަށް ހިދުމަތްކޮށްދެއްވި އެވެ. އެދިގު މުއްދަތު ވެގެންދިޔައީ އިސްލާމީ ފަތަހަތަކުގެ ވެސް ރަންޒަމާނަށެވެ. މުސްލިމުން ފަތަހަކުރި ބިންތައް ނުހަނު ގިނަވެފައި މުސްލިމުންގެ ސަރަހައްދު ވަރަށް ބޮޑަށް ދުނިޔޭގައި ފުޅާވި ދައުރަކަށް އުމަރުގެފާނުގެ ވެރިކަމުގެ ދައުރު ފާހަގަކުރެވޭނެއެވެ.
އެހެންކަމާއެކު އެކަލޭގެފާނުގެ ގިނަ ގުނަ ހިދުމަތްތައް ފޮޅުވަތްތަކަކުން ބަޔާންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ދިމިޝްޤާއި އުރުދުނާއި އިރާގުގެ ބޮޑުބައި އަދި މިސްރުވެސް މުސްލިމުން ފަތަހަކުރީ އުމަރުގެފާނުގެ ހިލާފަތުގަ އެވެ. އިސްލާމީ އުންމަތަށް ނިސްބަތްވާ ބިމުގެ ސަރަހައްދު ނުހަނު ބޮޑުވެގެންދިޔަ ފަދައިން އަލަށް އިސްލާމްވާ މީހުންގެ އަދަދު ވެސް ބޮޑު ތަނުން އިތުރުވެގެންދިޔައެވެ. އެހެންކަމާއެކު ތައުލީމީ ނިޒާމަށާއި، ދައުލަތުގެ މާލިއްޔަތުގެ ނިޒާމަށާއި ދައުލަތް ހިންގެވުމަށް ނިޒާމު އެކަށައެޅުއްވުމުގައި ވެރިޔަކު ހިޔާލު ހިންގަވަން ޖެހޭނެ ބޮޑުކަމާއި ޒިންމާދާރުކަން އޮތީ ހިތަށް އަރުވާލުމެވެ. އުމަރުގެފާނުގެ ފިޔަވަޅުތަކުން އެކަމުގައި ފެންނަ އުފެއްދުންތެރިކަމާއި ހިޔާލުގެ ކެރިފޯރުންތެރިކަމާއި ވިސްނުމުގެ ފުދުންތެރިކަމަކީ ހައިރާންވާންޖެހޭހާ އާދަޔާ ހިލާފު ނިންމެވުންތަކެކެވެ.
ބައިތުލްމާލުގެ ހިސާބުތަކާއި ހަރަދުތައް ލިޔެކިޔުމުން ބަލަހައްޓަން ފެއްޓެވީ އުމަރުގެފާނުގެ ހިލާފަތުގައެވެ. އެކަމަށް ހާއްސަ މުވައްޒަފުން ނެންގެވިއެވެ. އިސްލާމީ އުންމަތުގެ ބިންތައް ފުޅާވެގެން ދިއުމާއެކު ވަކި ހާއްސަ ހިސާބުތަކަކަށް ސަމާލުކަން ދެއްވައި އެތަންތަން މަރުކަޒުތަކެއްގެ ގޮތުގައި ކުރިއެރުއްވިއެވެ. އިސްލާމީ ހަޟާރަތުގެ މަނާރުތަކުގެ ގޮތުގައި އެތަންތަން ހައްދަވައި އިސްލާމީ ވެށީގެ ނަމޫނާ އެކި ސަރަހައްދުތަކުން ދެއްކެވުމަށެވެ.
އިސްލާމީ އުންމަތުގެ އެކި ސަރަހައްދުތަކުގައި ތިއްބެވި އަމީރުންނަށް މިސްކިތްތައް ބިނާކުރުމަށް އުމަރުގެފާނު އަމުރުކުރެއްވި އެވެ. އެކަލޭގެފާނުގެ ހިލާފަތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަތަރުހާސް މިސްކިތް ގާއިމުކުރެވިފައިވެ އެވެ. ހަރަންފުޅު ބޮޑުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ އެމަޝްރޫއުގެ ބަޔެކެވެ. އިސްލާމީ އުންމަތުގެ އެކި ބިންތަކަށް ފަސޭހައިން ދަތުރުކުރުމަށް މުވާސަލާތުގެ ވަސީލަތްތަކަށް ބައިތުލްމާލުން ހަރަދުކުރައްވާ ގޮތަށް ހަމަޖެއްސެވީ އުމަރުގެފާނެވެ. އަދި ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް ބައިތުލްމާލުން ކާބޯތަކެތީގެ މިންވަރެއް ކަނޑައެޅުއްވި އެވެ. ދަތުރުވެރިންނަށް ބޯފެނާއި ކާތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު މައްކާމަދީނާ ސަރަހައްދުގައި ހަމަޖެއްސެވި އެވެ. މިސްރާއި ހިޖާޒުކަރަޔާއި ދެމެދު ވިޔަފާރީގެ ގުޅުން ކަނޑުމަގުން ގާއިމުކުރެއްވިއެވެ. މިފަދަ އުމްރާނީ ތަރައްގީގެ ވެސް އެތައް ކަމަކެވެ.
މިލިޔުމުގައި އަޅުގަނޑު ހުށަހަޅާލަން ގަސްދުކުރަނީ އުމަރުގެފާނުގެ ހިލާފަތުން ތަހުޒީބުވެފައިވާ ދައުލަތެއްގެ ސިފަ ދައްކުވައިދޭ އެންމެ ހާދިސާއެކެވެ. މުސްލިމުންގެ ރަންޒަމާނުގައި މުސްލިމުން ކޮށްފައިވާ އިސްލާމީ ވެރިކަމަކީ، ދުނިޔެއަށް އޭގައި ނަމޫނާހުރި، ރަށްވެހިކަމާއި ތަހުޒީބުގެ ނާރެސްކަން ހަމައެކަނި މި ވާހަކައިން ވެސް ތަސައްވުރުކުރެވޭނެ އެވެ.
އުމަރުގެފާނުގެ ހިލާފަތުން ދުވަހެކެވެ. މާތްވެގެންވާ ގެފުޅުގެ ގޯތިތެރެ އިތުރަށް ބޮޑުކުރުމަށް ނިންމަވައި، އެސަރަހައްދުގައި ހުރި އައްބާސް ބިން އަބްދުލްމުއްތަލިބްގެ ގެކޮޅު ނަންގަވައި، އޭގެ ބަދަލުގައި އެހެން ސަރަހައްދަކުން އެކަލޭގެފާނަށް ގެޔެއް ދެއްވުމަށް އުމަރުގެފާނު ކަނޑައެޅުއްވި އެވެ.
ނިކަން ވިސްނަވާށެވެ! މިއީ ހާދަހާވާ ބޮޑު ނިންމެވުމެކެވެ. އައްބާސް ބިން އަބްދުލްމުއްތަލިބަކީ، މާތް ނަބިއްޔާގެ ބޮޑުބޭބޭފުޅެކެވެ. ތަޅުއްވާލައްވަން އެއުޅުއްވަނީ މާތް ނަބިއްޔާގެ ބޮޑުބޭބޭފުޅުގެ ގެކޮޅެވެ. ސިޔާސީ ގޮތުން ވެސް ވާހަކަ ދައްކަން ޔޯލަ މީހުންނަށް ހުޅުވިގެންދާނީ ހާދަހާވާ ބޮޑު ފުރުސަތެއްތާ އެވެ. މިކަން އެއްކިބާގައި ބާއްވާފައި، އިސްލާމީ އުންމަތް ފުޅާވެ، މުސްލިމުން ގިނަވުމުން ހައްޖާއި އުމްރާގެ އިންތިޒާމުތަކާމެދު އުމަރުގެފާނުގެ ތަނަވަސް ވިސްނުމާއި ލީޑަރެއްގެ ހަރުދަނާކަން ވެސް ހަމަ މިކަމުން ދައްކުވައިދޭމެ އެވެ.
ކޮންމެއަކަސް އުމަރުގެފާނު އެގޮތަށް އެކަން ނިންމެވުމުން އައްބާސްގެފާނު ވިދާޅުވިއެވެ. ތިކަން ތިޔަހެން ކޮށްގެން ނުވާނެއެވެ. ތިމަންނާގެ ގެ ތަޅާލައިގެން ނުވާނެއެވެ. އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. ތިޔަހެން ނުހައްދަވާށެވެ! މިކަން މިކުރަނީ ﷲ ގެ ގެކޮޅަށްޓަކައެވެ. އެންމެހާ މުސްލިމުންގެ މަންފާއަށްޓަކައެވެ. އައްބާސްގެފާނު ދެކޮޅު އެހައްދަވަނީ ދުނިޔޭގެ އެތައް ބިމެއްގައިވާ އެތައް ލައްކަ މުސްލިމުންނެއްގެ ވެރިމީހާގެ ނިންމެވުމަށެވެ. ދިމާކުރިމަތީގައެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ތިމާގެ ޙައްޤަށް ވަކާލާތުކުރުމުގެ ފުރިހަމަ މިނިވަންކަން ނޫންތޯއެވެ! އޭރު އެޒަމާނުގައި ދުނިޔޭގައި ނަން މަޝްހޫރު އެއްވެސް ވެރިކަމެއްގެ ވެރިޔަކުގެ ނިންމެވުމަށް އެގޮތަށް ދެކޮޅު ހައްދަވަން ކެރޭނެ މީހަކު އެފަދަ ވެރިކަމެއްގެ ދަށުގައި އުޅުނުބާވަ އެވެ! އައްބާސްގެފާނުގެ ގެކޮޅު ނެންގެވުމަށް އެކަލޭގެފާނު ރުހުން ނުދެއްވުމުން، އުމަރުގެފާނު ވިދާޅުވީ އެހެން ވީއިރު ފަނޑިޔާރެއްގެ އަރިހަށް ދަމާހިންގަވާށޭއެވެ. އަދި ދާންވީ ފަނޑިޔާރަކު އިޚްތިޔާރުކުރެއްވުންވެސް އައްބާސްގެފާނަށް ދޫކޮށްލެއްވި އެވެ. ހިތްތިރިކަމާއި ތަވާޟުޢުވެރިވުމުގެ ގޮތުންވެސްމެ އެވެ. އައްބާސްގެފާނު އިހުތިޔާރު ކުރެއްވީ މުސްލިމުންގެ ތާރީހުގައި އަދުލުވެރިކަމުގައި ނަން މަޝްހޫރު ބޭކަލެއްކަމަށްވާ ގާޒީ ޝުރައިޙް އެވެ.
ގާޒީ ޝުރައިޙް ހާޒިރު ކޮށްދެއްވުމަށް އައްބާސްގެފާނު އުމަރުގެފާނުގެ އަރިހުން އެދިވަޑައިގަތެވެ. އެހިނދު އުމަރުގެފާނު ވިދާޅުވީ ގާޒީ އަކީ މީސްމީހުންގެ ގާތަށް ދާ މީހެއް ނޫނެވެ. ގާޒީގެ އަރިހަށް ދާންވާނީ އަހަރެމެންނެވެ. މިހެން ވިދާޅުވެ ދެބޭކަލުން އެކުގައި ހިންގަވާފައި ގޮސް ގާޒީ ޝުރައިޙްގެ ޝަރީއަތްކުރާ ގެކޮޅަށް، ގާޒީގެ މަޖިލީހަށް ވަޑައިގަތެވެ. ދެބޭކަލުން ހާޒިރުވުމުން އުމަރުގެފާނަށް އިހްތިރާމްއަދާކުރުމާއެކު ގާޒީ ޝުރައިޙް ވާހަކަފުޅު ފެއްޓެވީ، އޭ މުއުމިންތަކުގެ އަމީރު އުމަރުގެފާނޭ މުހާތަބުކުރައްވަމުންނެވެ. އެހިނދު އުމަރުގެފާނު ވަގުތުން ޖަވާބުދެއްވި އެވެ. އަހަރެމެން މިތިބީ ޝަރީއަތްކުރާ މަޖިލީހުގައެވެ. ތިޔަހެން ވިދާޅުނުވާށެވެ. އުމަރުގެ ނަމުން މުހާތަބުކުރައްވާށެވެ.
ފަނޑިޔާރު ގޭގެ މުސްތަގިއްލުކަމާއި ހައިބަތު ނެގެހެއްޓުން އަދުލު އިންސާފުގެ ނިޒާމަށްޓަކައި މުހިންމުވާ މިންވަރާއި އެކަން ކުރަންވީގޮތް އަމަލީ ގޮތުން އުމަރުގެފާނު އެދެއްކެވި މިންވަރަށް ދުނިޔެއަށް ދެއްކެވި އެޒަމާނުގެ އެއްވެސް ރަސްކަލެއް އުޅުއްވިނަމަ އެރަސްކަލެއްގެ ނަން ވިދާޅުވެބައްލަވާށެވެ!
ދެފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ގާޒީ ޝުރައިހް ވިދާޅުވިއެވެ. އޭ އުމަރެވެ! ހަރާން ކަންކަމާއި ތަކެއްޗާ އެންމެ ދުރުވެގެންވަނީ މާތް ﷲ ހުރުމަތްތެރިކުރެއްވި އެކަލާނގެ ގެކޮޅެވެ. އެގެކޮޅު ބޮޑުކުރުމަށް އައްބާސްގެ ގެކޮޅު ތަޅާލައިފައި އޭގެ ބަދަލުގައި އެހެން ތަނަކުން އެކަލޭގެފާނަށް ގެއެއް ދިނުމުގެ އެއްވެސް ހައްގެއް އެކަލޭގެފާނުގެ ރުހުމާ ނުލައި ކަލޭގެފާނަށް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ.
ދެން އުމަރުގެފާނު ވިދާޅުވިއެވެ. އޭ ޝުރައިޙެވެ. ކަލޭގެފާނަކީ ހެޔޮލަފާ އަދުލުވެރި ގާޒީއަކީމު އެވެ. އެހިނދު އައްބާސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހަރެންގެ ގެޔަށް އޮތް ހައްގު އަހަރެން ދޫކޮށްލައިފީމެވެ. ﷲ ގެކޮޅު ބޮޑުކުރުމަށާއި، އެންމެހާ މުސްލިމްތަކުންގެ މަސްލަހަތު އެގޮތުގައި ހުރިކަމަށް ދެކެގެން އަހަރެންގެ ހައްގު ދޫކޮށްލީ އެވެ.
ދައުލަތުގެ ވެރިޔާގެ ގޮތުގައި އުމަރުގެފާނު ނަމޫނާ ދެއްކެވިއެވެ. ޤަޟާއީ ބާރުގެ ނިޝާނެއްގެ ގޮތުގައި ގާޒީ ޝުރައިޙް އަދުލު އިންސާފު ގާއިމުކުރެއްވިއެވެ. ރައްޔިތެއްގެ ގޮތުގައި އައްބާސްގެފާނު ނިޒާމުގެ ތެރެއިން އިންސާފު ހޯއްދެވުމަށްފަހު، ﷲ ގެ ރުއްސެވުމާއި މުސްލިމުންގެ މަސްލަހަތު އިސްކުރައްވައި އަމިއްލަ މަންފާ ދޫކޮށްލެއްވިއެވެ. އިސްލާމީ ދައުލަތުގެ ރަށްވެހިކަމާއި ތަހުޒީބުގެ ޒަމާނުގައި ވެރިންނާއި ގާޒީންނާއި ރައްޔިތުންގެ ވެސް ހުރި ހެޔޮކަމާއި ލަފާދާރުކަމާއެވެ!







