ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި ހަސްމަކަށް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަން ދެން އަލީ އާދަމް ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް އަލީ އާދަމްއާ ގުޅުންހުރި ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ވެސް ހިމެނެ އެވެ.
ކައިވެނި ރުޖޫއަކޮށްދިނުމާއި ޖަމިއްޔާ އުފެއްދި މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް، 18ގައި އަލީ އާދަމް ދެ ހަފުތާއަށް ސަސްޕެންޑު ވެސް ކުރި އެވެ.

މީގެ ކުރިން ވެސް ޖޭއެސްސީން ވަނީ ފަނޑިޔާރުންނާއި ގުޅުންހުރި ގިނަ މައްސަަލަތަކެއް ބަލައިފަ އެވެ. މިފަދަ މައްސަލަތައް ބަލަނީ ސުލޫކީ މައްސަލައިގެ ގޮތުގަ އެވެ. ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅަ އެވެ.
ޖޭއެސްސީން މީގެ ކުރިން ބަލާފައިވާ ކަންކަމުގެ ތެރޭގައި ކޮރަޕްޝަނާާއި، ޖިންސީ ގޯނާ، ފުރައްސާރަ އަދި މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުން ފަދަ މައްސަލަތައް ހިމެނެ އެވެ.













