ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އެޖެންޑާކޮށްފި އެވެ.
މި ތިން މައްސަލައިގެ ތެރެއިން އަންނަ ބުދަ ދުވަހަށް ރިފްއަތުގެ މައްސަލަ ތާވަލްކޮށްފައި ވާއިރު، ޝާހިދުގެ މައްސަލަ ތާވަލްކުރީ ޖޫން ހަ ވަނަ ދުވަހުގެ ޖަލްސާ އަށެވެ. އަދި އީވާގެ މައްސަލަ ތާވަލްކުރީ ޖޫން 11 ވަނަ ދުވަހަށެވެ.
އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސްް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ މެންބަރުން އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގަތް 12 މެންބަރުންގެ ތެރޭގައި އީވާ ހިމެނެ އެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރުންނާއި މިނިވަން މެމްބަރަކާއެކު ޖުމުލަ 50 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައި ވާއިރު، އެއީ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ ވޯޓަށް ވުރެ ވެސް އިތުރު އަދަދެކެވެ.
ނަމަވެސް އީވާ ހިޔާރުކޮށްފައިވަނީ އަމިއްލައަށް އިސްތިއުފާ ނުދެއްވުމަށެވެ.


ޗާގޯސްގެ މައްސަލައިގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިފްއަތު އާއި ޝާހިދު.
ޝާހިދު އާއި ރިފްއަތުގެ މައްސަލަ މަޖިލީހަށްް ހުށަހެޅީ ރާއްޖެއާ ޗާގޯސްގެ ކަނޑުގެ މައްސަލައާ ގުޅިގެންް އިދިކޮޅުންނެވެ. އެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ކޮންމެ މައްސަލައެއްގައި ވެސް ނަޝީދަށް ތާއިދު ކުރައްވާ މެމްބަރަކު ހިމެނެ އެވެ. އެގޮތުން ރިފްއަތުގެ މައްސަލައިގައި ސޮއި ކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ނަމަވެސް ޝާހިދުގެ މައްސަލައިގައި ސޮއިކުރީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ.
ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަޒީރާތަކާ ދެމެދު ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި އެކަމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތައް ގުޅިގެން ސަރުކާރާ ދެކޮޅަށް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ ޗާގޯސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ލިބުނީ ކާމިޔާބެއް ކަމަށެވެ. ސަބަބަކީ މޮރިޝަސްއިން އިން ވަކިކުރަން ހުށަހެޅި ޕޮއިންޓުތަކުގެ ބަދަލުގައި އިން ވަކިކުރީ ރާއްޖެއިން ހުށަހެޅި މިނަށް، ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ކަމަށް ވާތީ އެވެ.













