މި މަހުގެ 30 އިން އަންނަ މަހުގެ ހަތަކަށް އެލް ސަލްވަޑޯގައި އޮންނަ ވޯލްޑް ސާފިން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ އެތުލީޓުން މުބާރާތަށް ފުރައިފި އެވެ.
ދުނިޔޭގެ 64 ގައުމަކުން 294 ސާފަރުން ވާދަކުރާ ވޯލްޑް ސާފް ގޭމްސްގައި ރާއްޖެ ތަމްސީލްކުރާ އެތުލީޓުންނަކީ އަހުމަދު އާގިލް (އަންމަޑޭ)، ހޫދު އަހުމަދު އަދި އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.
މި ޓީމާއިއެކު ގައުމީ ޓީމްގެ ކޯޗު ސައުތު އެފްރިކާގެ ކްލައުޑް މާޓިން އާއި މެނޭޖަރުގެ ގޮތުގައި ސާފިން އެސޯސިއޭޝަންގެ ނައިބު ރައީސް ޝާހިދު އަމީންވެސް ބައިވެރިިވެ އެވެ.
ވޯލްޑް ސާފިން ލީގަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސާފަރުން ވާދަކުރާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގެ ގަދަ ހަތަރު އެތުލީޓުން އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވާނެ އެވެ.
މި މުބާރާތުގައި ވާދަކުރާ ސާފަރުންގެ ތެރޭގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޗެމްޕިއަނުންނާއި 2020 ގެ ޓޯކިޔޯ އޮލިމްޕިކްސްގައި މެޑަލް ހޯދި އެތުލީޓުންވެސް ހިމެނެ އެވެ.
ގައުމީ ޓީމްގައި ހިމެނޭ ހަ އެތުލީޓުންގެ ތެރެއިން ތިން އެތުލީޓުން ހޮވާފައިވަނީ މިއަހަރުގެ ކުރީކޮޅު އޮތް ކަޅެގަލެކޮޑާ މުބާރާތަށްފަހު ގައުމީ ކޯޗާއިއެކު ކުރިއަށްގެންދިޔަ ތަމްރީންތަކަށްފަހުގަ އެވެ.
ސާފިން ގޭމްސްގައި މީގެ ކުރިން 2019 ވަނަ އަހަރު ރާއްޖޭގެ ސާފަރުން ވާދަކުރި އެވެ. ޖަޕާންގައި އޮތް މުބާރާތުގައި ވާދަކުރީ ސްމައިލީ، އައްމަޑޭ އަދި ތަޖުރިބާކާރު ސާފަރު ހުސައިން އަރީފް (އިބޫ) އެވެ. އެފަހަރު މުބާރާތުގެ ގަދަ 30 ސާފަރުންގެ ތެރޭގައި ރާއްޖޭގެ ސާފަރުން ހިމެނުނެވެ.
ގައުމީ ސާފިން ޓީމަށް މި އަހަރަކީ މުހިންމު އަހަރެކެވެ. ސަބަބަކީ މި އަހަރަކީ ގައުމީ ސާފިން ޓީމުގެ ތާރީޚުގައި އެޓީމުން އެންމެ ގިނަ މުބާރާތުގައި ވާދަކުރާ އަހަރަށްވުމެވެ. ވޯލްޑް ސާފިން ގޭމްސް އަށް ފަހު އަންނަ ޖުލައި މަހު ރާއްޖޭގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ވާދަކުރާނެ އެވެ. ކ.ތުލުސްދޫގައި އޮންނަ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭނެ އެންމެ ބޮޑު ސާފިން ހަރަކާތެވެ.
އޭޝިއަން ޗެމްޕިއަންޝިޕަށް ފަހު ސާފިން ޓީމުން ތައްޔާރުވާނީ އޮގަސްޓް މަހުގެ ފަހުކޮޅު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ.












