ރިޕޯޓުއެމްޑީޕީ ބައިބައިކޮށް ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ސަބަބާއި ނަތީޖާ

އެމްޑީޕީ ބައިބައިކޮށް ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ސަބަބާއި ނަތީޖާ

"ސަބަބުތަކަކާ ހުރެ ދިޔުން މައްސަލައެއް ނޫން. އެކަމަކު، އަހަރުމެން އެންމެނަށް ވެސް އެނގޭ، އަލްޓިމޭޓްލީ ރައީސް ނަޝީދު މި ބޭނުންވަނީ އަނބުރާ ބާރު ހޯއްދަވަން." ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހައްދަވައި ރާއްޖޭގެ ސިޔާސީ މަސްހަރު ދިރާސާކުރައްވާ ދިވެހި ޕޮލިޓިކަލް ސައިންޓިސްޓް

އެމްޑީޕީގެ ތެރެއިން ޑިމޮކްރެޓްސް އުފެދޭ މަންޒަރު ދައްކުވައިދޭ ކުރެހުމެއް: ތަޖުރިބާކާރުން ބުނަނީ ޕީޕީއެމް މަޑުން އޮތުމަކީ ފިކުރެއްޖެ ދިރުން ޕާޓީއަކަށް ބަދަލުވާންޖެހުނު ސަބަބެއް ކަމަށް -- ކުރެހުން: ރައްޔާން މުހައްމަދު/އަދަދު
އެމްޑީޕީގެ ތެރެއިން ޑިމޮކްރެޓްސް އުފެދޭ މަންޒަރު ދައްކުވައިދޭ ކުރެހުމެއް: ތަޖުރިބާކާރުން ބުނަނީ ޕީޕީއެމް މަޑުން އޮތުމަކީ ފިކުރެއްޖެ ދިރުން ޕާޓީއަކަށް ބަދަލުވާންޖެހުނު ސަބަބެއް ކަމަށް -- ކުރެހުން: ރައްޔާން މުހައްމަދު/އަދަދު

ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ދެބައިވެއްޖެ އެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވެރިކަމަށް އައި ދެ ވަނަ ފަހަރު، ރިޔާސީ ދައުރު ނިމެން އުޅެނިކޮށް ޕާޓީގެ ރައީސް، ޕާޓީގައި ހުންނަވާ މުޅިން އާ ޕާޓީއެއް ހައްދަވަނީ އެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ރާއްޖެ ޑިމޮކްރަސީއަށް ކުރަމުންދާ މި ދަތުރުގައި މުހިންމު ފިޔަވަޅުތަކެއް އެޅި އެމްޑީޕީ ކުޑަވުމަކީ އެއް ބައެއްގެ ނަޒަރުން ދިވެހިންނަށް ލިބުނު ނިކަމެތިކަމެކެވެ. އެކަމަކު، ރާއްޖޭގެ ސިޔާސީ މައިދާން ތަރުތީބުވެފައި އޮތް ގޮތުން އެމްޑީޕީން ތެރެއިން ބަޔަކު ނުކުތުމަކީ ތަޖުރިބާކާރުން ސިހުނު ކަމެއް ނޫނެވެ.

"ހަމަ، ނުވެ ނުދާނެ ކަމެއް މި މެދުވެރިވީ" ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދ. އިން އިރާނަށް ކުރިން ކަނޑައަޅާފައި ހުންނެވި އިންސާނީ ހައްގުތަކާ ބެހޭ އެމްބެސަޑަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ސިޔާސީ މައިދާނަށް މި އައި ބޮޑު ބަދަލުގެ ނަތީޖާއަކަށްވާނީ ކޮންކަމެއްތޯ އެވެ؟ ދަ ޑިމޮކްރެޓުން އުފެދެން ޖެހުނު ސަބަބަކީ ކޮބައިތޯ އެވެ؟ އަދި މިއީ ޑިމޮކްރަސީއަށާއި ރާއްޖޭގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތް ބާވަ އެވެ. ތަޖުރިބާކާރުން ބުނަނީ މިފަދަ ބަދަލުތައް އެހެން ގައުމުތަކުގައި އެތަކެއް ފަހަރު ތަޖުރިބާކޮށްފައިވާ ކަމަށެވެ. މިއީ ދެރަ ބަދަލެއް ނޫނަސް ކުރިމަގަށް ބަލާއިރު މުހިންމު ބަދަލެކެވެ.

ޑިމޮކްރެޓުން އުފައްދަން ޖެހުނު ހަގީގީ ސަބަބަކީ ކޮބާ؟

އެމްޑީޕީގެ ރައީސްއަކީ ނަޝީދު ނަމަވެސް އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެމްޑީޕީއަކީ ވެރިކަން ހިންގާ ޕާޓީ ނަމަ ޕާޓީގެ އެންމެ އިސް ލީޑަރަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މިއަދު އޮތީ އެ ހާލަތެވެ. ޕާޓީގެ ރައީސަކީ ނަޝީދު ނަމަވެސް ޕާޓީގެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެހެންވެ، މި ދައުރު ފެށީ ވެސް އެމްޑީޕީގައި ދެ ލީޑަރުން ތިއްބަވައިގެނެވެ.

އެމްޑީޕީގެ ދެ ލީޑަރުންގެ މެދުގައި މައްސަލަ ޖެހެމުން ގޮސް ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހިސާބުން "ފިކުރެއްގެ ދިރުން" ފެކްޝަން އުފަންވި އެވެ. ނަޝީދަށް ތާއީދު ކުރާ އާންމު މެމްބަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން އެ ފިކުރާ ގުޅެމުންދިޔަ އެވެ.

"ފިކުރެއްގެ ދިރުން އުފެއްދުމަކީ ވެސް ސިޔާސީ ގޮތުން ބަލާ ނަމަ ރަނގަޅު ނިންމުމެއް. ފިކުރެއްގެ ދިރުން ފެކްޝަން، ފެކްޝަނެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތް ކުރިތަން އަހަރުމެންނަށް ފެނުނު،" ރާއްޖޭގެ ސިޔާސީ މައިދާން ދިރާސާ ކުރާ ދިވެހި ޕޮލިޓިކަލް ސައިންޓިސްޓެއް މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

ޕާޓީގެ ތެރެއިން ތަފާތު ފެކްޝަން އުފައްދައިގެން މަސައްކަތް ކުރާ މަންޒަރު އެހެން ގައުމުތަކުން ވެސް ފެނެ އެވެ. އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރަމީ ކޯބީންއަކީ އެ ޕާޓީގައި ހުންނެވި ނަމަވެސް ވަކި ފެކްޝަނެކެވެ. ޕާޓީގެ އެހެން ލީޑަރުންގެ ވިސްނުމާއި ކޯބީންގެ ފިކުރު ދާދި އެއްގޮތް ނަމަވެސް މުޅިން ދިމަލެއް ނުވެ އެވެ. އެމެރިކާގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ އެޖެންޑާ ސެޓު ކުރާ ލީޑަރުންގެ ވިސްނުމާ، އެ ޕާޓީގެ ފަރާތުން ވެރިކަމަށް އަންނަން ކުރިން މަސައްކަތް ކުރި ބާނީ ސޭންޑާސްގެ ވިސްނުން ވަރަށް ތަފާތެވެ.

އެކަމަކު އިނގިރޭސިވިލާތާއި އެމެރިކާގައި ވަމުންދާ ގޮތާ، ރާއްޖޭގައި ކަން ހިނގާ ގޮތާ ތަފާތެވެ. ނަޝީދުގެ ފެކްޝަން ހަތަރު މަސް ވަންދެން ޕާޓީގެ އެތެރޭގައި އެކި ގޮތްގޮތުން މަސައްކަތް ކުރުމަށްފަހު މިހާރު މަސައްކަތް ކުރަނީ މުޅިން އާ ޕާޓީއެއް އުފެއްދުމަށެވެ. އެ ފެކްޝަނުން ބުނަނީ ޕާޓީ ފަސާދަވެފައިވާ މިންވަރުން އެތެރޭގައި ތިބެގެން ކަންކަން އިސްލާހު ކުރެވެން ނެތް ކަމަށެވެ. ޕާޓީގެ ގުނަވަންތަކާއި މަގާމުތައް ރައީސް ސޯލިހަށް ތާއީދު ކުރާ މެމްބަރުން ހިސޯރުކޮށްފައިވާ ކަމަށް އެ ފެކްޝަނުން ދެކެ އެވެ.

ނަމަވެސް، މައްސަލަ ހައްލު ކުރަން ޕާޓީގެ ގުނަވަންތަކާއި އާންމު މެމްބަރުންގެ ބޭނުން ނަޝީދުގެ ފެކްޝަނުން ހިފި ކަމާމެދު ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ.

"އެމްޑީޕީން ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ނުކުރާތީއެއް ނޫން އާ ޕާޓީ އުފައްދަންޖެހުނީ. އެހެން ނަމަ، އެބަ ހުއްޓޭ މިހާރު ވެސް ނިޒާމުގެ ތެރެއިން، ޕާޓީގެ ތެރެއިން އޮޕަރޭޓު ކުރުމުގެ ފުރުސަތު. އެ އެޖެންޑާ ޕުޝް ކުރަން ސަޕޯޓް ނެތުމަކީ އެހެންކަމެއް. އެހެންވިއްޔާ ގްރާސް ރޫޓު މޮބިލައިޒް ކުރެވިދާނެ. ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މުޒާހަރާ ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް،" މި ނޫހާ ވާހަކަ ދެއްކި ޕޮލިޓިކަލް ސައިންޓިސްޓު ބުންޏެވެ.

އެހެންވިއްޔާ ޑިމޮކްރެޓުން އުފައްދަންޖެހުނު ހަގީގީ ސަބަބަކީ ކޮބައިތޯ އެވެ؟ ތަޖުރިބާކާރުން ބުނަނީ އޭގެ ފަހަތުގައި އޮތް ހަމައެކަނި ސަބަބީ ނަޝީދު އަނބުރާ ވެރިކަމަށް ވަޑައިގަތުން ކަމަށެވެ.

"ސަބަބުތަކަކާ ހުރެ ދިޔުން މައްސަލައެއް ނޫން. އެކަމަކު، އަހަރުމެން އެންމެނަށް ވެސް އެނގޭ، އަލްޓިމޭޓްލީ ރައީސް ނަޝީދު މި ބޭނުންވަނީ އަނބުރާ ބާރު ހޯއްދަވަން. ދެން ނަޝީދުގެ ލަނޑުދަނޑިތަކުގެ ތެރޭގައި މި ހުންނަނީ ބަރުލަމާނީ ނިޒާމަކަށް ދިޔުން ފަދަ ކަންކަން. އެކަމަކު އަސްލު ބޭނުމަކީ އަނެއްކާ ވެސް [ނަޝީދު] ބާރު ހޯއްދެވުން. އެއީ މި ޕާޓީ އުފައްދަންޖެހުނު ސަބަބަކީ،" ކުރިން ވާހަކަ ދެއްކި، ކަމާ ގުޅޭ ތަޖުރިބާކާރު ބުންޏެވެ.

ޑިމޮކްރެޓުން އުފެދުމާއި ޕީޕީއެމްގެ މަޑުމައިތިރިކަމާ އޮތް ގުޅުން

ވެރިކަން ހިންގާ ޕާޓީގެ ތެރެއިން ބަޔަކު ނިކުމެ އާ ޕާޓީއެއް އުފެއްދުމަކީ ދުނިޔޭގައި އަލަށްވާ ކަމެއް ނޫނެވެ. ބޮޑެތި ޕާޓީތައް ރޫޅި އޭގެ ތެރެއިން އެހެން ފިކުރުތައް ބޮޑުވި މަންޒަރު ރާއްޖޭގައި ވެސް ފެނިއްޖެ އެވެ. މިހާރު އިދިކޮޅުގައި އޮތް މޯލްޑިވްސް ޕްރޮގްރެސިވް ޕާޓީއަކީ ދިވެހިރައްޔިތުންގެ ޕާޓީން އުފެދުނު ޕާޓީއެކެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަކީ ޕީޕީއެމްގެ ތެރެއިން އުފެއްދި ކުޑަ ޕާޓީއެކެވެ.

އެކަމަކު، ޑީއާރްޕީގެ ތެރެއިން ޕީޕީއެމް އުފެދުމާއި ޕީޕީއެމްގެ ތެރެއިން ޕީއެންސީ އުފެދުމާއި އެމްޑީޕީގެ ތެރެއިން ދަ ޑިމޮކްރެޓްސް އުފެދުނު ގޮތް ތަފާތެވެ. ޕީޕީއެމް އުފެދުނީ އިދިކޮޅު ޕާޓީގެ ލީޑަރުން ޕާޓީގެ ބާރު ހޯދަން ހިފައިގަތުމުންނެވެ. ޕީއެންސީ އުފެއްދީ ޕީޕީއެމް ވެރިކަމުގައި އޮއްވާ ޕާޓީގެ ބާރު ގެއްލިދާނެތީ ބެކަޕެއްގެ ގޮތުގަ އެވެ.

ނަމަވެސް، ޑިމޮކްރެޓުން އުފެދުނީ ހުސް ޖާގައަށް ބާރު ދަމާ އުސޫލުން ކަމަށް ތަޖުރިބާކަރުން ދެކެ އެވެ. ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ވެސް ހޯދި އެވެ. ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރުމަށް އޮތް ހުރިހާ އާރަކާއި ބާރެއް އެމްޑީޕީއަށް އޮތީ ލިބިފަ އެވެ. އެހެން ކަންތައްވަމުންދިޔައިރު ވެރިކަމުން އިދިކޮޅަށް ވެއްޓުނު، ޕީޕީއެމްގެ އަޑު ދިޔައީ ކެނޑެމުންނެވެ. އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރާނެ ބަޔަކު ހަގީގަތުގައި ނެތެވެ.

"މިއީ ހަމަ، ނުވެ ނުދާނެ ކަމެއް. މީގައި ދެ ކަމެއް މި މެދުވެރިވީ. އެއް ކަމަކީ އޮޕޮޒިޝަނެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުން. ސުޕަމެޖޯރިޓީ ލިބުމުން ޕާޓީ ބައިވުމަކީ ވަރަށް ގިނައިންވާ ކަމެއް. އާންމު ގޮތެއްގައި ސުޕާމެޖޯރިޓީ ލިބޭ ބަޔަކަށް ވަރަށް ބޮޑު ގޮންޖެހުމަކަށް އެކަން ވަނީ،" ފެށިއިރު މި ލިޔުމަށް ވާހަކަ ދެއްކެވި ޑރ. ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ޕާޓީއެއްގެ ރޯލު ޕީޕީއެމުން ފުރިހަމައަށް އަދާކުރި ނަމަ ނަޝީދު، އިދިކޮޅު ޕާޓީއެއްގެ ރޯލު ކުޅެންޖެހިވަޑައިގަންނަވާނެ ސަބަބެއް ނޯންނާނެ އެވެ.

"ޑިމޮކްރަސީއެއްގައި ސަރުކާރަށް ފާޑުކިޔާ މީހުން އަބަދުވެސް ތިބޭނެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި [ޒިންމާދާރު ސިޔާސީ ޕާޓީއެއް] އޮތް ނަމަ ނަޝީދު ނުދަމާނެ އެ ދިމާލަކަށް. މި ސަރުކާރަށް ފާޑުކިޔުމުގައި ދަމުންދަމުން ގޮސް އެންމެ ފަހުން އެދިޔައީ އިދިކޮޅަށް. ހުސްކަމެއް، ވޮއިޑެއް އޮތިއްޔާ އެ ދިމާލަށް ދަމާނެ. އިދިކޮޅުގެ ރޯލު އަދާ ކުރުމުގެ ޖާގަ އޮވެ، އެކަމަކު އެކަން ނުކުރަންޏާ އެ ދިމާލަށް ދާނީ ސަރުކާރު ހިންގާ ޕާޓީގެ ބަޔަކު،" އޭނާގެ ހިޔާލު ފާޅުކުރައްވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ. "ސިޔާސީ މައިދާނުގައި ހުސް ކަމަކަށް ޖާގައެއް ނުލިބޭނެ."

އިދިކޮޅު ޕާޓީއެއްގެ ރޯލު ފުރިހަމައަށް ނެތް މުޖްތަމައަކަށް އެ ރޯލު ކުޅޭނެ ބަޔަކު އުފަންވުމަކީ ޑރ. ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ގައުމަށް ލިބުނު ފައިދާއެކެވެ.

"މިއީ ޑީމޮކްރަސީއަށް ލިބޭ ކުރިއެރުމެއް. ރައްޔިތުންނަށް ބާރު ލިބުމުގެ، ރައްޔިތުންގެ އަޑުގަދަވުމުގެ ފުރުސަތު ބޮޑުވާނެ. ކުރިއަށް އޮތް އިންތިހާބު ވެސް ވާދަވެރިވުމުގެ ފުރުސަތު ބޮޑުވީ މިވާ ގޮތުން،" އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރުންގެ ވާހަކަތައް އަޑު އެހުމުން، އެމްޑީޕީ ބައިވުމަކީ އުސޫލީ ހަމަތަކަށް ބަލާއިރު ރަނގަޅު ކަމެއް ކަމަށް ބުނެވިދާނެ އެވެ. ތަފާތު ފިކުރުގެ ޕާޓީތައް އޮވެ، އެ ޕާޓީތަކުން ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ގިނަ ޕާޓީ އެކުލެވޭ ޕާޓީ ނިޒާމެއްގެ އެންމެ މުހިންމު އެއް ކަމަކީ ގިނަ ހިޔާލަށް ފުރުސަތު ދިނުމެވެ. ނަމަވެސް، ވަކި މީހަކަށް ބާރު ހޯދަން ސިޔާސީ ޕާޓީ ހެދުމުން އޭގެ ހެޔޮ ނަތީޖާ ގައުމަކަށް ނުފެންނާނެ އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox