ޗެންނާއީ، އިންޑިއާ (މެއި 25) - ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ފްރެންޗައިސް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޕްލޭއޮފް އެލިމިނޭޓާ މެޗުގައި ލަކްނައު ސުޕަ ޖަޔަންޓްސް ކައިރީގައި ފެންވަރު ދައްކާލައި، މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ މުމްބާއީ އިންޑިއަންސް ފަހު ޕްލޭއޮފަށް ދަތުރުކޮށްފި އެވެ.
ޗެންނާއީގެ ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު ރޭގެ މެޗުގައި ޓޮސް ދިމާވުމުން، މުމްބާއީ އިންޑިއަންސް އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން މުމްބާއީ އިންޑިއަންސް އަށް އެެއްކުރެވުނީ 182 ލަނޑެވެ.
މުމްބާއީ އިންޑިއަންސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 23 ބޯޅައިން 41 ލަނޑު އެއްކޮށްދިން ކެމަރޫން ގްރީން އާއި 20 ބޯޅައިން 33 ލަނޑު ހެދި ސޫރްޔަކުމާރް ޔާދަވް އެވެ.
މުމްބާއީ ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ އަށް މިއީ އެންމެ ރަނގަޅު ދުވަހެއް ނޫނެވެ. އޭނާ އަށް އެއްކުރެވުނީ 10 ބޯޅައިން 11 ލަނޑެވެ. އަދި އަރަމުން އަންނަ ތަރި، އިޝާން ކިޝަން އަށް ވެސް ހޯދުނީ 12 ބޯޅައިން 15 ލަނޑެވެ. މުމްބާއީ އިންޑިއަންސް އަށް ހަމަނޭވައެއް ލެވުނީ ސޫރްޔަކުމާރާއި ގްރީންގެ ހިތްވަރުންނެވެ. މި އިނިންގްސްގައި ލަކްނައު ޖަޔަންޓްސްގެ ނަވީން އުލް ހަގް ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ލަކްނައު ޖަޔަންޓްސް އަށް 16.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެއްކުރެވުނީ 101 ލަނޑެވެ. އެހެންވެ، މުމްބާއީ އިންޑިއަންސް އަށް މެޗު ލިބުނީ 81 ލަނޑުންނެވެ.
ލަކްނައުގެ މާކަސް ސްޓޮއީނީސް ވަނީ 27 ބޯޅައިން 40 ލަނޑު އެއްކުރިއިރު، މި އިނިންގްސްގައި ތަފާތު ދެއްކީ މުމްބާއީ އިންޑިއަންސްގެ ކުޅަދާނަ ބޯލަރު، އާކާޝް މާންޑްވާލް އެވެ. އޭނާ ވަނީ ފަސް ވިކެޓް ނަގައި ތަފާތު ދައްކައިފަ އެވެ. ފަސް ވިކެޓްގެ ތެރެއިން ފަހު ހަތަރު ވިކެޓް ނެގީ ތަފާތު ރޫހެއްގައި ކުޅެގެންނެވެ.
މުމްބާއީ އިންޑިއަންސް އިން ފައިނަލުގެ ޖާގައެއް ހޯދަން ހުކުރު ދުވަހުގެރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، ގުޖުރާތު ޓައިޓަންސްއާ އެވެ. އެ މެޗުން މޮޅުވާ ޓީމެއް އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ 10 ވަނަ ފަހަރަށް ފައިނަލަށް ދަތުރުކުރި ޗެންނާއީ ސުޕަ ކިންގްސް އެވެ. ޗެންނާއީން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައިފަ އެވެ.












