ރިޕޯޓުޔާމީން މައްސަލައިގައި ކުރި ހުކުމް އަދުލުގެ ނިޒާމަށް ވެސް މުހިންމު، ދިފާއުން ދެކެނީ ކުރި ލިބިއްޖެ ކަމަށް

ޔާމީން މައްސަލައިގައި ކުރި ހުކުމް އަދުލުގެ ނިޒާމަށް ވެސް މުހިންމު، ދިފާއުން ދެކެނީ ކުރި ލިބިއްޖެ ކަމަށް

ޔާމީން މިނިވަންވި ނަމަވެސް ނުވަތަ ޖަލުގައި މަޑުކޮށްލަން ޖެހިވަޑައިގަތް ނަމަވެސް ކޯޓުތަކުން އަމަލު ކުރީ އިންސާފަށްކަން ސާފުކޮށް ފެންނަންޖެހެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުން އެ މަގު އޮތީ ތަނަވަސްވެފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު "އަދަދު"އަށް އިންޓަވިއު ދެއްވަނީ -- އަދަދު ފޮޓޯ: އަބްދުﷲ އިޔާން
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު "އަދަދު"އަށް އިންޓަވިއު ދެއްވަނީ -- އަދަދު ފޮޓޯ: އަބްދުﷲ އިޔާން

ރ. ފުއްގިރީގެ ޝަރީއަތުގައި ހެކިތަކެއް ބަލައިގަތުމުގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ހައި ކޯޓުން ދެމެހެއްޓުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ވަޑައިގަތީ ހައި ކޯޓުގެ ހުކުމް ބަދަލުކުރަން މައްސަލަ އަލުން އެ ކޯޓަށް ތަހުވީލު ކުރަން ނުވަތަ ފޮނުވަން އެދި އެވެ.

ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ ދެކޮޅަށް ނިންމި ހައި ކޯޓުގެ ނިންމުން ދަމަހައްޓާށެވެ. ފެންނަ ފެނުމުގައި ކޯޓުތަކުގެ ތެރެއިން ޔާމީނަށް އަނެއް ބޮޑު ނާކާމިޔާބީ އެވެ.

އެކަމަކު، އެ މައްސަލައިގައި ދައުލަތާއި ޔާމީންގެ ފަރާތުން ކުރި ބަހުސްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އުސޫލުތަކެއް ކަނޑައަޅައިވާތީ ޔާމީންގެ ވަކީލުންގެ ޓީމުން ބުނަމުން ދަނީ ހުކުމް އައީ "ހީކުރި ވަރަށް ވުރެ ވެސް ރަނގަޅަށް" ކަމަށެވެ. އެ ބޭފުޅުންނަށް އެއީ މަސައްކަތް ފަސޭހަކޮށްދިން، ފާހަގަ ކުރަންޖެހޭވަރުގެ ކާމިޔާބީއެކެވެ.

އެގޮތަށް ދެކެންޖެހޭ ސަބަބުތައް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ޔާމީންގެ ވަކީލުންގެ ޓީމު ލީޑު ކުރައްވާ އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކިޔައިދެއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުން އަޅުގަނޑުމެން ޔާމީންގެ މައްސަލައިގައި އަދި ފުއްގިރީގެ މައްސަލައިގައި މައުސޫމްކަން ސާބިތުކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ،" ޖަމީލް އެމަނިކުފާނުގެ އޮފީހުގައި އިންނަވާ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ތަހުގީގުގެ ހުރިހާ ލިޔުމެއް ބެލުމުގެ ފުރުސަތު

ޖަމީލު ވިދާޅުވީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާއިރު މީގެ ކުރިން ދައުލަތުން އެމީހަކަށް ދެނީ ދައުލަތުން ބޭނުންވާ ލިޔުމެއް ކަމަށެވެ.

އެކަމަކު، ފުއްގިރި މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅީ ދިފާއުން އެދޭ ނަމަ ތަހުގީގު އިދާރާތަކުގެ ތަހުގީގު ފައިލް ލޮގާއެކު ބެލުމުގެ ފުރުސަތު ދިފާއުވާން މަސައްކަތް ކުރާ މީހާއަށް ދޭން ވާނެ ކަމަށެވެ. އޭގެ ތެރޭގައި، އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި އެހެނިހެން ތިން ވަނަ ފަރާތްތަކުގައި ހުރި ލިޔުންތައް ވެސް ހިމެނޭނެ އެވެ.

އެ އުސޫލުގެ ސަބަބުން، ޕްރޮސެކިއުޝަނުން ދިފާއަށް ވަކި ލިޔުމެއް ދީފައި އެހެން ލިޔުމެއް ނުދިނުމުގެ އިހްތިޔާރު ނޯންނާނެކަން ޖަމީލް ފާހަގަކުރެއްވި އެވެ. ޖިނާއީ އިޖުރާއަތު އައި ފަހުން ވެސް މިފަދަ ގޮތަކަށް ދިފާއުވާ މީހަކަށް ލިޔުންތައް ހޯދޭނެ މަގެއް ނޯންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ މީހެއްގެ މައުސޫމްކަން ސާބިތުކުރަން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

"ސުޕްރީމް ކޯޓުން މި ބުނާ އެއްޗަކީ މިހާރު މައްސަލައިގައި ހިމެނޭ ޕާޓީތަކުން [ދަށު ކޯޓުގެ] ފަނޑިޔާރަށް އެ އެޕްލިކޭޝަން މޭކް ކުރާށޭ. ކުރީމަ ފަނޑިޔާރު ޖެހޭނެއޭ އެ އަމުރު ނެރެދެއްވަން ދައުލަތުގެ އިދާރާގެ މައްޗަށް،" ޖަމީލް ވިދާޅުވި އެވެ.

މީހެއްގެ މައްޗަށް ތުހުމަތެއް ކޮށްގެން އުޅޭ އިރު، ދައުލަތުގެ ކޭސް 'ކޮލެޕްސް' ކޮށްލަން ނުވަތަ ރޫޅާލަން އެހީތެރިވާ ކޮންމެ ލިޔުމެއް ދޭން ޖެހުމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތުން ހަމައެކަނި މީހާ ކުށް ކުރި ކަމަށް ދޭހަވާ މިންވަރަށް ލިޔުންތައް ނުދެއްކޭނެ ކަމަށާއި މުޅި މަންޒަރު ފެންނަ ގޮތަށް ފައިލް ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ފައިލް ނުލިބުމުގެ ސަބަބުން ގެއްލުންވި ގޮތުގެ މިސާލު އޭނާ ނެންގެވީ ގއ. ވޮޑަމުލާގެ ޝަރީއަތުންނެވެ. އެ ޝަރީއަތުގައި ދައުލަތުގެ ހުރިހާ ލިޔުމެއް ދިނުމަށް އެދުނަސް، އަތުގައި ހުރި ހުރިހާ އެއްޗެއް ދީފައިވާނެ ކަމަށް ދައުލަތުން ބުނަމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ މައްސަލައިގައި ވެސް ޗެކަކުން ޖަމާވި ފައިސާއެއްގެ ވާހަކަ ދެއްކި އިރު، އެ ޗެކު ނުދައްކާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އެންމެ ފަހުން، ސުޕްރީމް ކޯޓުން ވޮޑަމުލާގެ މައްސަލަ ބެލި އިރު، ޗެކު ނަމްބަރު ދިމާނުވެ މައްސަލަ ޔާމީނާ އެއްކޮޅަށް އެނބުރުނު ގޮތް ޖަމީލް ފާހަގަކުރެއްވި އެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމުގެ ބޭނުން ފުއްގިރީގެ ޝަރީއަތުގައި ވަރަށް ބޮޑަށް ހިފޭނެ ކަމަށް ޖަމީލް ދެކެވަޑައިގަންނަވަ އެވެ. އެ ނިންމުމާއެކު ފުއްގިރީގެ މައްސަލައިގެ ހުރިހާ ލިޔުމެއް ލިބޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އެ ލިޔުންތައް ލިބުމުން ދައުލަތުގެ ކޭސް ވަރަށް ބަލިކަށިކޮށްލެވޭނެ ކަމަށް ވިދާޅުވި އެވެ.

އަލަށް ކަނޑައެޅި މި އުސޫލަކީ، ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި، ފުއްގިރި މައްސަައިގެ އިސްތިއުނާފުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ، ފުއްގިރި މައްސަލައިގެ ފައިލް ދިފާއަށް ދައްކަން ޖެހުނަސް އެއީ މައްސަލައެއް ނޫން ކަމަށެވެ. ފުއްގިރި މައްސަލައިގައި ދައުލަތުގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ޝަފީއު ވިދާޅުވީ، ފޮރުވަން ބޭނުންވާ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި ރައްކާތެރިކުރުމުގެ އަމުރު ނެރެފައިވާ ހެކިތައް ދެއްކުމުން އިސްތިސްނާވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަފީއު ވިދާޅުވީ، ސުޕްރީމް ކޯޓުން އުސޫލު ކަނޑައެޅުމުގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ފައިލް އެއްކޮށް ދައްކާ ކަމަށެވެ. އެގޮތުން، ޔޯގާ ދުވަހުގެ ހަމަލާގެ މައްސަލަ އާއި ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލައިގައި ވެސް ދިފާއަށް ހުރިހާ ލިޔުމެއް ބަލަން ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބާއި ޒިޔަތުގެ ހެކިބަހުގެ ބަހުސަށް ފުރުސަތު

ރިޝްވަތު ގަބޫލު ކުރިކަމުގެ ކުށް ސާބިތު ކުރަން ހުށަހަޅާފައިވާ އަދީބާއި ޒިޔަތުއަކީ ޔާމީންގެ އަދާވާތްތެރިކަން ކަމަށް މީގެ ކުރިން ހިންގި ޝަރީއަތްތަކުގައި ވެސް ޔާމީންގެ ފަރާތުން ބުނެފައިވެ އެވެ. އެހެންވެ، އެ މީހުންގެ ހެކިބަސް ޔާމީނާ ދެކޮޅަށް ނުނެގޭނެ ކަމަށް ވަކީލުން ދެކެވަޑައިގަންނަވަ އެވެ.

ޖަމީލް ވިދާޅުވީ، އަލަށް އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި ޝަރީއަތަށް ފުރަތަމައަށް ވެސް ބަލައިނުގަނެވޭނެ "އިންއެޑްމިސަބަލް ހެކިތައް" ބަޔާންކޮށްފައިވާއިރު، އަދާވާތްތެރިކަން އޮންނަ މީހަކީ އެފަދަ ހެއްކެއް ކަމަށެވެ.

އެހެންވެ، އާ ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަކީ ޔާމީނަށް މަސްލަހަތު ބޮޑު ގޮތަކަށް ވާއިރު، އެ ގާނޫނު މާޒީއަށް ތަތުބީގުކުރެވޭނެ ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި ބުންޏެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނިންމީ އެ ގާނޫނު މާޒީއަށް ތަތުބީގު ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތެއްގައި އެ ގާނޫނުތައް ހިންގަން ފަށަންވާނީ އެ ގާނޫނުތަކަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކަމަށް ވެސް ކޯޓުން ނިންމި އެވެ.

އެކަމަކު، އަދީބާއި ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތަސް، އަދި ހެކިބަސް ނަގަން ފަށާފައިނުވާއިރު، އެ ދެ މީހުން ހެކިންގެ ގޮތުގައި ހުށަހެޅުމުން، އާ ހެއްކާ ބެހޭ ގާނޫނަށް ރިއާޔަތްކޮށް ހެކިބަސް ގަބޫލުކުރުމާ ދެކޮޅަށް ވާހަަކ ދެއްކުމުގެ ފުރުސަތު ޔާމީނަށް އެބަ އޮތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. އަދި އަދީބާއި ޒިޔަތުގެ ވާހަތައް ބަލައިގަތުމާ މެދު ގޮތް ނިންމުމަކީ އާހިރުގައި ދަށު ކޯޓުގެ ފަނޑިޔާރުގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ، އަދީބާއި ޒިޔަތަށް ބުރަދަން ދިނުމުގެ ބަހުސް އާ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ކުރުމުގެ ފުރުސަތު ޔާމީނަށް އެބަ އޮތެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ޔާމީނާ ދެކޮޅަށް ވަކި ގޮތަކަށް ހެކިބަސް ދިނުމުގެ މޯޓިވްއެއް އަދީބާއި ޒިޔަތުގެ އޮތްކަން ވަރަށް ސާފެވެ. އެ މީހުން ދައުލަތަށް ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމާއި ނުކުރުމާ މެދު ދައުލަތަށް ގޮތް ނިންމިދާނެ ކަމަށް ދައުލަތުން ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގައި އޮންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެހެންވެ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ "އިންޑިއުސްމެންޓް" ނުވަތަ ދައުލަތުން ހުށަހެޅި ކަމެއްގެ ބަދަލުގައި ހެކިބަސް ދިނުމެވެ. މައްސަލައާ ގުޅޭ ލިޔުންތައް ދޭން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާތީ، އަދީބުގެ އެއްބަސްވުން ހޯދައި އެ ވާހަކަތައް ދައްކަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އަދީބާއެކު ދައުލަތުން ހަދާފައިވާ] މި އެއްބަސްވުން އަޅުގަނޑުމެން ހޯދާނަން، މި އެއްބަސްވުން އަޅުގަނޑުމެންނަށް ލިބުމުން ރައީސް ޔާމީންގެ މައްޗަށް އުފައްދައިގެން އުޅޭ މުޅި މައްސަލަ ނެތިކޮށްލެވޭނެ،" ޖަމީލް ވިދާޅުވި އެވެ.

ގުޅޭ ހެކި ވަކިކުރުން

ޖަމީލް ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން ހައްލު ހޯދައިދިން އަނެއް ކަމަކީ "ރެލަވަންޓް" ނޫން ނުވަތަ ގުޅުމެއް ނެތް ހެކިތަކާއެކު ދައުލަތުން ގަނޑުކޮށް ސަތޭކައެއްހާ ހެކި އެއްފަހަރާ ހުށަހަޅާ މައްސަލަ އެެވެ.

މިސާލަކަށް ވައިގެ މަގުން ޑްރަގް އެތެރެ ކުރި މައްސަލައެއްގައި "ކަސްޓަމްސްގެ އެ ދުވަހުގެ ޔައުމިއްޔާއެއް" ވެސް ދައުލަތުން ހުށަހަޅާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ހެކިތައް މައްސަލައާ ގުޅޭ ގޮތެއް ދައުލަތަށް ބުނެނުދެވޭ އިރު ޝަރީއަތުން ގަނޑުކޮށް އެ ހެކިތައް މައްސަލައާ ގުޅުން ހުރި ކަމަށް ބަލައިގަންނަ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ރެލަވެންޓް ހެއްކެއް ނޫންތޯ ޝަރީއަތަށް ހުށަހެޅޭނީ، އަތުގައި ޖެހޭ ކޮންމެ އެއްޗެއް މިއީ ހެއްކެކޭ ކިޔާފައި ހުށަހަޅާއިރު ދެ ފަރާތުގެ ވަގުތު ގެއްލެނީ،" ޖަމީލް ވިދާޅުވި އެވެ.

ފުއްގިރި މައްސަލައިގެ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުގެ ވިސްނުމަކީ ވެސް ހެކިތައް ބަލައިގަންނަ އިރު، ހެކިތައް މައްސަލައާ ގުޅޭ ގޮތެއް ވަކިވަކިން ބުނެދޭން ނުޖެއްސުމެވެ. އެއީ ގުޅޭ ހެކިތަކެއް ކަމަށް ޖުމްލަކޮށް ބުނުމުގައި މައްސަލައެއް ނެތް ކަމަށް ފަނޑިޔާރު ދެކެވަޑައިގަންނަވަ އެވެ.

ދަށު ކޯޓު ފަނޑިޔާރުގެ ނިންމުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ކަނޑަނޭޅިޔަސް، ހެކިތައް ގުޅޭ ގޮތް ބުނެނުދީ މައްސަލަ ކުރިއަށްގެންދިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ފާހަގަކުރީ ހެކި ބަލައިގަތުމަށް ނުވަތަ ހެކި ބަލައިނުގަތުމަށް ނިންމާ ކޮންމެ ނިންމުމަކި ވެސް މައްސަލައިގެ ސީދާ ހުކުމަށް އަސަރުކޮށްފާނެ ނިންމުންތަކެއް ކަމެވެ. ދަށު ކޯޓުގެ ފަނޑިޔާރަކީ، ހުށަހަޅާ ހެކިތައް ޝަރީއަތަށް ބަލައިގަތުމާ މެދު ގޮތް ނިންމާ "ދޮރުވާނު" ގެ ގޮތުގައި ސިފަކޮށް، އެ ހުކުމުގައި ވަނީ އެފަދަ ނިންމުންތައް އިންސާފުވެރިވާން ޖެހޭނެ ކަމަށެވެ.

އެހެންވެ، ބަހުސެއް އޮތް ހާލަތެއްގައި، ހެއްކާ މެދު ނިންމާ ގޮތުގެ ސަބަބުތައް ދެ ފަރާތުގެ ވާހަކައިގެ ހުލާސާއާއެކު ފަނޑިޔާރު ބަޔާންކުރަންވާނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ކޮންމެ ހެއްކަކާ މެދު ފަނޑިޔާރަށް ފެންނަ ގޮތް ވަކިވަކިން ބަޔާންކުރަންވާނެ ކަމަށް ވެސް ވެ އެވެ.

ގުޅުންހުރި ހެކިތައް ކަނޑައަޅާނެ ގޮތުގެ މިސާލުތައް ވެސް ބަޔާންކުރި އެ ހުކުމުގައި ވަނީ ސަބަބުތައް ވަކިވަކިން ބަޔާން ކުރުމަކީ ބުރަ މަސައްކަތެއް ނަމަވެސް، ކަންފަސޭހަ ގޮތް އިހްތިޔާރު ނުކުރެވޭނެ ކަމަށެވެ.

"އެ ހުރިހާ ބުރަ މަސައްކަތަކާއެކު ވެސް ފަނޑިޔާރުން ކުރައްވާ ބުރަ މަސައްތަކަށް ޝުކުރުއަދާ ކުރަން. އެކަމަކު، އަދުލުއިންސާފު ގާއިމް ކުރުމުގައި ކުރު އަދި ކަންފަސޭހަ މަގެއް އިހްތިޔާރުކުރެވެން ނެތް،" ކޯޓުން ބުނެފައިވެ އެވެ.

ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލުތަކަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދައުލަތުން ކުރާ ދައުވާއަކުން ދިފާއުވެ މައުސޫމުކަން ސާބިތުކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ނިންމުމުގެ ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހާއްސަކޮށް ދަށު ކޯޓުގައި ކުރިއަށްދާ ފުއްގިރި މައްސަލައިގައި ޔާމީންގެ މައުސޫމުކަން ސާބިތުކުރަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންއަށް އިންސާފު ލިބި، ޝަރީއަތުން ފަހިވާންޖެހޭ ކޮންމެ ދޮރެއް ވީހާ ވެސް ފުޅާކޮށް ފަހިވުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ. ޔާމީން މިނިވަންވި ނަމަވެސް ނުވަތަ ޖަލުގައި މަޑުކޮށްލަން ޖެހިވަޑައިގަތް ނަމަވެސް ކޯޓުތަކުން އަމަލު ކުރީ އިންސާފަށްކަން ސާފުކޮށް ފެންނަންޖެހެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުން އެ މަގު އޮތީ ތަނަވަސްވެފަ އެވެ.

ނަޖާހު މަސްއޫދު

ޖާނަލިސްޓު

ނަޖާހު މަސްއޫދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު އަދި 2021 ވަނަ އަހަރު އެންމެ މޮޅު ފީޗާ ލިޔުންތެރިޔާގެ އިނާމެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox