ޗެންނާއީ، އިންޑިއާ (މެއި 24) - އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް ބަލިކޮށް އިންޑިއަން ޕްރިމިއާ ލީގުގެ ފައިނަލުން 10 ވަނަ ފަހަރަށް ޗެންނާއީ ސުޕަކިންގްސް (ސީއެސްކޭ) ޖާގަ ހޯދައިފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަގުބޫލު ކްރިކެޓް ލީގުގެ ފައިނަލުން ޗެންނާއީ ޖާގަ ހޯދީ ރޭ ކުޅުނު ޕްލޭއޮފް މެޗުގައި ގުޖުރާތު 15 ލަނޑުން ބަލިކޮށްގެންނެވެ. މިއީ، އައިޕީއެލްގެ ތާރީހުގައި ގުޖުރާތުގެ މައްޗަށް ޗެންނާއީއަށް ހޯދުނު ފުރަތަމަ މޮޅެވެ.
ރޭގެ ޕްލޭއޮފް މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ގަސްތުކުރީ ހޮވުމަށެވެ. ޗެންނާއީ ކުޅެން އަރައި 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 172 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯލައިން 60 ލަނޑު ހެދި ރުޖުރާޖު ގައިކްވޯޑާއި، 34 ބޯޅައިން 40 ލަނޑު ހެދި ޑެވޮން ކޮންވޭ އެވެ.
މި މެޗުގައި ރުތުރާޖު އާއި ކޮންވޭ އެކުގައި ހެދި 87 ލަނޑާ އެކު ދެ ކުޅުންތެރިންވެފައިވަނީ ޗެންނާއީ އަށް އެއް ސީޒަނެއްގައި ދެ އޯޕަނިން ބެޓްސްމަނުން އެންމެ ގިނަ ލަނޑު ހެދި ދެ ކުޅުންތެރިންނަށެވެ. ކުރިން މި ރެކޯޑު އޮތީ މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު ފަފް ޑު ޕްލެސިސް އާއި ޑެވޮން ކޮންވޭގެ އަތުގަ އެވެެ.
މި ސީޒަންގައި ދެވަނަ އިނިންގްސްގައި އާދަޔާ ހިލާފު ހިތްވަރެއް ދައްކައި މޮޅު ކުޅުމެއް ދެއްކި ގުޖުރާތަށް ޗެންނާއީ ކައިރީގައި ގަދަ ނުދެއްކުނެވެ. އެ ޓީމަށް 20 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ.

ގުޖުރާތާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޗެންނާއީ ޓީމުގެ ކެޕްޓަން، މަހިންދުރަ ސިންގް ދޯނީ.
މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 42 ލަނޑު ހެދި ޝުބަމް ގިލް އާއި 16 ބޯޅައިން 30 ލަނޑު ހެދި ރާޝިދު ޚާން އެވެ.
މި މެޗަކީ މި ސީޒަންގައި ގުޖުރާތުގެ ހުރިހާ ކުޅުންތެރިން އެއް އިނިންގްސްއެއްގައި ނުބައިވި ހަމައެކަނި މެޗެވެ.
ޗެންނާއީ އަތުން ބަލިވި ނަމަވެސް މިދިޔަ އަހަރުގެ ޗެމްޕިއަން ގުޖުރާތަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އެއްކޮށް ނުގެއްލެ އެވެ. ފައިނަލުގެ ފަހު ޖާގަ ހޯދަން އެ ޓީމު ނުކުންނަން ޖެހޭނީ އެލިމިނޭޓާ މެޗުގައި މުމްބާއީ އިންޑިއަންސް އާއި ލަކްނޯ ސުޕަ ޖަޔަންޓްސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މިރޭ އެވެ.
ޗެންނާއީ އާއި ގުޖުރާތު ރޭ ކުޅުނު މެޗަކީ މި ސީޒަންގައި ޗެންނާއީ އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗެވެ. މި މެޗަށް ފަހު އެންމެ ގިނަ ބަޔަކު ކުރަމުން އައި ސުވާލަކީ 41 އަހަރުގެ ދޯނީ އަންނަ ސީޒަންގައި އައިޕީއެލް އިން ފެނުމާ މެދު އެވެ.
އިންޑިއާގެ އެންމެ ލެޖެންޑަރީ ކެޕްޓަން މިކަމަށް ދިނީ ފިނި ޖަވާބެކެވެ. އޭނާ ބުނީ އަންނަ ސީޒަންގައި ވެސް ޗެންނާއީ ޓީމުން އޭނާ ފެންނާނެ ކަމަށާއި ނަމަވެސް ކުޅުންތެރިއެއްގެ ގޮތުގައިތޯ ނޫނީ ކޯޗެއްގެ ގޮތުގައިތޯ އެއީ އަދި ޔަގީން ނުވާކަމެއް ކަމަށެވެ. އަދި އަށް މަސް ދުވަސް އެ ކަމަށް އެބައޮތް ކަަމަށާއި އަވަސް އަރުވާލައިގެން ގޮތެއް ނުނިންމާނެ ކަމަށް ވެސް ކްރިކެޓް ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކެޕްޓަން، ދޯނީ ވަނީ ބުނެފަ އެވެ.












